މަންޓާ އެއާއިން އަލަށް ދަތުރުތައް ފަށާނީ ކޫއްޑޫއަށް

މަންތާ އެއާގެ ބޯޓެއް -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

މަންޓާ އެއާގެ ކުރިއަށް އޮތް މަންޒިލަކީ ގއ ކޫއްޑޫ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މަންޓާ އިން މިހާރު ދަތުރު ކުރަނީ ދ. ކުޑަހުވަދޫ އަދި ބ. ދަރަވަންދޫ އެއާޕޯޓަށެވެ. އެ އެއާލައިނުގެ ތިންވަނަ މަންޒިލެއްގެ ގޮތުގައި ކޫއްޑޫ ކަނޑައަލާފައިވާއިރު އަންނަ މަހުގެ އެކަކުން ފެށިގެން ދަތުރުތައް ފަށަން ނިންމާފައިވާކަމަށް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އިން ބުނީ އެ އެއާލައިނުގެ ފްލައިޓު ޝެޑިއުލް ކުރިިއަށްލާ އާންމުކުރާނެ ކަމަށާއި ކަސްޓަމަރުންނަށް ޓިކެޓު ބުކް ކުރުމުގައި މިކަމުގެ ސަބަބުން ފަސޭހަ ވާނެ ކަމަށެވެ. މަންޓާ އިން މިހާރު ވަނީ ކޫއްޑޫ ރޫޓަށް ޓިކެޓު ބުކް ކުރަން ހުޅުވާލައިފައެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މަންޓާ އިން އާ މަންޒިލަކަށް ދަތުރު ފެށުމަކީ އެއާލައިނަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. މަންޓާ އެއާ އިން ކޫއްޑޫ އަށް ދަތުރު ކުރާ ފަސިންޖަރުންނަށް ތަފާތު އެކްސޕީރިއަންސެއް ދޭނެ ކަމުގެ ޔަގީންކަން އެ އެއާލައިނުން ދެއެވެ.

މަންޓާ އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. ކުރިއާލާ ދަތުރު ޝެޑިއުލް އާންމު ކުރުމަކީ އެ އެއާލައިނުގެ ފަސިންޖަރުންނަށް ލިބޭ ބޮޑު ފަސޭހައެކެވެ،

ޑޮމެސްޓިކް ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ ތިން އެއާކްރާފްޓެވެ.

މަންޓާގެ ފްލައިޓު ތަކުގައި ދެ ކެޓަގަރީއެއްގެ ސީޓު ހުރެއެވެ. އެއީ "ސެފަޔާ" އަދި "ކޮމްފޯޓް" ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒްކޮށްފައިވެއެވެ.

މަންޓާ އިން ވަނީ މިދިޔަ ހަފްތާ ސީޕްލޭންގެ ހިދުމަތްވެސް ފަށައިފައެވެ. އެ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި މިހާރު ހަ ބޯޓު އެބައޮތެވެ.

comment ކޮމެންޓް