ސަލަފް ޖަމާއަތް އުވާލާކަށް ނޭދެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ސަލަފް ޖަމިއްޔާ އުވާލަން އެމަނިކުފާނު ދެކޮޅު ކަމަށް ވަނީ ވިދާޅުވެފައި ---- ފައިލް ފޮޓޯ/މަޖިލިސް

އީސްލާމް ދީނަށް ދިވެހީން ހޭލުންތެރިކޮށް ދީނީ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔަތުލް ސަލަފް އުވާލަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، ސަލަފް ޖަމާއަތުގެ މައްސަލައެއް މަޖިލީހުން ބަލަމުން އައި ނަމަވެސް އެ ޖަމާއަތް އުވާލުމަކީ އެމަނިކުފާނު ބޭނުންފުޅުވެލައްވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ނޭދޭނެ ސަލަފް ޖަމާއަތް އުވާލާކަށް. ދެން އެހެން ނަމަވެސް އެއްވެސް ޖަމާއަތަކުން މީހުން މެރުމަށް ހިތްވަރުދޭ ބާވަތުގެ ނުވަތަ ހަނގުރާމައަށް މީހުން ފޮނުވުމަށް ހިތްވަރުދޭ ބާވަތުގެ އެއްވެސް ވާހަކައެއް ދެކެވިގެން ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ސަލަފް ޖަމާއަތުގައި އުޅުއްވި ބައެއް މީހުން ރާއްޖެއިން ބޭރުގައި ކުރަމުންދާ ހަނގުރާމަތަކަށް ގޮސް އަމިއްލަ ނަފްސު ގޮއްވާލައިގެން 'މަރުވާ' ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި ޖަމިއްޔާ އުވާލުމުގެ ބަދަލުގައި އެ ބާވަތުގެ އަމަލު ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭކަން ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ، ސަލަފް ޖަމިއްޔާ އުވާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ނައުފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ، މިސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދީނީ އިލްމްވެރިންގެ އަޑު ކަނޑުވާލައި ދީނަށް ދައުވަތު ދެމުންދާ ޖަމިއްޔާތައް ނެތިކޮށްލުމަށެވެ.

އެ ވާހަކަތައް ހުއްޓުވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ، ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ގޮތުން އިދިކޮޅު ހިޔާލުގެ މީހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

comment ކޮމެންޓް