ފްރާންސުގެ ސިފައިން ތިބި ދެ ހެލިކަޕްޓަރު އެކްސިޑެންޓުވެ، 13 މީހަކު މަރުވެއްޖެ

ފްރާންސުގެ ސިފައިން ދަނީ މާލީގައި ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން -- ފޮޓޯ: ރޮއިޓާސް

ބަމަކޯ (ނޮވެމްބަރު 26): މާލީގެ ހަނގުރާމަވެރި ޖަމާތްތަކާ ދެކޮޅަށް ފްރާންސުގެ ސިފައިން ކުރިއަށްގެންދިޔަ އަސްކަރީ އޮޕަރޭޝަނެއްގައި އެގައުމުގެ ދެ ހެލިކަޕްޓަރު އެކްސިޑެންޓުވެ، 13 މީހަކު މަރުވެއްޖެ އެވެ.

ފްރާންސުގެ ރައީސް އޮފީހުން ބުނި ގޮތުގައި އެހާދިސާގައި މަރުވެފައި ވަނީ އެގައުމުގެ 13 ސިފައިންނެވެ. އަދި ރައީސް އެމަނުއެލް މެކްރޮން ވަނީ ހިތާމަ ފާޅު ކުރައްވާ، އެ ސިފައިންނަކީ ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރި ބަތަލުންގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

އެ އެކްސިޑެންޓު ހިނގާ ދިޔަ ގޮތެއް ފްރާންސުގެ ޑިފެންސް މިނިސްޓްރީން ހާމަ ނުކުރެ އެވެ. ނަމަވެސް އެހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ފްރާންސުން އެގައުމުގެ ސިފައިން މާލީއަށް ފޮނުވަން ފެށީ އަލްގައިދާ އާއި އައިއެސްއާ ގުޅުން ހުރި ޖަމާއަތްތަކުން މާލީގެ އުތުރުގެ ސަރަހައްދުތައް ހިފަން ފެށުމުން 2013 ވަނަ އަހަރެވެ. އޭގެ ފަހުން އެ ޖަމާއަތްތަކުގެ ހަމަލާތައް މާލީގެ އަވަށްޓެރި ގައުމުތަކަށް ވެސް އަމާޒުވެ، އެސަރަހައްދަށް ފްރާންސުން ފޮނުވި ސިފައިންގެ އަދަދު ވަނީ 4،500އަށް ވުރެ އިތުރުވެފަ އެވެ.

ފްރާންސުގެ އެހީއާއެކު މާލީގެ އަސްކަރިއްޔާއިން މިހާރު ވަނީ މީގެ ކުރިން ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެ ދަށުގައި އޮތް އެގައުމުގެ ސަރަހައްދުތައް އަތުލާފަ އެވެ. ނަމަވެސް އެގައުމާއި އަވަށްޓެރި ގައުމުތަކުގައި އެޖަމާއަތްތަކުން އަދިވެސް ދަނީ ހަމަލާތައް ދެމުންނެވެ. އަދި ފާއިތުވި ހަ އަހަރު ތެރޭ ފްރާންސުގެ 38 ސިފައިން ވަނީ މާލީގައި މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް