އިއްސެ މަރާލި މައްސަލައިގައި ހެކިބަސް ނަގައި ނިންމައިފި، ދެން އޮތީ ފަހު އަޑުއެހުން

ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު މަރާލި ކަމަށް އިއުތިރާފުވި، ޝުމަންމިއާ -- ސަން ފޮޓޯ

ހއ. އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގައި ދައުވާ ކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ އާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގައި ނިންމާލައިފި އެވެ.

އިއްސެ މަރާލި މައްސަލައިގައި ޝުމޮން މިއާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މިއަދަށް ތާވަލު ކުރި އެ މައްސަލައިގެ އަޑުއެހުމަކީ އިއްސެގެ މަރާ ގުޅޭ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރުގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. މީގެ ކުރިން އެ ޑޮކްޓަރު ހެކިބަސް ނަގަން ހާޒިރު ކުރެވިފައި ނުވުމުން، އޭނާ ރާއްޖޭގައި އުޅޭތޯ ބެލުމަށް ފަހު ހާޒިރު ކުރެވޭނެތޯ ނުވަތަ ނޫންތޯ ޝަރީއަތަށް އެންގުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް އޮތީ އަންގަވައިފަ އެވެ.

މިއަދުވެސް އެ ޑޮކްޓަރު ހާޒިރު ކުރެވިފައި ނުވެ އެވެ. ދައުލަތުން ބުނީ ދިފާއުންވެސް މެޑިކޯ ލީގަލް ރިޕޯޓާ މެދު ޝައްކު ނުއުފައްދާތީ އެ ޑޮކްޓަރުގެ ހެކިބަސް ނުނަގައި ކުރިއަށް ގެންދަން އެދޭ ކަމަށެވެ. އެހެންކަމުން، އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގައި ނިމުނީ އެވެ. ދިފާއުންވެސް އެއްވެސް ޝަފަވީ ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ގާޒީ މިއަދު ވަނީ ދެން އަޑުއެހުން އޮންނާނެ ދުވަހެއް ތާވަލުކޮށްފަ އެވެ. އެއީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކައި ހުލާސާ ބަޔާން އިއްވާ އަޑުއެހުމެވެ. އެ އަޑުއެހުން ތާވަލު ކުރީ ޑިސެމްބަރު ފަސް ވަނަ ދުވަހަށެވެ.

އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕުލާންޓު: ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލާފައި އޮތީ އެތާގަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީގެ ކުރިން ޝުމޮން މިއާ ވަނީ އިއްސެ މަރާލި ގޮތާއި ސަބަބު ޝަރީއަތުގައި ކިޔައިދީ އިއުތިރާފުވެފަ އެވެ. ޝުމޮން ބުނި ގޮތުގައި އޭނާ އިއްސެ މަރާލީ، އިއްސެގެ ސަބަބުން އޭނާއާ އޭނާގެ އަނބިމީހާއާ މައްސަލަ ޖެހެން މެދުވެރިވުމުންނެވެ.

ޝުމޮން ބުނި ގޮތުގައި އޭނާ އިއްސެ މަރާލަން އައިސްޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެންނެވެ. އޭނާ ބުނި ގޮތުގައި ފުރަތަމަ ހިތުލައިގެން ދިޔައީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށެވެ. އޭރު އިއްސެ އޮތީ ނިދާފައި ކަމަށާއި ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ވިސްނުމުން އެ ކޮޓަރި ތެރޭގައި ހުރިކަބަޑުން ގާތްގަނޑަކަށް ފޫޓެއް ހުންނަ ވަރުގެ ވަޅި އެއް ނެގުމަށް ފަހު އިއްސެ ކައިރިއަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އިއްސެގެ ކަރުގައި ވާގަނޑު އަޅައި ބާރު ކުރަން އުޅުމުގެ ކުރިން އޭނާ ހޭލައި ޝުމޮންގެ ގައިގައި ޖެހި ކަމަށް ޝުމޮން ބުންޏެވެ. ދެން އޭނާ އިއްސެގެ މޭމަތީގައި ދެތިން ފަހަރު ޖެހުމަށް ފަހު ވަޅި ނަގައިގެން އިއްސެގެ އަތަށް ޖެހި ކަމަށްވެސް އޭނާ ބުންޏެވެ.

އިއްސެގެ އަތަށް ވަޅި ހެރުމުން އޭނާ އެ ވަޅި އަތުލި ކަމަށް ޝުމޮން ބުންޏެވެ. އަދި ޝުމޮން އަލުން އެ ވަޅި އަތުލަން އުޅުމުގެ ތެރޭގައި ޝުމޮންގެ އަތް ކަފައިގެން ދިޔަ ކަމަށާއި، އެއަށް ފަހު ވަޅި ނަގައި އިއްސެގެ ކަރަށް ޖެހީ ކަމަށް ޝުމޮން ބުންޏެވެ.

"ދެފަހަރު ވަޅިޖެހިން ކަރަށް. އެވަރުންވެސް އިއްސެ މަރެއްނުވި،" ޝުމޮން ބުނެފައިވެ އެވެ.

ޝުމޮން ބުނީ އެއަށް ފަހު ދަމާފައި އިއްސެ އެނދުން ވައްޓާލުމަށް ފަހު ތިންވަނަ ފަހަރަށް ވެސް ކަރަށް ވަޅި ހެރީ ކަމަށެވެ. އިއްސެއަށް ހަމަލާ ދިނުމަށް ފަހު ވަޅިއާއި ވާގަނޑު އިއްސެ ކައިރީގައި ބޭއްވުމަށް ފަހު ހުރިހާ ދޮރެއް ތަޅުލައި، ބޭރަށް ދިޔައީ ކަމަށް ޝުމޮން ބުންޏެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނުނީ 2018 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހު އެވެ. އެމައްސަލާގައި އޭރު ހަ ބިދޭސީއަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ދެ ބިދޭސީއަކަށް ދައުވާކުރީ އެނގިހުރެ މަރެއް ފޮރުވި މައްސަލާގަ އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިކްރަމް ސެއިހް އަދި މުހައްމަދު މިލޮން އެވެ.

ދެ ބިދޭސީއިންވެސް ވަނީ އެމައްސަލާގައި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެމައްސަލަ ނިންމައި މިމަހުގެ ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެދައުވާ ދެ ބިދޭސީންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

comment ކޮމެންޓް