ހަމްބަންތޮޓަ އެއްބަސްވުމާ ބެހޭގޮތުން އަލުން މަޝްވަރާކުރާނަން: ގޯޓާބަޔަ

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ --

ކޮލަމްބޯ (ނޮވެމްބަރު 27): ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ޑިސްޓްރިކްޓުގެ ބަނދަރު 99 އަހަރަށް ޗައިނާއަށް ކުއްޔަށްދޭން ހެދި އެއްބަސްވުމާ ބެހޭ ގޮތުން އަލުން މަޝްވަރާކުރާނެކަމަށް އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ލަންކާގެ ރައީސް ކަމަށް އިސްވެވަޑައިގެންނެވި ގޯޓާބަޔަ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން 2017 ވަނަ އަހަރު ހަމްބަންތޮޓަ ބަނދަރުގެ ކޮންޓްރޯލް ޗައިނާއަށް ދިނުމަކީ ގޯހެކެވެ. އަދި އެ ބަނދަރު ޗައިނާއަށް ދިނުމާ މެދު ގައުމުގެ ރައްޔިތުން ހިތްހަމަނުޖެހޭތީ، ހަމްބަންތޮޓަ އެއްބަސްވުމާ ބެހޭ ގޮތުން އަލުން މަޝްވަރާކުރުމަށް އެދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އިގުތިސާދީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން މުހިއްމު އެ ބަނދަރު [ޗައިނާއަށް] ދިނުމަކީ ރަނގަޅު ގޮތެއްނޫން. އަޅުގަނޑުމެން އަލުން މަޝްވަރާކުރަން ޖހޭ،" ގޯޓާބަޔަ ވިދާޅުވިއެވެ.

ލަންކާއިން ހަމްބަންތޮޓަ ބަނދަރު ޗައިނާއަށް ކުއްޔަށް ދޭން ނިންމީ، އެ ބަނދަރު އަޅަން ޗައިނާއިން ދިން ލޯނު އަނބުރާ ދެއްކެން ނެތުމުންނެވެ. ލަންކާއިން އެ ލޯނު ނެގީ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައެވެ.

މަހިންދަ ލަންކާގެ ވެރިކަން 10 އަހަރަށް ކުރެއްވި އިރު، އޭނާގެ ދެވަނަ ދައުރުގައި ޗައިނާއިން ލަންކާގައި ހަމްބަންތޮޓަ ބަނދަރާއި އާ އެއާޕޯޓަކާއި ޕަވާ ޕްލާންޓަކާއި ހައިވޭތައް އެޅުމަށް 4.8 ބިލިއަން ޑޮލަރުގެ ލޯނު ދިނެވެ. އަދި ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ، ހަމްބަންތޮޓަ ބަނދަރު ކުއްޔަށް ދިނުމަށް ހެދި 1.1 ބިލިޔަން ޑޮލަރުގެ އެއްބަސްވުމުގެ ސަބަބުން އެ ލޯނު ދައްކަން ފަސޭހަވާނެކަމަށް ކުރިން ވިދާޅުވެފައެވެ.

ލަންކާގެ ބައެއް ރައްޔިތުންނާއި އިންޑިއާއިން ވަނީ ޗައިނާއިން އެ ބަނދަރު އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެ ތުހުމަތު ދޮގުކުރައްވާފައެވެ. އަދި ގޯޓާބަޔަ ދެއްވި އިންޓަވިއުގައި އޭނާ ވަނީ މަހިންދަގެ ވެރިކަމުގައި ޗައިނާއާއެކު އޮތީ މުޅިންވެސް ވިޔަފާރީގެ ގުޅުމެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ގޯޓާބަޔަ ވަނީ ލަންކާއިން ދުނިޔޭގެ ބާރުތަކުގެ މެދަށް ވަންނަން ބޭނުން ނުވާކަމަށާއި، ލަންކާއިން ވަކި ފަރާތަކަށް ނުޖެހި ހުރިހާ ގައުމަކާއެކުވެސް ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް