އިންކަމް ޓެކްސް ބިލުގެ ބަދަލުން އާމްދަނީއަށް 150 މިލިއަން ރުފިޔާ މަދުވާނެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ކޮމެޓީއެއްގައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފަރުދުންގެ އާމްދަނީއިން ޓެކްސް ނެގުމުގެ ބިލް، އިންކަމް ޓެކްސްގެ ބިލަށް މަޖިލީހުގެ ތަޅުމުން ގެނައި ބޮޑެތި ބަދަލުތަކާ އެކު، އަންނަ އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީއިން 150 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ބެލެވިއްޖެ އެވެ.

އިންކަމް ޓެކުހުގެ ބިލަށް މިދިޔަ ބުދަ ދުވަހު މަޖިލީހުގެ މުޅި ކޮމިޓީއިން، ގެނައި އެންމެ ބޮޑު ބަދަލަކީ ފަރުދުންގެ އާމްދަނީއިން ޓެކްސް ނަގަން ފަށާ އަދަދު މަހަކު 40،000 ރުފިޔާއިން 60،000 ރުފިޔާއަށް މަތިކުރުމެވެ.

ސަރުކާރުން މަޖިލީހަށް އިންކަމް ޓެކުހުގެ ބިލް ހުށަހެޅީ މަހަކު 40،000 ރުފިޔާގެ މަތީގެ އާމްދަނީއިން އިންކަމް ޓެކްސް ނަގައިގެން އަންނަ އަހަރު އިތުރަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ސަރުކާރުން ލަފާކޮށްފައި ވަނީ ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އިންކަމް ޓެކްސް ލިބޭނެ ކަމަށެވެ.

އެހެން ނަމަވެސް، އެޖެންޑާ 19ގެ ވައުދާ އެއްގޮތަށް އެ އަދަދު 60،000 ރުފިޔާއަށް ބަދަލު ކުރަން ބިލް އިސްލާހުކޮށްފައި ވުމުން ފިނޭންސްގެ މިހާރުގެ އަންދާޒާއަކީ ލަފާކުރާ އާމްދަނީއިން 150 މިލިއަން ރުފިޔާ މަދުވެ، އެ އަދަދު 450 މިލިއަން ރުފިޔާއަށް ވެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން އެ ޓެކްސް ނަގަން ފަށާ، ތާރީހު ތިން މަހަށް ލަސްކުރާތީވެސް އާމްދަނީއަށް އެ އަސަރު ކުރާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ. ސަރުކާރުން ބިލް ހުށަހެޅީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާ ގޮތަށެވެ.

އިންކަމް ޓެކްސް ބިލަށް ގެނައި އިސްލާހުތައް:

  • ޓެކްސް ނަގަން ފަށާ އާމްދަނީ 60،000 އަށް މަތިކޮށް ބްރެކެޓްތަކަށް ބަދަލު ގެނައުން؛

- 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓް.

- 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.

- 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.

- 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.

- 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

  • އިންކަމް ޓެކްސް ނަގަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސްފަހުން
  • ރާއްޖޭގައި ހިންގާ ކުންފުނިތަކުން ޑިވިޑެންޑަށް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ނަމަ، އިންކަމް ޓެކުހަށް 5.5 ޕަސެންޓް ނެގުން.

އަންނަ އަހަރު ލިބޭ އާމްދަނީ ލަފާކުރިވަރަށް ވުރެ ދަށްވާނެ ކަމަށް މިހާރު ލަފާކުރެވުނު ނަމަވެސް، ބަޖެޓް ކޮމިޓީއިން، އަންނަ އަހަރުގެ ބަޖެޓް ފާސްކޮށްފައި އޮތީ، 366 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅީ، 37.50 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓްގެ ޑެފިސިޓް ނޫނީ ބަޖެޓް ދަރަނި 5.68 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ، އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ ނިސްބަތުން 5.8 ޕަސެންޓެވެ.

އާމްދަނީ މަދުވުމާއި ކޮމިޓީއިން ބަޖެޓަށް ފައިސާ އިތުރުކޮށްފައި ވާތީ، އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް މިހާރު ލަފާކުރާ އަދަދަށް ވުރެ މައްޗަށް ދާނެ ކަމަށް މި ވަނީ ލަފާކުރެވިފަ އެވެ.

comment ކޮމެންޓް