ހުކުރު މިސްކިތުގެ އާބާތުރަ ނިންމައި ހުޅުވަން ދެ އަހަރު ވެދާނެ: މިނިސްޓްރީ

މާލޭގެ ހުކުރު މިސްކިތުގެ ވަޅުން ބަޔަކު ވުޟޫ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރާމާތަށް ބަންދުކޮށްފައިވާ މާލޭގެ އެންމެ ދުވަސްވީ މިސްކިތް، ހުކުރު މިސްކިތް އަލުން ހުޅުވަން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީއިން ބުނެފި އެވެ،

މަރާމާތުކޮށް އާބާތުރަ ފިލުވުމަށް އެ މިސްކިތް ބަންދު ކުރީ، މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މިނިސްޓްރިއިން ބުނީ މިސްކިތް ކުއްލިއަކަށް ބަންދު ކުރަން ޖެހުނީ، ވަރަށް ގަދައަށް ކަތުރުފަނި އަޅައި މިސްކިތުގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަންކަން ރަނގަޅު ނުކޮށް މިސްކިތް ބޭނުން ކުރުން ރައްކާތެރި ނުވާނެތީ ކަމަށެވެ.

ހުކުރު މިސްކިތް މަރަމާތުކުރުމަށާއި އެތަނުގެ އާބާތުރަ ފިލުވުމަށް އިންޑިއާއިން އެހީތެރިވުމަށް ވަނީ ނިންމާފަ އެވެ. މިކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ މިސްކިތުގެ ހާލަތު އެސެސް ކުރުމަށްޓަކައި އިންޑިއާއިން ދެ ވަފުދެއް އައިސްފައިވާ ކަމަށެވެ.

ތޯރިގު ވިދާޅުވި ގޮތުގައި، އެފަރާތްތަކުގެ އެސެސްމެންޓުން ދެއްކީ، ހުކުރު މިސްކިތުގެ ހާލަތު އެއްކޮށް ރަނގަޅުކޮށް ނިންމާލުމަށް ދެ އަހަރުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

ތޯރިގު ވިދާޅުވީ މިސްކިތުގެ ލަކުޑިތަކުގައި ކަތުރުފަނި އަޅައި މިހާރު ތަނބުތައްވެސް ވަނީ އެއްކޮށްހެން އެތެރެ ހުސްވެފަ އެވެ.

"ކަތުރުފަނި އެޅުމުގެ މައްސަލަ ވަރަށް ގޯސްވެފައި ވަނީ. މިސްކިތުގެ ތަޅުންމަތީގައިވެސް ކަތުރުފަނި އުޅޭ ވަރަށް އެ މައްސަލަ ވަނީ ބޮޑުވެފައި،" އޭނާ ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ މަހެއްގެ ތެރޭގައި އެ މިސްކިތުގެ މަރާމާތުގެ މަސައްކަތް ފަށާނެ ކަމަށް އިންޑިއާއިން ބުނެފައިވާ ކަމަށެވެ.

ކުރީ ސަރުކާރުންވެސް ވަނީ ހުކުރު މިސްކިތް މަރާމާތުކުރުމަށްޓަކައި ބަންދުކޮށްފަ އެވެ. އެ މިސްކިތް ހުޅުވާފައިވަނީ މަރާމާތުކުރުމަށް އެއް އަހަރަށް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އެވެ.

މިސްކިތުގެ ހާލަތު އިތުރަށް ގޯސްވެފައިވަނީ ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ކުރީގެ ސަރުކާރުގައި މިސްކިތުގެ ތަނބުތަކަށް ހޮޅި ލައްވާފައި އަދި ފްލައިވުޑު ޖެހުމުން ކަތުރުފަނި މުޅި މިސްކިތަށް އިތުރަށް ފެތުރި ތަބުފަދަ ތަންތަން މާ ބޮޑަށް ހަލާކުވީ އެވެ.

"އަސްލު ހަމަ އަޅާލަން ޖެހޭ ވަރަށް އަޅާ ނުލެވުމުން ވީގޮތެއް މިއީ،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް