ޑެލްޕިއެރޯގެ ޗެމްޕިއަންސް ލީގު ރެކޯޑް ކޭން މުގުރާލައިފި

ޓޮޓްންހަމްގެ ފޯވާޑް ހެރީ ކޭން --- ފޮޓޯ// ޖޭމީ ސްމިތް

ޗެމްޕިއަންސް ލީގުގައި އެންމެ މަދު މެޗު ކުޅެގެން 20 ގޯލު ހަމަކުރުމުގެ ރެކޯޑް ޓޮޓެންހަމްގެ ހެރީ ކޭން މުގުރާލައިފި އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އޮލިމްޕިއާކޯސް ގާތުން ފަހަތުން އަރައި މޮޅުވީ 2-4ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު ގަދަ 16 ގެ ޖާގައެއް ޓޮޓެންހަމުން ވަނީ ކަށަވަރުކޮއްފަ އެވެ. ޓޮޓެންހަމުން މިހާތަނަށް ކުޅުނު ފަސް މެޗު 10 ޕޮއިންޓް ހޯދައި ދެވަނާގައި އޮތް އިރު ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ ބަޔާން މިއުނިކް އޮތީ އެއްވަނައިގަ އެވެ.

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޓޮޓެންހަމުން މިދިޔަ ސީޒަނުގެ ފައިނަލުގައި ވާދަ ކުރި އިރު ރޭގެ މެޗަށް އެ ޓީމުން ކުރިމަތިލީ އޭރު ހުރި ކޯޗު މޯރީސިއޯ ޕޮޗެޓީނޯގެ ބަދަލުގައި އެ ޓީމަށް ދާދި ފަހުން ހަވާލުވި ހޯސޭ މޮރީނިއޯއާ އެކު އެވެ. މޮރީނިއޯ ޓީމާ ހަވާލުވުމަށް ފަހު ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު މެޗު މޮޅަކުން ނިންމާލި އިރު އެ ޓީމުގެ ފޯވާޑް ހެރީ ކޭން ވަނީ ޒަމާންވީ ރެކޯޑެއް މުގުރާލައިފަ އެވެ.

ޔުވެންޓަސްގެ ލެޖެންޑް އަލަސެންޑަރޯ ޑެލްޕިއެރޯ ހަދާފައިވާ ރެކޯޑް ހެރީ ކޭން ރޭ މުގުރާލީ ޗެމްޕިއަންސް ލީގުގައި 24 މެޗު ކުޅެ 20 ގޯލު ޖަހައިގެންނެވެ. ޑެލްޕިއެރޯ މީގެ ކުރިން ހެދި ރެކޯޑްގައި އޭނާއަށް 20 ގޯލު ހަމަކުރެވުނީ 26 މެޗު ކުޅެގެންނެވެ.

ރޭގެ މެޗު ފެށިގެން ހަ ވަނަ މިނަޓުގެ ތެރޭގައި އޮލިމްޕިއާކޯސްއިން ވަނީ ލީޑު ނަގައިފަ އެވެ. ޔޫސުފް އަލް އަރަބީގެ ގޯލާ އެކު ޓޮޓެންހަމުން ޓީމު ކުރިއަށްޖައްސައިގެން ގޯލެއް ޖަހަން މަސައްކަތް ކުރަމުން ދަނިކޮށް އިދިކޮޅު ޓީމުން އަނެއްކާ ވެސް އިތުރު ގޯލެއް ވަނީ ޖަހައިފަ އެވެ.

ފަށައިގަތް ގޮތަށް އޮލިމްޕިއާކޯސް އިން ޖެހި ދެ ގޯލާ އެކު ޓޮޓެންހަމަށް ހޭލެވެ ކުޅުން ރަނގަޅު ކުރި އެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ޑެލޭ އަލީ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ.

ދެވަނަ ހާފަށް ޓޮޓެންހަމުން ނުކުން ގޮތަށް އެ ޓީމުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ހެރީ ކޭންގެ ގޯލާ އެކު ލިބުނު ހިތްވަރުން ޓޮޓެންހަމުން ދިޔައީ އިދިކޮޅު ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެ މެޗު ނިމުމުގެ ކުރިން ޓޮޓެންހަމުން ވަނީ އިތުރު ދެ ގޯލު ޖަހައި މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްފަ އެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ސާޖް އޮރިއާއާއި ހެރީ ކޭން އެވެ.

comment ކޮމެންޓް