އަފްރާޝީމްގެ މަރު އަލުން ތަހުގީގު ކުރަން ޖެހޭ: އާދަމް ޝަރީފް

އާދަމް ޝަރީފު: ޑރ. އަފްރާޝީމްގެ މަރު އަލުން ތަހުގީގު ކުރަން ޖެހޭ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރަހުމު ކުޑަ ގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރަންޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މިގޮތަށް ވިދާޅުވެފައި މި ވަނީ ގެއްލުވާލެވިފައިވާ މީހުންނާއި މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އެކުލަވާލި ތަހުގީގު ރިޕޯޓުން އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މަޖިލީހުގައި ބުނެފައިވާތީއެވެ.

އެ ރިޕޯޓާ ގުޅިގެން އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކުން އެ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ނޫންކަން ސާބިތުވާ ކަމަށެވެ. އަދި އަލުން އެ މަރު ތަހުގީގު ކުރަންޖެހޭ ކަމަށް އޭނާ ގޮވާލިއެވެ.

"މަރު ކޮމިޝަނުން އަލުން މި މައްސަލަ ތަހުގީގުކުރުމަށް ގޮވާލަން. ފުރިހަމަ ނުވާ ތަހުގީގަކަށް ފިޔަވަޅު ނޭޅޭނެ،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241)އިން ނިންމި ނިންމުން ފާސްކޮށްފައެވެ. ކޮމިޓީީ ރިޕޯޓުގައި ބުނެފައިވަނީ، ހައްދުފަހަނައެޅި ހަތަރު ޖަމާއަތަކާއި ޑރ. އަފްރާޝީމްގެ މަރު އެނގިތިބެ ސިއްރު ކުރި 36 މީހަކަށް ފިޔަވަޅު އެޅުމަށެވެ. އޭގެ ތޭރޭގައި، ސަލަފް ޖަމިއްޔާއާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަންވެސް ހިމެނެއެވެ. ސަލަފްއާއި ޝަހީމް ވަނީ އެ ފަރާތްތަކަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކޮމިޝަންގެ ރިޕޯޓު ފުރިހަމަ ނޫން ކަމަށް މެމްބަރު އާދަމް ޝަރީފު ވިދާޅުވިއިރު، ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވީ ރިޕޯޓު ފުރިހަމަ ކަމަށެވެ. އަދި ކުށް ކުރި މީހުންވެސް ސާފުކޮށް އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ، ޑރ. އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލު ތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ. އެ ހަމަލާ ރޭވުމުގައި އެންމެ ބޮޑު މޭސްތިރިޔަކީ ހ. ހިލްޓަން، އަޒްލިފް ރައޫފްކަމަށް އެ ރިޕޯޓުގައި ބުނެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ގޮތުގައި ރިޕޯޓުގައި ބުނެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދާއި، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އަދި އޭރު 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.

comment ކޮމެންޓް