ބިދޭސީ ޓީޗަރުންގެ ބަދަލުގައި ގިނަ އަދަދެއްގެ ދިވެހި ޓީޗަރުން ހޯދަން އިއުލާންކޮށްފި

ސްކޫލެއްގެ ޓީޗަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީ ޓީޗަރުންގެ ބަދަލުގައި ގިނަ އަދަދެއްގެ ދިވެހި ޓީޗަރުން ހޯދަން ގިނަ ސްކޫލްތަކުން އިއުލާންކޮށްފިއެވެ.

ޓީޗަރުން ހޯދަން ގިނައިން އިއުލާންކުރީ އަތޮޅުތަކުގެ ސްކޫލްތަކުންނެވެ.

އެޑިއުކޭޝަން ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު "ސަން" އަށް މިއަދު ވިދާޅުވީ މިނިސްޓްރީން މިހާރުވެސް އިސްކަންދެނީ ބިދޭސީ ޓީޗަރުންނަށްވުރެ ދިވެހި ޓީޗަރުން ކަމަށެވެ.

ޝަރުމާ ވިދާޅުވީ މިހާރު އެންމެ ބޮޑަށް ބިދޭސީ ޓީޗަރުން މަސައްކަތް ކުރަނީ ސާނަވީ ގްރޭޑްތަކުގައި ކަމަށާއި ހާއްސަކޮށް ފިޒިކްސް ކެމިސްޓްރީ ބައިލޮޖީ ފަދަ މާއްދާތަކުން ދިވެހި ޓީޗަރުން ލިބުމުގަިއ ދަތިތަކެއް އެބަހުރި ކަމަށެވެ.

އަދި އެފަދަ މާއްދާތައް އަތޮޅު ތެރޭގެ ސްކޫލްތަކުގަިއ ކިޔަވާދޭ ޓީޗަރުން މާލެ ބަދަލުވުން ފަދަ ހާލަތްތައް ބަދަލުވުމުން ދިވެހި ޓީޗަރުން ހޯދުމުގައި ދަތިކަމަށް ޝަރުމާ ވިދާޅުވިއެވެ.

ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ލިބުމުން އެ ބިދޭސީ ޓީޗަރުން އަތޮޅުތަކުގެ އެހެން ސްކޫލްތަކަށް ބަދަލުކުރައްވާކަމަށްވެސް ޝަރުމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެން ތިން މަހުގެ ނޯޓިހެއް އެފަދަ ހާލަތްތަކުގައި ބިދޭސީ ޓީޗަރުންނަށް ދެން" ޝަރުމާ ވިދާޅުވިއެވެ.

ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަން އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ކުރީކޮޅު އިއުލާންވެސް ކުރިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް އޭރު ނިންމީ ދިވެހި ޓީޗަރުން ލިބުމުގައި ދިމާވި ދަތިތަކާ ހުރެ ކަމަށެވެ.

https://sun.mv/122911

މިދިޔަ އޮގަސްޓް މަހު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ސްކޫލްތަކުގައި ތަމްރީން ނެތް 634 ރިލީފް ޓީޗަރުން ޕްރައިމަރީ ގްރޭޑްތަކުގައި މިހާރު ކިޔަވައިދެމުންދާ ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް ބިދޭސީ ޓީޗަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ އިންޑިއާ އަދި ސްރީލަންކާގެ ޓީޗަރުންނެވެ.

comment ކޮމެންޓް