ތިލަފުއްޓަށް ކުނި ފިއްތާ މެޝިނެއް ގަންނަން ހަވާލުކޮށްފި

ތިލަފުށީ ކުނިގޮނޑު މެނޭޖްކުރަން ލޭންޑްފިލް ކޮމްޕެކްޓަރު ގެންނަން

ތިލަފުށީގައި މިހާރު އޮތް މާސިންގާ ކުނިގޮނޑު މެނޭޖްކުރަން ލޭންޑްފިލް ކޮމްޕެކްޓަރު، ކުނި ފިއްތާނެ މެޝިނެއް ގެންނަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ.

އެމްޓީސީސީން ސަޕްލައިންކޮށްދޭ ކޮމްޕެކްޓަރުގެ އަގަކީ 9.67 މިލިއަން ދިވެހި ރުފިޔާ އެވެ. މިއަދުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮމްޕެކްޓަރު ސަޕްލައިކުރަން ޖެހެ އެވެ.

ލޭންޑްފިލް ސައިޓްތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ މި ކޮމްޕެކްޓަރަކީ ބޯމެގް ބްރޭންޑުގެ BC 573 RB-3 ކޮމްޕެކްޓަރެކެވެ. މި ކޮމްޕެކްޓަރުގެ ދިގުމިނުގައި 8.6 މީޓަރު، ފުޅާމިނުގައި 3.6 މީޓަރު އަދި ބަރުދަނުގައި 28.8 ޓަނު ހުންނާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މާލެއިންނާއި ރިސޯޓްތަކުން ގެންނަ ކުނިން ތިލަފުށި މިހާރު ފުރެމުން ދާކަމަށެވެ. އަދި ކޮންސްޓްރަކްޝަން ވޭސްޓްވެސް ހަމަ އެހާ ގިނަ އަދަކަށް އެބަ ގެންނަ ކަމަށާއި އެހެންކަމުން ތިލަފުށި މެނޭޖް ކުރުމުގެ މަސައްކަތް އަވަސްގޮތެއްގައި ކުރަން ޖެހިފަިއވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ދުވަހަކު 500 އަށްވުރެ ގިނަ ޓަނުގެ ކުނި މިހާރު ތިލަފުއްޓަށް ގެންދާ ކަމަށެވެ.

"މިއަދު މި ސޮއިކުރަނީ އެތަނުގައި އުފެދިފައި ހުރި ކުނިގޮނޑު ކުޑަކުރުމަށްޓަކައި އެ މެނޭޖް ކުރުމަށްޓަކައި ހާއްސަ މެޝިނެެއް ގެންނަަން ކޮމްޕެކްޓަރެެއް ކޮމްޕެކްޓަރަކީ މިއީ އާދައިގެ މެޝިނެއް ނޫން. އެއީ ހަމަ ކުނިތައް އޭގެ ވޮލިއުމް ކުޑަކުރަން ފިއްތާނެ މެޝިނެއް އެއީ." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް