ހުކުރު މިސްކިތް ރައްކާތެރިކުރުމުގެ މަސައްކަތަަށް ސްޓެލްކޯ

ހުކުރު މިސްކިތުގެ މުންނާރާއި ވަޅު ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ/ ސަން އޮންލައިން

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ގޯތިތެރޭގައި ހުރި ހަތަރު ވަޅު ރައްކާތެރިކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރުމަށް ފަހުމްނާމާއެއްގައި ސޮއިކޮށްފި އެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަހުމްނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ.

މިއަދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރު، ހުކުރު މިސްކިތުގެ މުންނާރާއި މިސްކިތު ގޯތިތެރޭގައިވާ ހަތަރު ފެންވަޅު ރައްކާތެރިކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނެއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުަހައްމަދު ތޯރިގު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ ތާރީހީ ބިނާތަކާއި ތަންތައް ރައްކާތެރިކުރެވޭނީ މިނިސްޓްރީގެ އިތުރުން ހުރިހާ ފަރާތްތަކުން ގުޅިގެން ކަމަށެވެ.

އެގޮތުން ކުންފުންޏަކުން އެ މަސައްކަތުގައި ބައިވެރިވުމަކީ ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"މިއަދުގެ މަސައްކަތަކީ ރާއްޖޭގެ ތާރީހީ ތަކެތި ރައްކާތެރިކުރުމަށް އެޅިގެންދާ ބިންގާއެއް،" ތޯރިގު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުޣުނީ ވިދާޅުވީ ހުކުރު މިސްކިތުގެ މުންނާރަކީ ވަރަށް މުހިއްމު ބިނާއެއް ކަމަށާއި އެތަން ރައްކާތެރިކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އަންނަ ހޮނިހިރު ދުވަހުގައި މިސްކިތު ވަޅުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާނެ ކަމަށް މުޣުނީ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް