"އަލިފާން ރޯވީ ޕެޓްރޯލް އަޅައިގެން ލޯންޗެއް ނައްޓާލިތަނާ"

ތެޔޮ ބޯޓު އެއްކޮށް އަނދާފައި --- ފޮޓޯ/ އެމްވީ ކްރައިސިސް

މިރޭ ވިލިމާލޭ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވީ، އެ ބޯޓުން ލޯންޗަކަށް ޕެޓްރޯލް އަޅާ ނިމި، ލޯންޗު ނައްޓާލަން އުޅެނިކޮށް ކަމަށް މަންޒަރު ދުށް މީހަކު ބުނެފިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިރޭ 10:40 ހާއިރުއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ހާދިސާގައި ހަތް މީހަކަށް އަނިޔާވެފައިވާކަމަށެވެ. އޭގެ ތެރޭގައި އަލިފާނުގެ ސަަބަބުން ހަ މީހަކު ފިހި، އެމްއެންޑީއެފްގެ ފަޔާ ފައިޓާއެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މަންޒަރު ދުށް މީހަކު މިރޭ "ސަން"އަށް ބުނީ، އަލީފާން ރޯވީ ތެޔޮ ބޯޓުން ލޯންޗަށް ޕެޓްރޯލް އަޅާ ނިމުނު ތަނުން ކަމަށެވެ.

"ބެލެވޭ ގޮތުގައ ހީވަނީ ލޯންޗު ސްޓާޓުކުރުމުން ދުން އަރައި ސޯޓެއް ވީހެން،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެވަގުތު ލޯންޗުގައި ފަސް މީހުން ތިބި ކަމަށެވެ. އަދި ތެޔޮ ބޯޓުގައި އެކަކު ހުރި ކަމަށް އޭނާ ބުންޏެވެ.

"ފިހިގެން ހޮސްޕިޓަލަށް ގެންދިޔައީ އެ ހަ މީހުން. އޭގެ ތެރެއިން އެކަކު ފައި ބިނދިފައިވާކަމަށްވެސް މައުލޫމާތު ލިބޭ،" އޭނާ ބުންޏެވެ.

މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ހަތް މީހުންގެ ތެރެއިން ބައެއް މީހުން މިހާރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގައި އިތުރު ދޯންޏަކަށްވެސް އަލިފާންގެ އަސަރު ކުރި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

comment ކޮމެންޓް