ދީބާޖާ އާއެކު އޮތް އެއްބަސްވުން ބާތިލްކުރީ ހިދުމަތް ނުދެވުމުން: އޭރުގެ މިނިސްޓަރު

އަމީން އިބްރާހިމް ---- ސަން ފައިލް ފޮޓޯ

އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އެކުންފުންޏަށް ހިދުމަތް ނުދެވުމުން ކަމަށް، އެއްވަސްވުން ބާތިލްކުރި އިރު ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި ދައުލަތުން ދީބާޖާ އަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވަނިކޮށް އަމީން މިއަދު ވިދާޅުވީ ދީބާޖާ އެގްރީމެންޓު ސަރުކާރުން ބާތިލްކޮށްފައިވަނީ އެގްރީމެންޓުގައިވާ ގޮތުގެ މަތިން ހިދުމަތް ނުދެވުމުން ކަމަށެވެ.

"[އެއްބަސްވުން ބާތިލްކޮށްފައިވަނީ] ހިދުމަތް ފުރިހަމަކުރުމަށް އެދި ނޯޓިސް އާއި އިންޒާރު ދިނުމަށްފަހު. ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން އެޓާނީ ޖެނެރަލްގެ ލަފަޔާއެކު. އެކަން އެއޮތީ ހައިކޯޓުގެ ހުކުމުން ސާފުކޮށް ފެންނަން،" އަމީން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް ހޫދު އިއްޔެ "ސަން"އަށް ވިދާޅުވީ، ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދަ ދޭން ރައީސް ނިންމެވީ ސެޓުލްމަންޓް ކޮމިޓީއިން އެގޮތަށް ލަފާދީފައިވާތީ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން ބާތިލް ކުރުމުން ކޯޓުން ހުކުމްކޮށްފައި ވަނީ 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭށެވެ.

ނަމަވެސް ދައުލަތާ، ދީބާޖާއާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

ހޫދު ވިދާޅުވީ ދީބާޖާ އިން އެދުނު ގޮތަށް 174 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކުރަން ސެޓްލްމެންޓު ކޮމެޓީ އިން ލަފާދިން ނަމަވެސް އެ ފައިސާ އަދި އެކުންފުންޏަށް ދޫކޮށްފައި ނުވާ ކަމަށެވެ.

"ކޮމެޓީ އިން ރައީސް އަށް ލަފާދޭނެ އެ ފައިސާ ދޫކުރާނީ ކިހިނެއްތޯ. އިންސްޓޯލްމެންޓަށް ނޫނީ ގަނޑުކޮށްތޯ،" ހޫދު ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލްކުރި އިރު މިނިސްޓަރު ކަމުގައި ހުންނެވި އަމީން ވިދާޅުވީ މުޅި ގައުމުގެ މަސްލަހަތު އޮތްކަމެއްގައި މައްސަލަ ލަސްވުމުން އިޖުރާތްތަކާ ހިލާފުވެފައިވާކަމަށް ބުނެ ރައްޔިތުން އެވަރުގެ ބޮޑު އަދަދަކުން "ޕެރަލައިޒް" ކުރެވޭނެތޯ، ސުވާލުކޮށްފަ އެވެ.

ފެރީ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ދީބާޖާ އާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ. އެ އެއްބަސްވުން ބާތިލް ކުރީ 2013 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އަމީން ވިދާޅުވީ ދީބާޖާ މައްސަލާގައި ގައުމުގެ އިގްތިސާދީ ހާލަތަށް ބައްލަވައި އެ ކުންފުންޏަށް ބަދަލު ދިނުމާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރަށް ވިސްނަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

comment ކޮމެންޓް