ބޮޑެތި ގަތުލުތަކުގެ ރިޕޯޓް ބޭކާރު! ވީކަމެއް ނެތް!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ މަޖިލިސް

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ދީނީ އިލްމުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޮޑު ދެ ރިޕޯޓެއް އެކުލަވާލި އެވެ. މީގެ ކުރިން ފެންމަތި ނުވާ އެތައް ކަމެއް އެ ދެ ރިޕޯޓުންވެސް ފެން މަތިވި އެވެ. މަރުތަކުގެ އަޑީގައި ތިބި މީހުން ކޮންމެވެސް ވަރަކަށް ދެނެގަނެވުނެވެ. ރައްޔިތުން އިންސާފަށް ކުރި އުންމީދަށް އެ ރިޕޯޓުތަކުން ކުޑަ އަލިކަމެއް ގެނެސްދިނެވެ.

ނަމަވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަަކަފުޅުން ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ކުރީ "ބޭކާރު" މަސައްކަތެކޭ ރައްޔިތުންނަށް ހީވި ކަހަލަ އެވެ. އެމަނިކުފާނު ވިދާޅުވީ ގަތުލުކޮށްލި، ޑރ. އަފްރާޝީމް އަލީގެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށް ދައުވާ ނުކުރެވޭނެކަން ކޮމިޝަނުންނާއި ޕީޖީއިން ފާހަގަ ކުރި ކަމަށެވެ.

"އެބޭފުޅުން [ރިޔާސީ ކޮމިޝަނުން] ވިދާޅުވީ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު އަމުރެއް ނެރޭކަށް އަދި އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަށްވެސް ޖާގައެއް ނެތް ކަމަށް." މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރި އިމްރާން އަބްދުﷲ ވިދާޅުވީ މިހެންނެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެ ދެ ރިޕޯޓު އެކުލަވާލީވެސް އެއް އަހަރު ދުވަހުގެ މަސައްކަތުންނެވެ. ގިނަ ބަޔަކާ ސުވާލުކޮށް ބަޔާންތަކެއް ނެގި އެވެ. ފުލުހުން އެމައްސަލަތަކުގައި ހޯދާފައިވާ ހެއްކާ ގަރީނާ ކޮމިޝަނަށް ގެންގޮސް ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރިކަން ރިޕޯޓު ކިޔާލުމުން އެނގެ އެވެ. ގިނަ ބައެއްގެ ނަންތަކެއްވެސް ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އެހުރިހާ ކަމަށް ރިއާޔަތްކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅަށް ދެކޮޅު ހަދައި ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ އެތައް ބައެއްގެ މައްޗަށް ދައުވާކުރެވޭނެ އެތައް ހެކިތަކެއް ރިޕޯޓުން ފެންނަން ހުރި ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ރިޕޯޓް ދިރާސާކުރި ކޮމިޓީގައި ވެސް އިންނެވި މެންބަރު، ހަސަން ލަތީފު ވިދާޅުވީ ޑރ އަފްރާޝީމް އަލީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކުގެ އިތުރުން އެކަމަށް ފައިސާ ހަރަދު ކުރި ފަރާތްތަށްވެސް ތަހުގީގު ރިޕޯޓުން އެނގެން އެބައޮތް ކަމަށެވެ.

"އަޅުގަނޑެއް އެންމެ ސިކުންތަކަށްވެސް ގަބޫލުކުރާކަށް ބޭނުމެއް ނުވޭ. ދިވެހިންގެ ފުލުހުންގެ މުއައްސަސާއަށް މިހާރު މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް އެކަންކަން ނުކުރެވޭނެ ކަމަަކަށެެއް. އިއްޒަތްތެރި ހޯމް މިނިސްޓަރު އެވިދާޅުވާ ވާހަަކައާ ކަނޑައެޅިގެން އަޅުގަނޑު ދެކޮޅު." ހަސަން ލަތީފު ވިދާޅުވި އެވެ.

