ވީއޭއެމްގެ މައްސަލަ ހައްލުކުރުމަށް މަހްލޫފް އެފްއައިވީބީގެ ރައީސްއާ ބައްދަލު ކުރައްވައިފި

މަހުލޫފް އާއި މަރުޒޫގް، އެފްއައިވީބީގެ ރައީސްއާއެކު --- ފޮޓޯ// މަހްލޫފްގެ ޓްވިޓާ އެކައުންޓް

ރާއްޖޭގެ ވޮލީ އެސޯސިއޭޝަން (ވީއޭއެމް)ގެ މައްސަލައަށް ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ދުނިޔޭގެ ވޮލީއާ ބެހޭ ފެޑެރޭޝަން (އެފްއައިވީބީ)ގެ ރައީސް އަރީ ގްރާސާއާ ބައްދަލުކުރައްވައިފި އެވެ.

ސްވިޓްޒަލެންޑަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މަހްލޫފް އިއްޔެ އެފްއައިވީބީގެ ރައީސްއާ ބައްދަލުކުރައްވާފައިވާ އިރު މީގެ ކުރިން ވޮލީގެ ކަންތައް އެންމެ ހޫނުވެގެން ދިޔަ ދުވަސްވަރު ވެސް މަހްލޫފް ވަނީ އެފްއައިވީބީން ރާއްޖެއަށް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އޭރު ހިނގާދިޔަ ކަންތައްތަކާ އެކު ރާއްޖޭގެ ވޮލީއަށް އަދަބެއް ދީފާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އެފްއައިވީބީގެ ރައީސްއާ އެކު ބައްދަލު ކުރެއްވުމަށް ފަހު މަހްލޫފް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ، އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއަށް ރާއްޖޭގެ ވޮލީގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދެއްވި ކަމަށާއި އެކަންކަން ހައްލު ކުރާނެ ގޮތާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ވޮލީގެ ތަރައްގީއަށް ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން ވޮލީގެ ތެރެއަށް ސަރުކާރު ނުވަންނާނެ ކަމަށާއި އެފްއައިވީބީ އިން ނިންމާ ނިންމުމަށް ފުރިހަމައަށް އިތުބާރު ކުރައްވާނެ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފްއާ އެކު މި ބައްދަލުވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކެއްޓަރީ ޖެނެރަލް އަހްމަދު މަރްޒޫގް (މަރޭ) ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި އަހަރަކީ ރާއްޖޭގެ ވޮލީއަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް ޖުމުލަކޮށް ކާމިޔާބު އަހަރެކެވެ. ނޭޕާލުގައި އޮތް ސެންޓްރަލް ޒޯން ފިރިހެން މުބާރާތުގައި ރާއްޖެއިން ތިން ވަނަ ހޯދި އިރު ދާދި ފަހުން ބަންގްލަދޭޝްގައި އޮތް އަންހެން މުބާރާތުން ވަނީ ދެވަނަ ހޯދައިފަ އެވެ.

ނޭޕާލުގައި ފަށައި ސައުތް އޭޝިއަން ގޭމްސްގެ ވޮލީ މިއަދު ފަށާއި އިރު އަންހެން ޓީމު ވާދަކުރާނީ ޕާކިސްތާނާ އެވެ. ފިރިހެން ޓީމުގެ މެޗު މާދަމާ އޮތް އިރު އެ ޓީމު ވެސް ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

comment ކޮމެންޓް