ފަހަތުން އަރައި ޕީއެސްޖީން ރެއާލް މެޑްރިޑް ހިފަހައްޓައިފި

ޕީއެސްޖީއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ސަޗާ ޕިސަނީ

ބްރޭކަކަށް ފަހު ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ކުޅުނެ ރޭ އަނެއްކާ ވެސް ފެށި އިރު، ގުރޫޕް އޭ ގައި ހިމެނޭ ރެއާލް މެޑްރިޑާއި ޕީއެސްޖީގެ ވަރުގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ރެއާލްގެ ސަންޓިއާގޯ ބާނެބިޔުގައި ރޭ ކުޅުނު މެޗުގައި ހޯމް ޓީމުން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި ޕީއެސްޖީން ވަނީ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ނަތީޖާއާ އެކު ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޖާގައެއް ވަނީ ކަށަވަރު ވެފަ އެވެ. އެ ޓީމުން ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ފަސް މެޗުން ހޯދި 13 ޕޮއިންޓާ އެކު އެވެ. ދެވަނާގައި އޮތް ރެއާލްއަށް އަށް ޕޮއިންޓް ލިބުނު އިރު ތިންވަނާގައި އޮތް ކްލަން ބްރޫޖްއަށް ލިބެނީ ތިން ޕޮއިންޓެވެ.

ރޭގެ މެޗަށް ރެއާލް އަދި ޕީއެސްޖީން ވެސް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ވާދަވެރިކަން އިންތިހާއަށް ބޮޑުވި އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ރެއާލުންނެވެ. އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި އިސްކޯ ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހިފައި ނުކުތުމުން މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލީ ކަރީމް ބެންޒީމާ އެވެ.

ބެންޒީމާގެ ގޯލަށް ފަހު އަނެއްކާ ވެސް ދެ ޓީމުން ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ އިރު ދެ ޓީމުގެ ކީޕަރުން ދިޔައީ ބޯޅަތައް ދިފާއު ކުރުމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ފުރަތަމަ ހާފުގެ ތެރޭގައި ޕީއެސްޖީން އުފެއްދި ހަމަލާއެއްގައި ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އޭރިއާ ތެރެއިން ފައުލު ކުރުމާ ގުޅިގެން އޭނާއަށް ރެފްރީ ރަތް ކާޑެއް ދެއްކި އެވެ. ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެއީ ރަތް ކާޑެއް ނޫން ކަމަށާއި ޕެނެލްޓީ ދެވެން ނެތް ކަމަށް ރެފްރީ ވަނީ އަންގައިފަ އެވެ.

ފުރަތަމަ ހާފު އެ ނަތީޖާގައި އޮވެ ނިމުނު އިރު ޕީއެސްޖީން ދެވަނަ ހާފު ފެށީ އަނިޔާގައި ހުރުމަށް ފަހު އެނބުރި އައި ނޭމާ ޖޫނިއާ އެގާރައިގައި ހިމަނައިގެންނެވެ. އޭނާ ކުޅެން ނުކުތުމާ އެކު ޕީއެސްޖީގެ އެޓޭކް ވަރުގަދަ ވެގެން ދިޔަ ނަމަވެސް ރެއާލުން ކުޅުނީ ވަރަށް ބޮޑަށް ޕްރެސްކޮށްގެންނެވެ. އެހެން ކަމުން ނޭމާ އަތުން ގިނަ ފަހަރަށް ބޯޅަ އޮންނަނީ އިސާހިތަކު ގެއްލިފަ އެވެ.

ރެއާލުން ޓީމު ކުރިއަށް ޖައްސައިގެން ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް 79 ވަނަ މިނަޓުގައި އެ ޓީމުގެ ލީޑު ފުޅާ ކުރި އެވެ. މި ގޯލުކީ މާސެލޯ ވިއެރާ ނަގައިދިން ހުރަހަކުން ބެންޒީމާ ޖެހި ގޯލެކެވެ.

ރެއާލްގެ ދެވަނަ ގޯލު ޖެހިތާ މިނަޓެއްފަހުން ޕީއެސްޖީން ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގެ ފައިދާ ނަގައި އެ ގޯލު ޖަހައިދިނީ ކިލިއަން އެމްބާއްޕޭ އެވެ. ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާން އާއި ކީޕަރު ކޯޓުއާ ހެދި ގޯހަކުން އެމްބާއްޕޭ ގޯލު ޖެހުމުން ލިބުނު ހިތްވަރާ އެކު ޖެހިގެން އައި ބޯޅަ ވެސް ޕީއެސްޖީން ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ޕަބްލޯ ސަރާބިއާ އެވެ.

comment ކޮމެންޓް