ރައީސް ޔާމީން ކޯޓުން ނުކުންނަވާނީ މައުސޫމްކޮށް: ޝިޔާމް

ޖަލްސާއެއްގައި ޝިޔާމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ނިމި ކޯޓުން ނުކުމެވަޑައިގަންނަވާނީ މައުސޫމު ބޭފުޅެއްގެ ގޮތުގައި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީސް ކުރިމަތީ ރޭ ކުރިއަށް ދިޔަ އެއްވުމެއްގައި މެމްބަރު ޝިޔާމް ވިދާޅުވީ މިހާރު ކުރިއަށްދާ ޝަރީއަތް ރާއްޖެއަށް ހެޔޮނޭދޭ އަދި ހެޔޮއެދޭ ގައުމުތަކުންވެސް ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށެވެ.

އަދި މާދަމާ އެ ޝަރީއަތް ނިމޭގޮތަކުން ބައިނަލްއަގުވާމީ ޕްރެޝަރު އަންނާނެކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

"އެއީ މިހާރު މި ޝަރީއަތް މިދަނީ އިންޓަނޭޝަނަލް ނޯމްސްއާ އިންޓަނޭޝަނަލް ސްޓޭންޑަޑާ ހިލާފަށް. އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ އިރާދަކުރެއްވިއްޔާ ރައީސް ޔާމިން ކޯޓްރޫމުން ނިކުމެވަޑައިގަންނަވާނީ މައުސޫމްކޮށް. މައުސޫމްކޮށް އިރާދަކުރެއްވިއްޔާ ނިކުމެވަޑައިގަންނަވާނީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މިއަދު ހުރިހާކަމެއް ރައީސް ޔާމިން އުފައްލަވަން ޖެހޭ ސަބަބަކީ އާ ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެވުން ކަމަށެވެ. އަދި ރައްޔިތުންނަށާއި ރައްޔިތުންގެ ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދީ ސަރުކާރުން ބަދަލުހިފުމުގެ ރޫހުގައި މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރު މިހާރު ހިނގަމުންދަނީ ރައްޔިތުންގެ ޓެކްސް ފައިސާ ކައިރީގައިި ތިބި މީހުންނަށް ބަހާލައިގެން ކަމަށެވެ.

"އެހެންވީމާ މިކަމުގެ ވާހަކަ ދައްކަން އޮތް ޕާޓީއަކީ އަޅުގަނޑުމެން. މިކަމުގެ ވާހަކަ ދައްކަން ހުރި ހަމައެކަނި ޕާޓީ ލީޑަރަކީ ރައީސް ޔާމީންކަމަށްވާތީ އެމަނިކުފާނަށް މި ތަކުލީފު ސަރުކާރުން މި ޖައްސަނީ،" ޝިޔާމް ވިދާޅުވިއެވެ.

ފަނޑިޔާރު އަލީ ރަޝީދު ފަނޑިޔާރުންގެ ބެންޗުގައި އިނދެވިގެންވާނެ ކަމަށް ގަބޫލް ނުކުރައްވާ ކަަމަށާއި އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލާގޮތްވެސް ބަލަން ޖެހިފައިވާ ކަަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ކުރިން ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ސަސްޕެންޑްވެސްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ ރައީސް ޔާމީންއަށް ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށެެވެ. ޝިޔާމް ވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ފެށިއިރު ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ނުބަލާތީ ޖޭއެސްސީގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދަވައިފައެވެ.

ރައީސް ޔާމިންގެ ޝަރީއަތުގައި ވަކިގޮތަކަށް ހުކުމްކުރުމަށް ވަރަށް ބޮޑަށް ޕްރެޝަރުރިކަމަށް ގާޒީ ހައިލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ދޮގު ކުރައްވައި ގާޒީ އަލީ ރަޝީދު މީޑިއާއަށް މައުލޫމާތު ދެއްވާފައިވާތީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޕީއެންސީ އަދި ޕީޕީއެމްއިން ވަނީ އެކަން ހުށަހަޅައިފައެވެ.

comment ކޮމެންޓް