ކުއްޖާ މަރުވި ހާދިސާގައި ބަސް ދުއްވި ޑްރައިވަރު ދޫކޮށްލައިފި

އެކްސިޑެންޓް ހިނގި ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، ބަސް ދުއްވަން އިން ޑްރައިވަރު ދޫކޮށްލައިފި އެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ ކުޑަކުއްޖާ އޭނާގެ މަންމައާ އެކު ދަތުރުކުރި ސައިކަލުގައި، އެމްޓީސީސީގެ ބަހެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ކ. ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީގު ވަނީ ނިޔާވެފަ އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ 54 އަަހަރުގެ ބަސް ޑްރައިވަރެކެވެ.

އޭނާ ދޫކޮށްލި މައްސަލާގައި ފުލުހުން ބުނީ ބަސް ޑްރައިވަރު އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރިއަށް ގެންދިއުމަށް ނުފެންނާތީ މިދިޔަ ބުދަ ދުވަހުން ފެށިގެން އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްޓީސީސީން ބުނީ، އެ އެކްސިޑެންޓް ހިނގިކަން ޑްރައިވަރަށް ނޭނގޭ ކަމަށާއި އަދި ބަހުގައި ކޫރުމެއްހާ ހިސާބު ވެސް ނެތް ކަމަށެވެ. އަދި ބަހުގައި އޭރު ތިބި މީހުންނަށް ވެސް އެކްސިޑެންޓްއެއް ހިނގިކަން ރެޔަކާ ނުލާ ކަމަށެވެ.

މިދިޔަ ރޯދަ މަހު ވެސް އެމްޓީސީސީގެ ބަސްް ޑްރައިވަރަކަަށް ނިދި ޖެހި ޕޭމަންޓް މަތިން ހިނގާފައި ދިޔަ ޔުކްރޭންގެ ފަތުރުވެރިއެއްގެ ގަޔަށް ބަސް އަރައި އޭމާ މަރުވި އެވެ. އަދި ހަމަ އޭގެ ކުޑަދުވަސްކޮޅެއް ފަހުން ވެސް ހަމަ އެމްޓީސީސީގެ ބަހެއް ކާރެއްގައި ޖެހި އެކްސިޑެންޓްއެއް ހިނގި އެވެ. ނިދި ޖެހިގެން ހިނގި މި ދެ އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ވަޒީފާ އިން ވެސް ވަކިކުރި އެވެ.

comment ކޮމެންޓް