އައްޑޫގައި މިލިޓަރީ ހަރަކާތެއް ނުހިނގާނެ، ތަމްރީނު ކުރާނީ ފުލުހުން: އިމްރާން

އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާއިން އައްޑޫ ސިޓީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑެމީގައި އެއްވެސް ކަހަލަ އަސްކަރީ ހަރަކާތެއް ނުހިނގާނެ ކަމަށާއި އެތަނުގައި ކުރިއަށް ދާނީ ފުލުހުންގެ ތަމްރީނުތައް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫން 1 ކިލޯ މީޓަރަށް ވުރެ ދިގު ބިމެއްގައި ހަދަމުން އަންނަ ބޮޑު އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ހިންގުމަށް ޓަކައި އިމާރާތްކުރާ ތަނެއްކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ.

އެ ބިމަކީ ކޮން ބަޔަކަށް ދޫކޮށްފައިވާ ތަނެއް ކަމާއި އެތަނުގައި އިމާރާތް ކުރަނީ ކޮން ފަރާތަކުން ކަމާއި އަދި އެ އިމާރާތާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހޯދަން އިމްރާނާ ސުވާލުކުރައްވާފައި ވަނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު --- ފޮޓޯ/ މަޖިލިސް

ނިހާދުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2004 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާވިސް، އޭރުގެ އެންއެސްއެސް އިން ވަކިވެ ސަލާމަތީ ހިދުމަތްދޭ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވުމަށް ފަހު، ފުލުހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިއްބައިދިނުމަށް ބޭނުންވާ އެކަށީގެންވާ ތަމްރީނުދޭ މަރުކަޒެއް އެޅުމުގެ މަސައްކަތް ފެށިގެން ދިޔަ ކަމަށެވެ.

އެގޮތުން ކުރެވެމުން ދިޔަ މަސައްކަތްތަކާ މަޝްވަރާތަކުގެ ތެރެއިން އިންޑިއާގެ ސަރުކާރާ އެކު ދިވެހިރާއްޖެ އިން ފުލުހުންނަށް ތަމްރީނުދޭ މަރުކަޒެއް، ޕޮލިސް އެކެޑެމީއެއް އެޅުމުގެ މަޝްވަރާ 2009 ވަނަ އަހަރު ފެށި، އެ ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، 26 ސެޕްޓެމްބަރު 2012 ގައި އިންޑިއާ ސަރުކާރާ، ދިވެހި ސަރުކާރާ އެކުގައި އެމްއޯޔޫއެއްގައި ސޮއިކުރެވިގެން ދިޔަ ކަމަށެވެ.

"މި އެމްއޯޔޫގައި ވެސް ވަރަށް ސާފުކޮށް ލިޔުއްވާފައިވޭ ނެޝަނަލް ޕޮލިސް އެކެޑެމީއެއް އެޅުމުގެ އެއްބަސްވުން ކަން،" އިމްރާން ވިދާޅުވި އެވެ.

އެހެންކަމުން އެތަނުގައި ދިވެހިން ވިޔަސް، އަދި އެހެން ގައުމެއްގެ ވެސް މިލިޓަރީ އެއްވެސް ހަރަކާތެއް ނުހިނގާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.

އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ އެ އިމާރާތް އަޅަން މަޝްވަރާކުރީ ޅ. ދިއްފުށިމާދޫގައި ކަމަށެވެ. އަދި 18.3 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓު ހިންގުމަށް އިންޑިއާގެ ނެޝަނަލް ބިލްޑިން ކޮންސްޓްރަކްޝަން ކޯޕަރޭޝަން ކަމަށް ކަނޑައެޅި ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ނަމަވެސް ފަހުން އެތަން އިމާރާތް ކުރާނެ ބިމަކާ މެދު އިތުރު މަޝްވަރާތަކެއް ކުރެވި ދ. ވާނީގައި ވެސް އެކެޑެމީ އަޅަން މަޝްވަރާ ކުރި އެވެ. ނަމަވެސް އެންމެ ފަހުން އެކެޑެމީ އަޅަން ނިންމީ އައްޑޫ ސިޓީ ހިތަދޫގަ އެވެ.

އެގޮތުން 18 ނޮވެމްބަރު 24014ގައި އެކެޑެމީ އިމާރާތް ކުރާނެ ބިން ކަނޑައަޅައި މަސައްކަތް ހަވާލުކުރެވިގެން ދިޔަ އެވެ. އަދި 26 ޑިސެމްބަރު 2016ގައި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން ދިޔަ އެވެ.

އިމްރާން ވިދާޅުވީ މަސައްކަތުގެ ޝެޑިއުލަށް ބަދަލެއް ނައިސް ކުރިއަށް ދާ ނަމަ 1 ޖުލައި 2020ގައި މަސައްކަތް މުޅިން ނިމިގެންދާނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން، އޭރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހްމަދު އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސުޝިލް ކުމާރު ސޮއިކުރެއްވި އެމްއޯޔޫގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން، ކޮށްދޭން ޖެހޭ މުހިންމު ކަންތައްތަކުގެ ގޮތުގައި 11 ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ:

  • މަސައްކަތަށް އެކަށޭނަ ބިމެއް ފޯރުކޮށްދިނުން
  • ގާނޫނީ ގޮތުން ދެއްކުން ލާޒިމްކުރާ ފީތައް ދެއްކުން
  • ޕްރޮޖެކްޓާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ބަލަހައްޓާ ރައްކާތެރިކުރުން
  • ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މަސައްކަތުގައި އުޅޭ އިންޑިއާގެ މަސައްކަތްތެރިންގެ ވިސާ އާއި ވޯކް ޕާމިޓް އާއި އެހެނިހެން ކަންކަން ހަމަޖައްސައިދިނުން
  • މަސައްކަތާ ގުޅިގެން އެތެރެ ކުރެވޭ ތަކެޓީގެ ޑިއުޓީ މައާފްކުރުން
  • މަސައްކަތާ ގުޅޭ އެންމެހާ ޓެކްސްތައް ދެއްކުން
  • ޕްރޮޖެކްޓުގައި ހަރަކާތްތެރިވާ އިންޑިއާގެ މަސައްކަތްތެރިން ހެޔޮނިޔަތުގައި ރަނގަޅަށް ކުރާ ކަންކަމުގައި އިމިއުނިޓީ ފޯރުކޮށްދިނުން
  • މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެފަރާތްތަކުގެ މުދަލަށް ރައްކާތެރިކަން ދިނުން
  • މަސައްކަތާ ގުޅޭ ގޮތުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިދިނުން
  • މަސައްކަތުގައި ހަރަކާތްތެރިވާ ސުޕަވައިޒަރީ ލެވެލްގެ ސްޓާފުންގެ އާއިލާތަކަށް ރައްކާތެރިކަމާއި އެކޮމޮޑޭޝަން ދިނުން
  • މަސައްކަތަށް ބޭނުންވާ ފެސިލިޓީތަކަށް ސަޕްލައި އަދި ސާވިސްތައް ކަމާބެހޭ ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ފަސޭހަކަމާ އެކު ހޯދުން

އެހެންނަމަވެސް އިމާރާތް ކުރުމުގެ ހުރިހާ ކަމެއް، ޑިޒައިން ކުރުމާއި އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އިންޑިއާ ސަރުކާރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމްރާން ވިދާޅުވީ އެކެޑެމީގެ މަސައްކަތް ނިމިގެންދާއިރު އެތަން ހިންގާނެ އިންތިޒާމުތައް ފުލުހުންގެ ފަރާތުން ރާވަމުން އަންނަ ކަމަށާއި އެ މުއައްސަސާއަށް ކިޔާނެ ނަމަކާ މެދުގައި ވެސް މަޝްވަރާކޮށް މިހާރު ފައިނަލް ކުރުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އިމްރާންގެ ޖަވާބާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ މިލިޓަރީ އެކެޑެމީއެއްކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދުގެ ސުވާލަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އެއީ ނެޝަނަލް ޕޮލިސް އެކެޑެމީއެއް ކަމަށް އެމްއޯޔޫގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އެހެންވީމާ މިލިޓަރީ އެއްވެސް ހަރަކާތެއް އެތާގައި ދިވެހިން ކަމަށް ވިޔަސް އަދި ބޭރު ގައުމަކުން ކަމަށް ވިޔަސް މިލިޓަރީ މަސައްކަތެއް ކުރުމުގެ ވިސްނުމުގައި ފެށިގެން އަދި މަސައްކަތް ކުރިއަށް ދާ ތަނެއް ވެސް ނޫން. އެހެންވީމާ އެއީ ޕޮލިސް އެކެޑެމީއެއްގެ ގޮތުގައި އޮންނާނީ،" އިމްރާން ވިދާޅުވި އެވެ.

އެކެޑެމީ އިމާރާތް ކުރަނީ ލިންކް ރޯޑްގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އޮފީހާއި ކުނިކޮށްޓާ ދޭތެރޭ އޮތް ބޮޑު އެއް ކިލޯ މީޓަރުގެ ސަރަހައްދުގަ އެވެ.

އިމްރާން މިއަދު މަޖިލީހުގައި މިހެން ވިދާޅުވެފައި ވާއިރު، އިންޑިއާ އެމްބަސީއިން ވެސް ވަނީ އެއީ ރާއްޖޭގެ ޕޮލިސް ޓްރެއިނިންގެ އިންސްޓިޓިއުޓް އެންޑް ލޯ އެންފޯސްމަންޓް އެކެޑެމީއެއް ކަމަށާއި އެތަނުގައި އަސްކަރީ ހަރަކާތެއް ކުރިއަށް ގެންދަން އެއްބަސްވުމުގައި ނުވާ ކަމަށް ބުނެފަ އެވެ.

އަދި އެއީ ދިވެހި ސަރުކާރުގެ އިމާރާތެއް ކަމަށާއި އެ އިމާރާތް ބޭނުންކުރާނެ ގޮތެއް ކަނޑައަޅާނީ ވެސް ދިވެހި ސަރުކާރުން ކަމަށް އިންޑިއާ އެމްބަސީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް