ޑާކާގެ ކެފޭއަކަށް 2016 ވަނަ އަހަރު ދިން ހަމަލާއާ ގުޅިގެން 7 މީހަކު މަރަން ހުކުމްކޮށްފި

ދެހާސްސޯޅަ ވަނަ އަހަރު ފަސް މީހަކު ވަދެ، ހަމަލާދިން ހޮލީ އާޓިސަން ބޭކަރީ -- ފޮޓޯ: އޭޕީ

ޑާކާ (ނޮވެމްބަރު 27): މީގެ ތިން އަހަރު ކުރިން ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ކެފޭއަކަށް ބަޔަކު ވަދެ ދިން ހަމަލާއާ ގުޅިގެން ހަތް މީހަކު މަރަން ހުކުމްކޮށްފި އެވެ.

އެކެއް ޖުލައި 2016ގައި ޑާކާގެ ހޮލީ އާޓިސަން ބޭކަރީއަށް ހަތިޔާރާ އެކު ފަސް މީހަކު ވަދެ، އެ ކެފޭގައި ތިބި މީހުން 12 ގަޑި އިރުވަންދެން ރަހީނު ކުރި އެވެ. ބަންގުލަދޭޝްގައި ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އެހަމަލާގައި 22 މީހުން މަރުވި އެވެ. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ އަދި އިޓަލީއަށް ނިސްބަތްވާ މީހުން ވެސް ހިމެނުނެވެ.

އެ ކެފޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ބަންގުލަދޭޝްގެ ސަލާމަތީ ފައުޖުތަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހަމަލާ ދިން ފަސް މީހުން ވެސް މަރުވި އެވެ. ނަމަވެސް އެމީހުން ރަހީނު ކުރި 60 ވަރަކަށް މީހުންގެ ތެރެއިން ގިނަ މީހުން ސަލާމަތް ކުރެވުނެވެ.

އެ ހަމަލާގެ ޒިންމާ އައިއެސްއިން ނެގި ނަމަވެސް ބަންގުލަދޭޝްއިން ވަނީ އެ ހަމަލާ ދިނީ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް މުޖާހިދީން އިން ކަމަށް ބުނެފަ އެވެ. އަދި މިއަދު ޑާކާގެ އެންޓި ޓެރަރިޒަމް ސްޕެޝަލް ޓްރައިބިއުނަލް އިން ވަނީ އެ ހަމަލާ ރޭވުމާއި ހަތިޔާރު ފޯރުކޮށްދިނުމުގައި ބައިވެރިވި ހަތް މީހަކު ދަންޖައްސައިގެން މަރަން ހުކުމްކޮށްފަ އެވެ.

ބަންގުލަދޭޝްގެ ޕަބްލިކް ޕްރޮސެކިއުޓަރު ގުލާމް ޚާން ވަނީ އެހުކުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމީހުންނަށް މަރުގެ އަދަބު ދޭން ޖެހެނީ، އެމީހުން ހަމަލާ ދޭން ނުދިޔަ ނަމަވެސް ހަމަލާގެ ކަންތައްތައް ވަރަށް ގާތުން ބަލާފައި ވާތީ އެވެ.

comment ކޮމެންޓް