ކާށިދޫ އެއާޕޯޓް ބަޖެޓުގައި ހިމަނައިދިނުމަށް އެދި ޖާބިރުގެ ސިޓީއެއް ރައީސަށް

22 ނޮވެމްބަރު 2018: ސްޕެޝަން އެންވޯއީގެ މަގާމު ޖާބިރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޖާބިރާ ސުވާލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކ. ކާށިދޫ ގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ފައިސާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިދިނުމަށް އެދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހަށް އެޑްރެސްކުރައްވާ ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވީ ކާށިދޫ އަކީ މާކަނޑެއްގައި ވަކިން އޮންނަ ރަށެއް ކަމަށާއި ކިރިޔާވެސް ވައިގަދަވެއްޖެނަމަ އެ ރަށުން ފުރައިގެން ކަނޑު ދަތުރު ކުރުމަކީ ތަކުލީފު ބޮޑު ކަމެއް ކަމަށެވެ.

އެ ސިޓީގައި ޖާބިރު އިތުރަށް ވިދާޅުވީ ކާށިދޫ ފިޔަވައި މާލެ އަތޮޅުގެ އެހެން ރަށްރަށުގައި ރަށު ފަތުރުވެރިކަންވެސް ކުރިއަރަމުންދާ ކަމަށާއި ކާށިދޫ އަށް މަސްވެރިކަމުންވެސް އާމްދަނީ އެއް ނުލިބޭ ކަމަށެވެ. ކާށިދޫ އަކީ ބިންބޮޑު ރަށެއް ނަމަވެސް އެ ބިމުގެ ބޭނުންކޮށްގެން ރަށުގައި ރަށުފަތުރުވެރިކަން ކުރި ނޭރުވި އޮތުމަކީ ރަށަށް އަންނަން އޮތް ތަރައްގީއަށް އެޅިފައިވާ ހުރަހެއް ކަަމަށް ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށުފަތުރުވެރިކަމުގެ ނަފާ އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ކާށިދޫގައި ރީޖަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުގައި ދެންނެވުމަށް ކާށިދޫ ކައުންސިލުގެ ބައްދަލުވުމަކުން ފާސްކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެއާޕޯޓު އެޅުމަށް ސަރުކާރަށް ހުށަހަޅާ ޕްރޮޕޯޒަލް އާއެކު ރައީސަށް ފޮނުއްވި ސިޓީގައި ޖާބިރު އިތުރަށް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ވިސްނަންވާނީ ރައްޔިތުންނަށް ތަރައްގީ އާއި ފާާގަތިކަން ގެނެސްދިނުމަށް ކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ރިއަލް އެސްޓޭޓު ދާއިރާ ކުރިއަށް ގެންދިޔުމަށް ވަކި ގާނޫނެއް ފާސްކޮށްގެން ކާށިދޫ ފަދަ ބިން ބޮޑެތި ރަށްތަކުގައި ރިއަލް އެސްޓޭޓު ވިޔަފާރި ކުރިއެރުމުގެ ފުރުސަތު ހުޅުވާލުމަށް ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ބޭރުގެ ފަރާތްތަކަށްވެސް ބިން ގަނެވޭނެ ގޮތް ހަމަޖެއްސުމަކީ ރާއްޖޭގެ އިގުތިސޯދު ބަރޯސާވެފައިވާ ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރުން އިގުތިސާދަށް ފައިދާވާނެ ކަމެއް ކަމަށް ޔަގީންވާ ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޖާބިރު އެދިވަޑައިގަތީ، ރިއަލް އެސްޓޭޓު ވިޔަފާރިއަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ކާށިދޫގައި ރީޖަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމަވައިފިނަމަ، އެކަމަކީ ރާއްޖޭގެ އިގުތިސާދަށާއި ދަތުރުފަތުރުގެ ވިޔަފާރިއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ވެސް ޖާބިރު ވިދާޅުވެފައިވެ އެވެ.

"މިއީ ކާށިދޫގައި އޮތް ބޮޑު ބިމުގައި އިންވެސްޓުކުރުމުގެ ފުރުސަތު ނުލިބިވާ ފަރާތްތަކުން ކާށިދޫގައި އިންވެސްޓުކޮށް އެކަމުގެ ސަބަބުން ކާށިދޫގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށްވާތީ، ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމަވައި، އެޕްރޮޖެކްޓު 2020 ވަނަ އަހަރު ކުރިއަށް ގެންދެވޭނެ ގޮތުގެ މަތިން ކަމާބެހޭ މިނިސްޓްރީތަކުން ކުރައްވަންޖެހޭ ކަންތައް ކުރިއަށް ގެންދެވުމަށް އެމިނިސްޓްރީތަކަށް އަންގަވައިދެއްވުމަށް އެދި އިހުތިރާމާއެކު ދެންނެވީމެވެ،" ޖާބިރު ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައީސަށް ފޮނުއްވި ސިޓީގެ އިތުރުން ޖާބިރު ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށްވެސް ސިޓީ ފޮނުއްވައިފަ އެވެ.

އެ ދެ ސިޓީގައިވެސް ޖާބިރު ވަނީ ކާށިދޫގައި އެއާޕޯޓު އެޅުމަށް 2020ގެ ބަޖެޓުގައި ހިމަނައިދިނުމަށް އެ ދެ މިނިސްޓްރީއިން ކޮށްދެވެން ހުރި ކަންތައްތައް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް