ރަސްދޫގައި "އައިލެންޑް ފަޔާ ރެސްޕޮންސް ޓީމް" އެކުލަވާލައިފި

ރަސްދޫގައި "އައިލެންޑް ފަޔާ ރެސްޕޮންސް ޓީމް" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

އއ. ރަސްދޫގައި "އައިލެންޑް ފަޔާ ރެސްޕޮންސް ޓީމް" އިފްތިތާހްކޮށްފި އެވެ.

އެ ޓީމް އެކުލަވާލައިފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާ އާއި ރަސްދޫ ކައުންސިލް ގުޅިގެން އެރަށުގައި ހިންގި ވޮލަންޓިއާ ފަޔާ ފައިޓާ ޓްރެއިނިންގް ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެންނެވެ.

ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

ރަސްދޫގައި ހިންގުނު އެ ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔާ ފައިޓަރުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެން ދިޔަ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފް އިން ބުނީ ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދީ އެތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ދަސްކޮށްދީފައި ވާނެ ކަމަށެވެ.

ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގައި މަސައްކަތްކުރާ ސިފައިންނެވެ.

މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން، ހަ ދުވަހުގެ މުއްދަތަށް އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި 19 ފަރާތަކުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެ އެވެ.

ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެ ނަމަ ނިއްވާނެ ގޮތުގެ ފަރިތަކުރުންތަކެއް ދައްކާލައިފަ އެވެ.

ރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ ރަސްދޫ ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް