މަސައްކަތްތެރިން ތަމްސީލުކުރާ ޖަމިއްޔާތައް މަޖިލީހަށް ހާޒިރުވި އިރު މެމްބަރުން ނާދޭ!

މިނިމަމް ވޭޖްގެ ބިލް ޑްރާފްޓުކުރާ ސަބް ކޮމިޓީގެ ބައްދަލުވުން، މެމްބަރުން ހަމަނުވުމުން ކެންސަލް ކުރުން-- ސަންފޮޓޯ

މަސައްކަތްތެރިން ތަމްސީލުކުރާ ޖަމިއްޔާތަކާ މަޝްވަރާ ކުރަން މިރޭ ބޭއްވަން ތާވަލުކުރި ކޮމިޓީ ބައްދަލުވުމަށް އެ ކޮމިޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ފިޔަވާ އިތުރު މެމްބަރަކު ވަޑައިނުގެންނެވުމުން، ކޮމިޓީ ކެންސަލް ކޮށްފިއެވެ.

މިނިމަމް ވޭޖްގެ ބިލް ޑްރާފްޓްކުރާ ސަބް ކޮމިޓީން މިރޭ 8:30 އަށް ތާވަލުކުރި އެ ބައްދަލުވުމަށް ކޮމިޓީގައި ތިއްބަވާ މެމްބަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ކޮމިޓީ ފަށާ ވަގުތު ޖެހުނުއިރު ވެސް ވަޑައިނުގަންނަވާތީ ކޮމިޓީގެ މުގައްރިރު އީސާ ވަނީ މެމްބަރުންގެ ފޯނުތަކަށް ގުޅުއްވަންވެސް މަސައްކަތް ކުރައްވާފައެވެ.

ކޮމިޓީއަށް ހާޒިރު ނުވާ މެމްބަރުން

  • އިބްރާހިމް ނާޒިލް (ހިތަދޫ ދެކުނު ދާއިރާ)
  • މުހައްމަދު ރަޝީދު (ފުވައްމުލަކު އުތުރު ދާއިރާ)
  • މުހައްމަދު ސައީދު (މާވަށު ދާއިރާ)
  • ހަސަން ޒަރީރު (މަތިވެރި ދާއިރާ)
  • އިސްމާއިލް އަހްމަދު (ދުވާފަރު ދާއިރާ)

އޭގެ ތެރެއިން މަދު މެމްބަރަކު ފޯނަށް ޖަވާބު ދެއްވިއިރު، ގިނަ މެމްބަރުންގެ ފޯނުތައް ހުރީ ނިވާލާފައެވެ. އަދި މެމްބަރުންނަށް ގުޅޭތޯ ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، މާޔޫސްވެވަޑައިގެންނެވުމުން މެމްބަރު އީސާ ވަނީ 8:50 ހާއިރު ކޮމިޓީ ކެންސަލްކުރައްވާފައެވެ.

މަސައްކަތްތެރިން ތަމްސީލުކުރާ ޖަމިއްޔާތަކުގެ ބޭފުޅުން ވަނީ ކޮމިޓީ ބައްދަލުވުން ފަށާ ގަޑިއަށް މަޖިލީހުގެ އިދާރާއަށް ހާޒިރުވެފައެވެ. އޭގެ ތެރޭގައި މާލޭން ބޭރުގައި ތިއްބަވާފައި ވަޑައިގެންނެވި ބޭފުޅުން ވެސް ހިމެނެއެވެ.

ކޮމިޓީއަށް މިރޭ ހާޒިރުވި ޖަމިއްޔާތައް

  • މޯލްޑިވްސް ޕޯޓް ވޯކާސް ޔޫނިއަން
  • މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން
  • ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން

އެއްވެސް މެމްބަރަކު ހާޒިރު ނުވުމުން ކޮމިޓީގެ ކެންސަލްކުރަން ޖެހުމުން މެމްބަރު އީސާ،ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މަސައްކަތެރިން ތަމްސީލުކުރާ ޖަމިއްޔާތަކުގެ ބޭފުޅުން ގޮވައިގެން ވަޑައިގެންނެވީ ސައިފޮދު ހިއްޕަވާށެވެ.

comment ކޮމެންޓް