ނަޒާ ގެނެސްދެނީ ގޭތެރޭގެ ތަރުތީބުކަމާއި ކުލަ!

ދަރުބާރުގޭގައި ކުރިއަށް ދާ "ފަންނު އެކްސްޕޯ 2019"ގައި ނަޒާ އޭނާގެ ތަކެތި ދައްކާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޭތެރޭގައި ކޮންމެހެން ގެންގުޅެން ޖެހޭ ތަޅުދަނޑި ރައްކާ ކުރާ ފޮއްޓާއި ސަމުސާތަކާއި ދޭފަތްތައް ބަހައްޓާ އެއްޗިހި ތިމާވެއްޓާ ރަށްޓެހި ނަލަ ތަކެއްޗަށް ބަދަލުކޮށްލުމަށް ކްރާފްޓް ސްޓޫޑިއޯ ކިހިނެއްވާނެ ހެއްޔެވެ؟ ފަންނު އެކްސްޕޯއިން ބޮޑު ސަމާލުކަމެއް ހޯދާފައިވާ ހައްވާ ނަޒާހަތު (ނަޒާ)ގެ މަސައްކަތަކީ ގޭތެރެ ތަރުތީބު ކުރަން ކޮންމެހެން ބޭނުންވާނެ އެކި ޒާތްޒާތުގެ ތަކެތި ސިމެންތި އާއި ކުލަ އެއްކޮށްގެން އުފެއްދުމެވެ. ގޭތެރެ ތަރުތީބު ކުރާނަމަ، ނަޒާގެ މިނިމަލިސްޓިކް ޑިޒައިންތަކުން ތައްޔާރު ކުރާ މިތަކެތި ވަރަށް ވެސް މުހިންމެވެ.

އިންޓީރިއާ ޑިޒައިނަރެއް ކަމަށްވާ ނަޒާ ބުނިގޮތުގައި އެ މަސައްކަތް އޭނާއަށް ފަށައިގަނެވުނީ، އޭނާގެ ފިރިމީހާ ގެނައި ތައްގަނޑުތަކަކުން ތަކެތި އުފައްދަން ގޭތެރޭގައި ކުރި މަސައްކަތެއްގެ ތެރެއިން އެވެ. އެކަމަކު އެންމެ ފުރަތަމަ ފިރިމީހާ ތައްޔާރުކުރި ތަކެތި ނަޒާހަތަށް ކަމަކު ނުދިޔަ އެވެ. އެހާ ރީއްޗެއް ނުވި އެވެ. ދެން ދެ މީހުން އެކުވެ، މަސައްކަތް ފެށުމުން އެތަކެތި ރީތިވެގެން ދިޔައީ ކަމަށް ނަޒާ ބުންޏެވެ. އެ ހިސާބުން ކްރާފުޓް ސްޓޫޑިއޯ އުފަންވީ އެވެ. އެންމެ ފަހުން ގާތްގަނޑަކަށް ނަޒާގެ އެކަނި މަސައްކަތަކަށް އެކަން ބަދަލުވީ އެވެ.

ނޮވެމްބަރ 24، 2019: ދަރުބާރުގޭގައި ކުރިއަށް ދާ "ފަންނު އެކްސްޕޯ 2019"ގެ ތެރެއިން، އެކި ފަނުންގެ ފަންނުވެރިންގެ މަސައްކަތް ދައްކާލުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފިރިމީހާ ގެނައި މޯލްޑުތަކަކުން، އޭނާ ކުރަން އުޅުނު މަސައްކަތެއް އަހަރެން ކުޑަކޮށް މަސައްކަތް ފެށީ. އޭނަ އެ ހެދީމަ އެހާ ރީއްޗެއް ނޫން. ދެން އަހަރެން އެ މަސައްކަތުގައި ބައިވެރިވެގެން ކުރަން ފެށީމަ ރީތި ވެއްޖެ،" ނަޒާ ކިޔައިދިނެވެ.

ދެ އަހަރުގެ ދަރިއަކު ބަލަމުން މި މަސައްކަތް ފުޅާކުރަމުން އަންނަ ނަޒާ ބުނި ގޮތުގައި ކްރާފްޓް ސްޓޫޑިއޯގެ މަސައްކަތްތަކަށް އޭނާ ވަގުތު ހުސްކުރަނީ، ދަރިފުޅުގެ ކަންކަން ކޮށްފައި ލިބޭ ހުސްވަގުތުތަކުގަ އެވެ. ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންވާ ތަކެތި ޑިޒައިންކޮށް، ސިމެންތި ގަށައިގެން ތައްގަނޑުތަކަށް އާޅައިގެން ތަކެތި އުފެއްދުމަކީ މިހާރު އޭނާގެ ހޮބީއެކެވެ. އެތަކެއްޗަށް ކުލަ ގެންނަނީ، ސިމެންތި އާއި ކުލައެއްކޮށްގެންނެވެ.

ނަޒާ މިވަގުތު އުފައްދަނީ ތިން ކެޓަގަރީއެއްގެ ތަކެއްޗެވެ. އެއީ އެކި ތަކެތި ބަހައްޓާ ޓްރޭ އާއި ގަސްމުއްޓާއި އަދި އެކި ޒާތްޒާތުގެ ތަކެތި ރައްކާކުރާ ފޮށި ކަހަލަ ތަކެއްޗެވެ.

"ގަސް އިންދާ ޕޮޓާއި ގަލަން ކަހަލަ އެއްޗެހި ޖަހައި، ދަތް އުނގުޅާ ބުރުސް ޖަހާ ކަހަލަ އެއްޗެއްސާއި ސައިބޯނި ޓްރޭ ހިމެނޭނެ،" ނަޒާ ބުންޏެވެ.

ނަޒާ ބުނި ގޮތުގައި އޭނާ އެ މަސައްކަތް ކުރުމުގައި އެންމެ އިސްކަން ދެނީ އެންމެ ހިތްހަމަ ޖެހޭ ފެންވަރުގައި އެތަކެތި އުފައްދާށެވެ. އަދި އެ މީހަކު ދިރިއުޅޭ ތަނެއް ބެލުމަށް ފަހު އެތަނަކަށް އެންމެ ރީތިވާނެ ގޮތަށް ތަކެތި އުފައްދައި ދިނުމަކީ ވެސް ނަޒާގެ ދެމަފިރިން ކޮށްދޭ މަސައްކަތެކެވެ.

ނަޒާގެ ބައެއް އުފެއްދުންތައް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސައްކަތް ކުރުމަށް ރާއްޖެއިން ލިބޭ ތަކެތި!

ނަޒާ ބުނީ، އޭނާ އެތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗަކީ ރާއްޖެއިން ގަންނަން ލިބޭ އެއްޗެހި ކަމަށެވެ. ބޭރުން ހަމައެކަނި ގެންނަ އެއްޗަކީ ސިލިކަން ތައްގަނޑު ކަމަށް އޭނާ ބުންޏެވެ.

ނަޒާގެ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށް އޭނާ ވަރަށް ގިނަ މަސައްކަތް ކުރެ އެވެ. އެގޮތުން މަސައްކަތްކުރާއިރު ވެސް އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކު އޭނާ ބޭނުމެއް ނުކުރެ އެވެ.

"އަހަރެންގެ ޕްރޮޑަކްޝަންގެ އެއްވެސް ހިސާބެއްގައި ސިންގަލް ޔޫސް ޕްލާސްޓިކެއް ބޭނުމެއް ނުކުރަން. ދެން އޭގެ މާނައަކީ ގޭގޭގެ ފްލޯ ފްލޯއިން ކިރު ޕެކެޓު ހުސްވީމަ އާއި ދަޅުތަކާ އެއްޗެހި އަންނާނީ އަހަންނަށް. ދެން އޭއްޗެހި ކަފައިގެން ސިމެންތި ގަށައިގެން މި ހަދަނީ،" ނަޒާ ކިޔައިދިނެވެ.

ސިމެންތި ބޭނުންކޮށްގެން ތައްޔާރުކުރާ އެ ތަކެއްޗަށް އޮންލައިންކޮށް އަދި ގުޅައިގެންވެސް އޯޑަރުކޮށްލެވޭނެ އެވެ. އަދި އޯޑަރު ދޭތާ ހަތަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލައި ޕްރޮޑަކްޓް ހަވާލުކުރާނެ އެވެ. އެ މަސައްކަތަށް ހަތަރު ދުވަސް ނަގަނީ ސިމެންތި ރަނގަޅަށް ހިކެން 48 ގަޑިއިރު ބޭނުންވާތީ ކަމަށް ނަޒާ ބުންޏެވެ.

ފަންނު އެކްސްޕޯގައި ސްކަޕްޗާ ކުރުމުގެ ދާއިރާއިން ނަޒާގެ އުފެއްދުންތަކަށް ވަނީ ތިންވަނަ ލިބިފަ އެވެ. ނަޒާގެ ކްރާފްޓް ސްޓޫޑިއޯ ވަނީ ހުނަރުން ފުރިފަ އެވެ. މިއީ މަދުން ނޫނީ ނުފެންނާނެ ހުނަރުތަކެކެވެ.

comment ކޮމެންޓް