ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލުމުގެ ސުންގަނޑި އިތުރުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމެއް ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރުކަމުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަކިކޮށް، އަދި ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ދީފައިވާ ސުންގަޑިއަކީ މިއަދު މެންދުރު 12:00 އެވެ. ނަމަވެސް ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި، ވަނީ މިއަދު ހަވީރު 16:00 އާ ހަމައަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭ ގޮތަށް ސުންގަޑި އިތުރުކޮށްފައެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބުނެފައިވަނީ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވާންޖެހޭނެ ކަމަށާއި އަދި ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެކަމަށްވެސް އިއުލާނުގައި ވެއެވެ.

ގެ އިތުރުން ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި އޮވެގެން ނުވާނެކަމަށާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް، ނުވަތަ ޓެރަރިޒަމްގެ އަމަލެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތަންފީޒުކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. އަދި ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހަކަށް ވާންޖެހޭކަމަށް ވެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭކަމަށް އިއުލާނުގައި ވެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ދެކަމުގައިވެސް މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހަކަށްވެސް ވާންޖެހެއެވެ.

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މިވަގުތު ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ. އެއީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ނަމަވެސް ފަނޑިޔާރު ޣަނީ ވަކިކުރަން ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. އަދި އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް