ބަންދުތެރޭ ހުރިހާ ގަޑިއެއްގައި މާލެ ތެރޭގައި މުދާ އުފުލަން ހުއްދަ ދީފި

މާލޭގައި ވެހިކަލެއްގައި ބަޔަކު މުދާ އުފުލަނީ--- ސަން ފަައިލް ފޮޓޯ

ސްކޫލް ބަންދުތެރޭ ހުރިހާ ގަޑިއެއްގައިވެސް މާލެ ތެރޭގައި މުދާ އުފުލުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިިޓީން ދީފި އެވެ.

އެ އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން ޖެނުއަރީ ފަސް ވަނަ ދުވަހާ ހަމައަށް ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ އާއި ހުޅުމާލޭގައި ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާކޮށްފަ އެވެ.

މީގެ ކުރިން ރޯދަމަހުވެސް ސަރުކާރުން ވަނީ މުދާ އުފުލާ ގަޑިތަކަށް ބަދަލުގެނެސް ލުއިތަކެއް ދީފަ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި މުދާ އުފުލާ ގަޑިއަށް ބަދަލުގެނައިރު އެ އުސޫލުގެ ދަށުން މާލޭގައި މުދާ އުފުލުމުގެ ހުއްދަ ގަޑި އަކީ އިރުއޮއްސި، 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ. އަދި އޭރު ކައްކާ ގޭސް އުފުލުމުގެ ހުއްދަ ދީފައި އޮތީ ހެނދުނު 8:30 އިން ހެނދުނު 11:00 އަށެވެ.

މާލޭގެ މަގުތަކުގައި މުދާ އުފުލަން ވަކިގަޑިތަކެއް އޮންނާތީ ވިޔަފާރިންނަށް ދަތިވެ މުދާ ސަޕްލައިކުރުމަށް އުނދަގޫވާ ކަމަށް ބުނެ ވިޔަފާރިވެރިން ވަރަށް ގިނައިން ޝަކުވާ ކޮށްފައިވެ އެވެ.

comment ކޮމެންޓް