ޗައިނާ އާއި އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރުކުރުމަށް މަޝްވަރާ ކޮށްފި

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭއްވެވި ބައްދަލު ކުރެއްވުން -- ފޮޓޯ: ޓޫރިޒަމް / ޓްވިޓާ

ޗައިނާ އާއި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ޓޫރިޒަމް މިނިސްޓަރު އަލީވަހީދު އިއްޔެ ބޭއްވެވި ބައްދަލު ކުރެއްވުންތަކުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އިންޑިއާ ސަފީރު ސަންޖޭ ސުދީރާއެކު އިއްޔެ މިނިސްޓަރު އަލީ ވަހީދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއިން މިއަހަރަށް ކަނޑައެޅި ފަތުރުވެރިކަމުގެ ޓާގެޓު ކަމަށްވާ ދޮޅު މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓް ހާސިލް ކުރެވުމުން އެކަމަށް ސަފީރު މަރުހަބާ ދެންނެވި ކަމަށެވެ.

އަދި 2020 ގައި ހާސިލްކުރަން ކަނޑައަޅާފައިވާ ދެ މިލިއަން ފަތުރުވެރިންގެ ޓާގެޓު ހާސިލް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. އިންޑިއާ މާކެޓު ފާއިތުވި އެއް އަހަރު ތެރޭ ކުރިއަރާފައިވާއިރު މިއަހަރުގެ މިހާތަނަށް އެގައުމުން އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ޗައިނާގެ ސަފީރުވެސް ވަނީ ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލް ކުރެވުމުން ޓޫރިޒަމް މިނިސްޓަރަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާފައިވާ ދެ މިލިއަން ފަތުރުވެރިންގެ ޓާގެޓު ހާސިލް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާގެ ދެލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.8 ޕަސެންޓުގެ އިތުރު އަދަދެކެވެ.

ރާއްޖެއިން މިއަހަރަށް ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިންގެޓާގެޓު ހާސިލްވީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ސަރުކާރުން މިހާރު ޓާގެޓްކޮށްފައި ވަނީ އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

comment ކޮމެންޓް