ވިސާއާއި މަހުގެ ޑިއުޓީގެ މަޝްވަރާތަކަށް ޝާހިދު އީޔޫ ކައުންސިލާ ބައްދަލުކުރައްވަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި މަހުގެ އުފެއްދުންތަކަށް ޔޫރަޕްގެ ގައުމުތަކުން ނަގާ ޑިއުޓީ ކަނޑާލުމާއި، އިޔޫގެ ވިސާ ދިވެހިންނަށް ފަސޭހަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އީޔޫ ކައުންސިލްގެ ރިޔާސަތާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު ޝާހިދު މިމަހުގެ 27 އިން 29 އަށް ރަސްމީ ދަތުރުފުޅެއްގައި ފިންލެންޑަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފިންލެންޑަކީ މިހާރު ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ގައުމެވެ. އެހެންކަމުން ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑާލުމަށާއި ވިސާއާ ނުލައި ދިވެހިންނަށް އީޔޫގެ ގައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހި ކުރުމަށް މިނިސްޓަރު މަޝްވަރާ ކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު، ފިންލެންޑްގެ ފޮރިން އެފެއާޒް މިނިސްޓަރު ޕެއްކާ ހާވިސްޓޯ އާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅުން ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ލީ އެންޑާސަން އާއި، ފިންލެންޑުގެ ބައެއް ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި، ތައުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ފިންލެންޑާއި ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ވިޔަފާރި އުސޫލުން ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ދެގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ.

ރާއްޖެ އާއި ފިންލެންޑާ ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހު އެވެ.

comment ކޮމެންޓް