މެރާކީއަށް ހަމަލާދިނުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މެރާކީގެ ބިއްލޫރިގަނޑު ބަޔަކު އެއްލި ގާބުރިއަކުން ޖެހި ތަޅައިގެން ގޮސްފައި --- ސަންފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

"މެރާކީ ކޮފީ ރޯސްޓާސް" ކެފޭއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އަންހެނުން ފިރިހެން ހެނދުން ނޭޅުމަށް އަދި ފިރިހެނުން އަންހެން ވެގެން ނޫޅުމަށް އިންޒާރުދީ ނޯޓެއް ހަރުކުރުމަށް ފަހު އެތަނުގެ ބިއްލޫރިގަނޑުގައި ގަލަކުން ޖަހާ ތަޅާލީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގުރޫޕަކުން އެވެ.

ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކެޕޭއަށް އިންޒާރުދީ ހަމަލާ ދިނުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ ކެފޭގައި ތިބި މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި ސައިކަލުތަކެއްގައި އައި ގުރޫޕެއްގެ ތެރެއިން ކުރީ ސައިކަލުގައި ތިބި ދެމީހުން އެތަނަށް ގާބުރި އެއްލި އެވެ. އަދި ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިޔުމުން އަނެއްކާވެސް އެހެން ގާބުރިއެއް އެއްލައި އެތާންގެ ބޭރު ބިއްލޫރިގަނޑު ތަޅާލި އެވެ.

މެރާކީގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލީ އެތަނުގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަންހެނަކު ފިރިހެނުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އުޅޭ ކަމަށް ބުނެ އޭނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި ރުޅިވެރިކަން އަމާޒުވެފައި ވަނިކޮށެވެ.

comment ކޮމެންޓް