ރާއްޖެ-ފިންލެންޑުން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ގާއިމް ކުރަނީ

ފޮރިން މިނިސްޓަރު ޝާހިދު -- ސަން ފޮޓޯ-- ފަޔާޒު މޫސާ

ރާއްޖެ އާއި ފިންލެންޑުން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ގައި ސޮއިކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިމަހުގެ 28 އިން 29 އަށް ފިންލެންޑަށް ކުރައްވާ ދަތުރުފުޅުގައި ކަމަށެވެ.

މިނިސްޓަރުގެ އެ ދަތުރުފުޅުގައި ފިންލެންޑުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވާނެކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އެ ދަތުރުފުޅުގައި ރާއްޖެ އާއި ފިންލެންޑާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުންނާއި، ރާއްޖޭގައި ހިންގާ ފިންލެންޑް ސްކޫލުގެ ހިދުމަތް ފުޅާކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ޝާހިދު މިހާރު ހުންނެވީ އޯގަނއިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ސައުދީ އަރަބިއާގައެވެ.

ރާއްޖެ އާއި ފިންލެންޑާ ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހުއެވެ.

comment ކޮމެންޓް