ކޮމިޝަނުގެ ރިޕޯޓު ފުރިހަމަ، ކުށް ކުރި މީހުން ސާފުކޮށް އެނގޭ: ސުއޫދު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ތައްޔާރު ކުރި ރިޕޯޓު ފުރިހަމަވާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ޑރ. އަފްރާޝީމް އަލީގެ މަރު ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރަން ނުވަތަ އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އުފުލާނެ ޖާގައެއް ނެތް ކަމަށް މަރު ކޮމިޝަނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

އެކަމަކު، މިއަދު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމިޝަނުގެ ރިޕޯޓު ފުރިހަމަ ނޫން ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށެވެ. ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮން ބައެއްކަން ރިޕޯޓުގައިވާ ތިން ހެކިވެރިންގެ ހެކިބަހުންނާއި މިދިޔަ ހަތް އަހަރު ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ޑރ. އަފްރާޝީމް އަވަހާރަ ކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކަމާއި، އެކަން ކުރަން އެ މީހުން ބޭނުންވި ސަބަބާއި، އެކަން ކުރަން އެ ފަރާތްތަކުން ހަވާލު ކުރީ ހަރުކަށި ފިކުރުގެ ޖަމާއަތަކާ ގުޅިފައި އޮތް ޖިނާއީ ކުށް ކުރާ ގޭންގަކާކަން ކޮމިޝަނުގެ ރިޕޯޓުން ސާފުވޭ،" ސުއޫދުގެ ޓްވީޓުގައި ވިދާޅުވި އެވެ.

އިމްރާން މިއަދު މަޖިލީހުގައި ވިދާޅުވީ ޑރ. އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން މަރު ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ބޭފުޅުންނާ އަދި ފުލުހުންގެ އިސްވެރިންނާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލު ކުރެއްވި ކަމަށެވެ. އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ ނުވަތަ ހައްޔަރު ކުރެވޭނެ އެއްވެސް މީހަކު ހުރިކަމަށް ފާހަގަވާނަމަ އެކަން އަންގައިދިނުމަށް އެދިވަޑައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އެވަގުތު އެކަން ދެންނެވެން ނެތް ކަމަށް ކޮމިޝަނުން ބުނި ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުރަތަމަ ބައްދަލުވުމުގައި ކޮމިޝަންގެ ބޭފުޅުން އެހެން ވިދާޅުވުމުން، ޕީޖީގެ ބޭފުޅުންނާއި ކޮމިޝަންގެ ބޭފުޅުންނާ އަދި ފުލުހުންގެ ޓީމެއް އެކުލަވާލައި، ކޮމިޝަނަށް ލިބިފައިވާ ރިޕޯޓުތަކާއި ލިބިފައި ހުރި ބަޔާންތަކާއި ގުޅުންހުރި ހުރިހާ އެއްޗެއް ދިރާސާކުރުމަށް އިތުރު 24 ގަޑިއިރު ދެއްވި ކަމަށެވެ. އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެއްވެސް މީހަކަށް ހައްޔަރު އަމުރެއް ނެރޭކަށް، އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް ޖާގައެއް ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވީ އެ ދިރާސާ ކުރުމަށް ފަހު ކަމަށް އިމްރާން ވިދާޅުވި އެވެ.

މިއަދު އިދިކޮޅު ބައެއް މެމްބަރުންވެސް ވަނީ އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ރިޕޯޓުން އެއްވެސް ނަތީޖާއެއް ނުނެރެވޭނެ ކަމަށް ބުނެ ކޮމިޝަނަރަށް ބާރު ދިނީ ކޮން ބޭނުމެއްގައިތޯ ސުވާލު އުފައްދަވައިފަ އެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، ޑރ. އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ. އެ ހަމަލާ ރޭވުމުގައި އެންމެ ބޮޑު މޭސްތިރިޔަކީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ގޮތުގައި ރިޕޯޓުގައި ބުނެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދާއި، ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ) އަދި އޭރު 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް