ސީއެޗްއެސްސީގެ އިސްލާމް ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

ސީއެޗްއެސްސީގެ އިމާރާތް--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ސެންޓާ ފޯ ހަޔަ ސެކަންޑްރީ އެޑިއުކެޝަން (ސީއެޗްއެސްސީ) ގެ އިސްލާމް ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ފުރައްސާރަކުރި މަައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީ އިން ބަލަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީއެޗްއެސްސީގެ އިސްލާމް މުދައްރިސެއް ކަމަށްވާ ހަސަން ޒަރީރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ހަސަން ޒަރީރާ ގުޅޭ ޖިންސީ ފުރައްސާރައިގެ ވާހަކަތަކެއް މިފަހުން ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެގޮތުން އޭނާ އަކީ ސީއެޗްއެސްސީގައި އިސްލާމް މާއްދާ ކިޔަވައިދޭތާ 10 ވަރަކަށް އަހަރުވެފައިވާ މީހެއް ކަމަށާއި އޭނާ އާއި ގުޅޭ ޖިންސީ ފުރައްސާރައިގެ ޝަކުވާ އެކި ފަހަރުމަތިން ދަރިވަރުން ސްކޫލަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅޭގޮތުން ސްކޫލުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވާހަކަ ފެތުރިފައެވެ.

މިކަން މިގޮތަށް ހިނގާތާ އަހަރުތަކެއް ވެފައިވާކަން ސީއެޗްއެސްސީގެ އެހާރާއި މިހާރުގެ ދަރިވަރުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

އެ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ޒަރީރާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން އޭގައި ދަރިވަރުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ ހަސަން ޒަރީރުގެ ފަރާތުން ހިނގާފައިވާ ކަންކަން ކަމުގައި ބެލެވެއެވެ. މިފަދަ ކަންކަމަކީ އިތުބާރުކުރެވޭފަދަ މަގާމެއްގައި ހުރި މީހަކު، އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާމެދު ހިންގައިގެންވާނެ އަމަލިތަކެއް ކަމުގައި ނުދެކެމެވެ،" އެޑިއުކޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް އެ މިނިސްޓްރީ އިން އަބަދުވެސް އިސްކަންދޭ ކަމަށާއި އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރުންނަށް ކުރިމަތިވެދާނެ ކަމެއް ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ހިންގާފައިވާނަމަ އެކަން ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ ކުރިންވެސް އަމަލުކޮށްފައިވާނީ އެފަދައިން ކަމަށާއި ދަރިވަރެއްގެ ޖިސްމަށް، އަބުރަށް އަދި ކަރާމާތަށް އުނިކަމެއް އަންނަ ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަރުވާކަމަށް އެޑިއުކޭޝަނުގެ ބަޔާނުގައި ވެއެވެ.

ސްކޫލު މާހައުލަކީ ރައްކާތެރިކަމާއެކު ހިނިތުންވެތިބެ އުނގެނުމަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައިވާ ތަނަކަށް ހެދުމަށް މިނިސްޓްރީ އިން އަބަދުވެސް މަސައްކަތްކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް