ފަނޑިޔާރު ޣަނީ ވަކިކުރަން ޖުޑިޝަރީ ކޮމިޓީއިން ތާއީދުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތާއީދުކޮށްފިއެވެ.

ފަނޑިޔާރު އަބްދުލްޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު އެ ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު، މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައެވެ. އަދި އެ ރިޕޯޓު މަޖިލީހުން އިއްޔެ ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޖުޑިޝަރީ ކޮމިޓީން ހަމައެކަނި ބަލާނީ ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ އެވެ.

އެ ރިޕޯޓާ ގުޅިގެން މިއަދު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރުކަން ކުރެއްވީ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖެވެ. ސިރާޖު ވިދާޅުވީ، ކޮމިޓީން ބެލި ބެލިބެލުމުން ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމަށް ޖޭއޭސްސީން ފޮނުވާފައިވާ ރިޕޯޓުގައި އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

"އެގޮތުން ތަހުގީގަށް ހާޒިރުވެ، ތަހުގީގުގެ ސުވާލުތަކަށް ޖަވާބުދާރީވެ، ތަހުގީގު ރިޕޯޓަށްވެސް [ފަނޑިޔާރު ޣަނީ] ޖަވާބުދާރީވެފައިވޭ،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓު އިޖުރާއަތްތައް ފުރިހަމަކޮށްފައިވާތީވެ، އެ ރިޕޯޓު ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާ މެމްބަރު އަބްދުލް ޝަހީމް އަބްދުލް ހަކީމް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރައްވީ ހެންވޭރު އުތުރު ދާއިރާ މެމްބަރު އިބްރާޙިމް މުއިއްޒު އެވެ. އެ ހުށަހެޅުމަށް ކޮމިޓީއަށް ވަޑައިގެންނެވި ހުރިހާ މެމްބަރުންވެސް ވޯޓު ދެއްވި އެވެ.

ޖޭއެސްސީން ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރަމަށް ނިންމީ، ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން އެކޮމިޝަނުން ބަލަމުންދިޔަ އޭނާގެ ސުލޫކީ މައްސަލަތަކާ ގުޅިގެންނެވެ. ޖޭއެސްސީ އިން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ބެލިއެވެ.

ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމަށް ނިންމި ނިންމުމަށް ކޮމިޓީން ތާއީދު ކުރިއިރު، އޭސީސީ އިން ވެސް އަންނަނީ އޭނާގެ މައްސަލައެއް ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުން ދަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީކަމުގައި ހުންނެވި އިރު 2012 ވަނަ އަހަރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. ރ. އަލިފުއްޓަށް އުފަން ފަނޑިޔާރު އަބްދުލްޣަނީ 2000 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީ އިންނެވެ.

comment ކޮމެންޓް