ޝިންޖިއަންގަށް ވަނުމަށް އދ.އަށް ހުއްދަ ދިނުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

ޝިންޖިއަންގުގައި މުސްލިމުން ހައްޔަރުކޮށްފައި ބައިތިއްބާ ކަމަށް ބެލެވޭ އެއް ގައިދުހާނާ -- ފޮޓޯ: ގެޓީ

އދ. (ނޮވެމްބަރު 26): ޗައިނާގެ ޝިންޖިއަންގުގައި މުސްލިމުން ހައްޔަރުކޮށްފައިވާ ގައިދުހާނާތަކަށް ވަނުމުގެ ހުއްދަ އދ.އަށް ދިނުމަށް އިނގިރޭސިވިލާތުން ޗައިނާއަށް ގޮވާލައިފި އެވެ.

އިނގިރޭސި ފޮރިން އޮފީހުން އެފަދައިން ގޮވާލާފައި ވަނީ ޝިންޖިއަންގުގެ ގައިދުހާނާތަކުގައި މުސްލިމުންނާ މެދު އަމަލު ކުރާ ގޮތް ކިޔާދީފައިވާ ޗައިނާ ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ލީކުވި ފަހުންނެވެ.

"ޝިންޖިއަންގުގައި ގާނޫނީ އިމުގެ ބޭރުން އެއް މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޔަރު ކުރުމާއި އެސަރަހައްދުގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ މެދު އަޅުގަނޑުމެންގެ ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި. އަދި އެއްވެސް ހުރަސް އެޅުމަކާ ނުލައި އދ.ގެ އޮބްޒާވަރުންނަށް އެސަރަހައްދަށް ވަނުމަށް ހުއްދަ ދޭން އިނގިރޭސިވިލާތުން ގޮވާލަން،" އެގައުމުގެ ފޮރިން އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އަށްޑިހަ ގައުމުގެ 200އަށް ވުރެ ގިނަ ނޫސްވެރިން ހިމެނޭ އިންޓަނޭޝަނަލް ކޮންޒޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ)އިން ލީކުކޮށްލި ލިޔުންތަކުގައި ވަނީ ޗައިނާއިން ގައިދުހާނާތަކުގައި މުސްލިމުން ހައްޔަރު ކުރާ ގޮތާއި އެމީހުންނަށް އަދަބު ދޭ ގޮތްތައް ބަޔާންކޮށްފަ އެވެ.

އޭގެ ތެރޭގައި 2017 ވަނަ އަހަރު ޝިންޖިއަންގުގެ އޭރުގެ އެންމެ އިސް ސެކިއުރިޓީ އޮފިޝަލް ކަމަށްވާ ޝޫ ހައިލަން، އެސްޓޭޓުގެ ގައިދުހާނާތަކަށް ފޮނުވި މެމޯއެއް ހިމެނެ އެވެ. އެމެމޯގައި ވަނީ ގައިދުހާނާތައް ހިންގަން ޖެހޭނީ ސަލާމަތީ ހާލަތު އެންމެ މަތީ ޖަލުތައް ހިންގާ ގޮތަށް ކަމަށް ބުނެފަ އެވެ. އެގޮތުން އެއްވެސް މީހަކަށް އެތަނުން ފިލަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ އަދަބު ދިނުމަށާއި މެންޑަރިން ދަސްކޮށްދިނުމުގެ ކްލާސްތަކަށް އިސްކަން ދިނުމާއި ހުރިހާ ޑޯމްތަކާއި ކްލާސްރޫމްތައް އެއްކޮށް ފެންނަ ގޮތަށް ސީސީޓީވީ ހަރުކުރުން އިރުޝާދު ދީފައިވެ އެވެ.

މީގެ އިތުރުން، ގައިދުހާނާތަކުގައި ތިބޭ މީހުން ކްލާސްރޫމްގައި ތިބޭ ގޮތުން ފެށިގެން ފެންވަރާ، ފާހާނާ ބޭނުން ކުރާނެ ގޮތާ ބެހޭ ގޮތުން ވެސް ގަވާއިދުތައް ހަދާފައިވެ އެވެ. އަދި އެގަވާއިދުތަކަށް އަމަލު ކުރާ ގޮތަށް ބަލައި، ކޮންމެ މީހަކަށްވެސް ޕޮއިންޓުތައް ދެ އެވެ. އަދި ގިނަ ޕޮއިންޓުތައް ލިބޭ މީހުންނަށް އާއިލާއާ ބައްދަލުކުރުން ފަދަ އިނާޔާތްތައް ދޭ އިރު، މަދު ޕޮއިންޓު ލިބޭ މީހުން ހައްޔަރުކޮށްފައި ބަހައްޓާނެ ދުވަސްތައް އިތުރު ކުރެ އެވެ.

ދުނިޔޭގެ 17 މީޑިއާއަކާ ހިއްސާކޮށްފައިވާ އެ ލިޔުންތަކުގައި ވަނީ އެ ގައިދުހާނާތަކުގައި މީހުން ހައްޔަރު ކުރާ މިންވަރު ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން އެއް ލިޔުމުގައިވާ ގޮތުން 2017 ވަނަ އަހަރު ދެކުނު ޝިންޖިއަންގުގައި އެއް ހަފްތާ ތެރޭ 15،000 މީހުން ގައިދުހާނާތަކަށް ފޮނުވާފައިވެ އެވެ.

ނަމަވެސް ޗައިނާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލޫ ޝިއައޮމިންގް ވަނީ އެއީ ފޭކު ލިޔުންތަކެއް ކަމަށް ވިދާޅުވެ، އެވާހަކަތައް ދޮގު ކުރައްވާފަ އެވެ.

ޗައިނާއިން ބުނާ ގޮތުގައި އެ ގައިދުހާނާތަކަކީ މީހުން "ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް" ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ ކޭމްޕުތަކެކެވެ. އަދި އެ ކޭމްޕުތަކުގެ ސަބަބުން ފާއިތުވި ތިން އަހަރު ތެރޭ ޝިންޖިއަންގުގައި އެންމެ ޓެރަރިސްޓު ހަމަލާއެއް ވެސް ދީފައި ނުވާ ކަމަށް ޝިއައޮމިންގް ވިދާޅުވި އެވެ.

comment ކޮމެންޓް