މަރު ކޮމިޝަނުން ރިޕޯޓު ތައްޔާރުކޮށް ނިންމައި މިހާރު ޒިންމާތައް އޮތީ ފުލުހުންގެ އަތްމަތީގައިކަން ހަސަން ލަތީފު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވާގޮތުން އެ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މަޖިލީހުން އެދެނީ ފުލުހުންގެ ކިބައިން ކަމަށެވެ. އަދި އެ ރިޕޯޓުގައިވާ ފަރާތްތަކާ މެދު ފުލުހުންނަށް އެޅޭނެ ފިޔަވަޅުތައް ހުރިކަން ހަސަން ފާހަގަކުރެއްވި އެވެ.

ޑރ އަފްރާޝީމް އަލީ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ވާގޮތުން އެމަނިކުފާނު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހ.ލޮބީ ހުސައިން ހުމާމް އަހުމަދު، ހ.ހިލްޓަން އަޒްލީފް ރައޫފް އަދި ހ.ހިކޯސްޓް އަލީ ޝާން (ސަޓޯ) އެވެ. އޭގެ ތެރެއިން މަރުގެ ހުކުމް އިއްވައި ހުމާމް ހުރީ ޖަލުގަ އެވެ. އަޒްލިފް ރައޫފް ސީރިއާއަށްގޮސް މަރުވީ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެކަން ކަށަވަރެއް ނުވެ އެވެ. ޝާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްއާ ހަވާލާ ދީ މިއަދު ހޯމް މިނިސްޓަރު އިމްރާން މަޖިލީހުގައި ވިދާޅުވީ ސަޓޯގެ މައްސަލަ އިސްތިއުނާފު ކުރެވޭނެ އިތުރު އާ ހެއްކެއް ނެތް ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ދެން ރިޕޯޓުން ފާހަގަވާ އަނެއް ކަމަކީ ޑރ އަފްރާޝީމް އަލީ މަރުގެ އަޑީގައި ތިބި މީހުންނެވެ. އެއީ ޖިހާދީ ފިކުރުގެ ޖަމާއަތެއްކަމަށް ރިޕޯޓުގައި ބުނެފައިވާއިރު އެ ޖަމާއަތްތަކުގެ ލީޑަރުންގެ ނަންތައް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދެވެ.

މިފާހަގަ ކުރި މީހުންގެ ތެރެއިންވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ މިއަދު މެމްބަރުން މަޖިލީހުގައި ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ކެންދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ޖިހާދީ ފިކުރުގެ ދީނީ ގޮތުން ހައްދު ފަހަނަ އެޅި ޖަމާއަތްތަކަށް ކުންފުނިތަކުން ފަންޑު ކުރާ ވާހަކަ އިވެމުންދާ ކަމަށެވެ.

"ދީނީ ޖަމާއަތްތަކުގެ ނަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ޖަމާއަތްތަކުން އެހިންގާ ހަރަކާތްތަކަކީ ބޮޑެތި ހަރަދުތަކެއް ކޮށްގެން ހިންގާ ހަރަކާތްތައް އެ ހަރަކާތްތަކަށް ފައިސާ ހޯދާ ގޮތް ދައުލަތުގެ ސަލާމަތީ ބާރުތަކަށާއި ކަމާގުޅޭ އިދާރާތަކަށް ހޯދޭނެ. މިއަަދަކުއެއް ނޫން ހަގީގަތުގައި އެކަން ކުރަން ޖެހެނީކީ." މެމްބަރު އީސަ ވިދާޅުވި އެވެ.

ފޮނަދޫ ދާއރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވި ގޮތުން ދީނީ ހަރުކަށި ފިކުރު ހުއްޓުވަން ފުލުހުންގެ އިދާރާއިން މާ ބޮޑު އަހައްމިޔަތެއް ދީފައި ނެތް ކަމަށެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު އާންމު ކުރެއްވި ތަފާސް ހިސާބާ ހަވާލާދެއްވާ ސިރާޖު ވިދާޅުވީ ދީނީ ހަރުކަށި ފިކުރާ ގުޅޭ 188 މައްސަލައެއް ފުލުސް އޮފީހުން ތަހުގީގު ކުރި އިރު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 14 މައްސަލަ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް. ތަހުގީގު އިދާރާއިން ރަނގަޅަށް ތަހުގީގު ކުރެވިގެން މެނުވީ އަޅުގަނޑުމެންނަށް މި ރާއްޖޭގައި މިހިންގާ ލާއިންސާނީ ކަންކަން ގާނޫނާ ހިލާފަށް މި ހިންގާ ކަންކަން ހުއްޓުވޭނެ ތަނެއް އަޅުގަނޑުމެންނަކަށް ދުވަހަކުވެސް ނާންނާނެ." ސިރާޖު ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާގައި ތަހުގީގަށް އެކަށީގެންވާ ތަމްރީނު ލިބިފައި ތިބި މީހުން ނެތްކަން ސިރާޖު ވިދާޅުވި އެވެ. އެކަން ރަނގަޅުކޮށް މުޅި ފުލުސް އޮފީސް ރިފޯމް ކުރަން ސިރާޖު ގޮވާލެއްވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ތުހުމަތު ކުރައްވަނީ ފުލުހުންގެ އިދާރާގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބުމުން މައްސަލަތައް ތަހުގީގު ނުކުރެވި ދަނީ ކަމުގަ އެވެ. އެކަމަކު މިނިސްޓަރު އިމްރާން އެކަން ދޮގު ކުރައްވަ އެވެ. ފުލުހުންގެ އިދާރާގައި އެފަދަ ބަޔަކު ނުތިބޭނެ ކަމަށް ވިދާޅުވި އެވެ.

ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ އަދި މިފަހުން ހިނގާ ދިޔަ އެކިއެކި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން ވޭތުވެދިޔަ ހަފްތާގައި ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ރިޕޯޓު ކޮމިޓީއިން ދިރާސާކުރި އެވެ. އަދި ހުއިފިލަނޑާ ނަގަން ދާ ދޯންޏެއްގައި ދީނީ ހަރުކަށި ފިކުރުގެ ބަޔަކު މެދުގައި ހިނގި ހަމަ ނުޖެހުމެއްގައި އެތަނުން އެކަކަށް ވަޅިން ހަމަލާދީ ކަނޑަށް އެއްލާލި މައްސަލާގައި އިއްޔެ މަޖިލީހުގައި ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކުރި އެވެ. އަދި އެކަމުގެ ތެރެއިން ފެންމަތިވި، ކުޑަކުދިންނާއި ކައިވެނީގެ ނަމުގައި ޖިންސީ ގުޅުން ހިންގާ މައްސަލައިގައިވެސް ވާހަކަ ދެކެވި މަޖިލީހުގެ ކޮމިޓީއިން އެމައްސަލަ ވަނީ ބަލަން ފަށާފަ އެވެ.

މެމްބަރުންގެ ކަންބޮޑުވުމަކީ އެހުރިހާ ކަމެއް މަޖިލީހުން ކުރަމުންދާއިރު ސަރުކާރުން އަދި ސަލާމަތީ ބާރުތަކުން އެކަން ބޮޑު ކަމަކަށް ނުހަދާ ދޫކޮށްލުމެވެ. އަދި އެކަށީގެންވާ އަވަސް ފިޔަވަޅު ނާޅާތީ ތުހުމަތުގެ އިނގިލި މެމްބަރުން ދިއްކުރަނީ ސަރުކާރަށެވެ. ހޯމް މިނިސްޓަރާއި ފުލުހުންގެ އިތުބާރު ނެތް ކަމަށް މިއަދު ބައެއް މެމްބަރުން ގޮވާލެއްވި އެވެ. ސަބަބަކީ، ދީނީ ހަރުކަށި ފިކުރާ ގުޅޭ އެތައް ކަމެއް ނުހުއްޓި މަތިމައްޗަށް އެފަދަ މައްސަލަތައް އިތުރުވަމުން ދިޔުމެވެ.

comment ކޮމެންޓް