ހޮންގްކޮންގް އަބަދުވެސް އޮންނާނީ ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި: ޗައިނާ

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ

ޓޯކިޔޯ (ނޮވެމްބަރު 26) : ހޮންގްކޮންގްގައި އާދީއްތަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަނަމަވެސް ހޮންގްކޮންގް އަބަދުވެސް އޮންނާނީ ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ އެވެ.

ޖަޕާނުގައި ދެއްވި ބަޔާނެއްގައި ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ އެއްވެސް ސަބަބަކާނުލައި ހޮންގްކޮންގް ގައި ހަމަނުޖެހުން އުފައްދައި އެސަރަހައްދުގެ އާންމުންގެ ދިރުއުޅުމަށް ދަތިކޮށް މުދަލާއި ތަކެއްޗަށް ގެއްލުންދީ އާންމު މަސްލަހަތު ނަގާލަން މަސައްކަތްކުރާ ބަޔަކަށް ހޮންގްކޮންގްގެ މުޖްތަމައުގައި ފުރުސަތު ނޯންނާނެ ކަމުގަ އެވެ. ޗައިނާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ހޮންކޮންގްއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގާ ފަރާތްތަކުން އެސަރަހައްދުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ އަޣްލަބިއްޔަތު ހޯދުމާ ގުޅިގެންނެވެ.

ހޮންގް ކޮންގްގައި ވޯޓުލުމަށް އާންމުން ކިޔޫ ހަދާފާ

އާދީއްތަ ދުވަހު ހޮންކޮންގްގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެސަރަހައްދުގެ ލޯކަލް ކައުންސިލްގެ 18 ދާއިރާގައި ހިމެނޭ 452 ގޮނޑީގެ ތެރެއިން 388 ގޮނޑި ކާމިޔާބުކޮށްފައި ވަނީ ހޮންގްކޮންގަށް ހުޅަނގުގެ ޑިމޮކްރަސީ ތައާރަފް ކުރުމަށް ގޮވާލައި ފާއިތުވި ފަސް މަސް ތެރޭގައި މުޒާހަރާކޮށް ފުލުހުންނަށާއި އާންމު ތަންތަނަށް ހަމަލާދީ ހަމަނުޖެހުން އުފެއްދި ފަރާތްތަކަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.

ހޮންކޮންގްގެ ލޯކަލް ކައުންސިލަރުންނަކީ ހަމައެކަނި އެސަރަހައްދުތަކުގެ ދަތުރުފަތުރާއި ކުނި މެނޭޖްކުރުން ފަދަ އާއްމު ދިރިއުޅުމާ ގުޅިފައިވާ ކަންތައްތައް ބެލެހެއްޓުމުގެ ބާރު ލިބިފައިވާ ބައެކެވެ. ސިޔާސީ ބާރުވެރިކަމެއް ލިބިފައިވާ ބައެއްނޫނެވެ. ނަމަވެސް ހޮންކޮންގްގެ ޗީފް އެގްޒެކެޓިވް ހޮވުމަށް ބާއްވާ 1200 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންތިޚާބީ ކޮމިޓީގައި ލޯކަލް ކައުންސިލަރުންގެ 117 ބޭފުޅުން ހިމެނެ އެވެ.

ހޮންކޮންގްގެ ޗީފް އެގްޒެކެޓިވް އިންތިޚާބު ކުރަނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރުއެވެ. އިންތިޚާބީ ކޮމިޓީއަށް މެންބަރުން އައްޔަން ކުރަނީ ޗައިނާގެ މައި ސަރުކާރުންނެވެ.

ހޮންގްކޮންގްގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް މުޒާހަރާކުރާ އެކްޓިވިސްޓުން ބޮޑެތި މަސައްކަތްތަކެއްކޮށްފައިވެ އެވެ. މިގޮތުން މުޒާހަރާތައް ހުއްޓާލުމަށް ފަހު ގިނަ ބަޔަކު ވޯޓުލާން ނެރުމަށް މުޒާހަރާތަކުގެ އިސް ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ޗައިނާއާ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ކެންޑިޑޭޓުން ހޮންގްކޮންގް ލޯކަލް އިންތިޚާބު ކާމިޔާބު ކުރުމަކީ ޗައިނާއަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށް އޮބްޒާވަރުން ދެކެ އެވެ.

ހޮންގްކޮންގް އިގްތިސާދަކީ ޗައިނާގެ އިގްތިސާދުގެ އެންމެ ހަތަރު އިންސައްތަ ހިއްސާކުރާ އިގްތިސާދަކަށްވާތީ ހޮންގްކޮންގްގައި ހިންގާ ހަމަނުޖެހުންތަކާއި ކުރާ މުޒާހަރާތަކުން ޗައިނާގެ އިގްތިސާދަށް މާބޮޑު އަސަރެއް ނުކުރެ އެވެ. ނަމަވެސް ހޮންގްކޮންގްގައި އިންވެސްޓްކޮށްފައިވާ އިނގިރޭސިވިލާތާއި އެމެރިކާގެ ކުންފުނިތަކަށް އެކަމުގެސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ހޮންގްކޮންގްގެ އިގްތިސާދުގެ 80 އިންސައްތައަކީ ހުޅަނގުގެ އިންވެސްޓްމަންޓް ތަކެވެ. ހޮންގްކޮންގް ގެ އިގްތިސާދުގައި ޗައިނާގެ ހިއްސާ 20 އިންސައްތަ އަށްވުރެ ވެސް ދަށެވެ.

ހޮންގްކޮންގް އަކީ ކުރިން އިނގިރޭސިވިލާތުގެ އިސްތިއްމާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. އެ ސަރަހައްދު އިނގިރޭސީންގެ އަތްދަށުން މިނިވަންވެ ޗައިނާގެ ސިޔާދަތުގެ ދަށަށް އައިސްފައި ވަނީ 1997 ވަނަ އަހަރުއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް