މަޖިލީހުގެ އާދޭސް: އައިއެސްގެ ބާރު ދައްކާނުލަނީސް ގާނޫނު ތަންފީޒު ކޮށްދީ!

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ހަރުކަށި ފިކުރު ހުއްޓުވުމަށް، ތަންފީޒީ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ އާއި ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާ އައިސިސްގެ ލޯގޯ ޖެހި މައްސަލައާ ގުޅިގެން އަވަސް ފިޔަވަޅު އަޅަން ގޮވާލައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، މައްސަލަ ހުށަހެޅުއްވި މެމްބަރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ދެބަސްވާ ކޮންމެ ފަހަރަކު "ކޮށާލުމަކީ" ސޯލިހު މީހުންގެ ގޮތް ނޫންކަމަށާއި، އެއީ ހަނގުރާމަށް ވާގިވެރިވާ، ހަނގުރާމަވެރިން ކަމަށެވެ.

އެމީހުންނަކީ ޖަލުގެ ތޭރިތަކުގެ ފަހަތަށް ވައްދަން ޖެހޭ މީހުން ކަމަށާއި، ވުޒާރާތަކުގައި ތިބެންޖެހޭނީ އެކަން ކުރެވޭ ވަރުގެ މީހުން ކަމަށް މެމްބަރު ވިދާޅުވި އެވެ.

"މި މީހުންނަށް ދައުވާ އުފުލަން ކެރޭ ވަރުގެ ހަން ބޯ މީހުން ފަނޑިޔާރުންނަށާ ތަހުގީގީ އިދާރާތަކުގައި ތިބެން ޖެހޭނީ. އެފަދަ ބަޔަކަށް އެބޭފުޅުން ވާށޭ އަޅުގަނޑު މި ދަންނަވަނީ." މެމްބަރު ވިދާޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް -- ފޮޓޯ/ މަޖިލިސް

ޝަހީމްގެ އިތުރުން، ގިނަ އަދަދެއްގެ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުން، ހައްދުފަހަނައެޅުމާއި ހަރުކަށި ފިކުރު ހުއްޓުވަން ގާނޫނުތައް ހަދާދީފައިވާނެ ކަން ފާހަގަކުރައްވައިފަ އެވެ. ނަމަވެސް އެކަންކަން ތަންފީޒުވަމުން ނުދާކަމަށާއި، އެފަދަ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާކަން މެމްބަރުން ފާހަގަކުރެއްވި އެވެ.

އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ދިވެހި ގައުމު ހަލާކުވެގެން ދާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

"މިތަނުން އޮންނާނީ މުތުލަގަށް ބާރު ދީފައި. އެކަން ކުރާށޭ، ގައުމު ސަލާމަތް ކުރާށޭ. މި ގައުމެއް މިހެނެއް ނޯންނާނޭ މިހެން ދޫކޮށްލައިގެން ތިބެން ވެއްޖެ ނަމަ. ފިކުރަކަށް ވުރެ ގައުމު މާބޮޑު،" އަނދުން ހުސެއިން ވިދާޅުވި އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ކުޑަކުދިންނާ ކައިވެނިކޮށްގެންނޭ ކިޔައިގެން އުޅޭ މީހުން ހައްދުފަހަނައަޅާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.

އަނދިރި ދައުލަތުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދަނީ އަމިއްލައަށް ކައިވެނި ސެޓްފިކެޓް ހަދާ، ލައިސެންސް ހަދާ، ޕާސްޕޯޓު ހަދާ، އަމިއްލައަށް ވެކްސިން ކާޑު ހަދާ ހިސާބަށް ކަންކަން ގޮސްފައި ވާތީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ހަނގުރާމައެއްގެ ތުންފަތް މަތީގައި ދިވެހިރާއްޖެ މިވަގުތު މިއޮތީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ރާއްޖޭގެ ރަށްތައް ހިފަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިކަންކަން ހުއްޓުވަން ދައުލަތުގެ ތަންފީޒީ އިދާރާތަކުން މިހާރަށް ވުރެ ފުރިހަމައަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

އެގޮތުން ރާއްޖޭގެ އަސްލު ހާލަތު އޮތް ހިސާބު ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށާއި، މިކަންކަން ފޮރުވައިގެން މައްސަލަ ހައްލު ނުކުރެވޭނެކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މަޖިލީހުގައި އެވާހަކަ ދައްކަން މިއަދު ޖެހިފައި ވަނީވެސް، ދައުލަތުގެ ކަންކަން ތަންފީޒު ކުރަން ތިބި ފަރާތްތަކުން މިކަމާ އެކަށީގެންވާ ވަރަށް ފިޔަވަޅު އަޅާކަމަށް ރައްޔިތުންނަށް ގަބޫލުނުކުރެވޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން އައިއެސްގެ ދިދަ ހިފައިގެން މާލޭ މަގުމަތީގައި ބަޔަކު މުޒާހަރާ ކުރި އިރު ވެސް އެކަމާ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށާއި އެކަން ހުއްޓުވަން، ބުނި ގޮތަކަށް، ބުނި ވަރަކަށް ގާނޫނުތައް ހަދައިދޭން ވެސް މަޖިލީހުން ތައްޔާރަށް އޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިކަން ނުހުއްޓުވައިފި ނަމަ އަޅުގަނޑުމެންގެ ކޮންމެސް އަތޮޅެއްގެ ކޮންމެސް ރަށެއް، ބަޔަކު އަރާ ހިފާނެ. އެމީހުންގެ ވަރު ދައްކާލާނެ، އައިސިސްގެ ބާރު މިގައުމުގައި އޮތް ވަރު ދައްކާލުމުގެ ވިސްނުމުގައި ވެސް އެކަން ކުރާނެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިކަންކަން ތަންފީޒުކުރަން ތިބި ފަރާތްތަކުން މިއަށްވުރެ ޒިންމާދާރުކޮށް މިކަން ކުރެވޭތޯ ބަލަން ޖެހިފައިވާ ކަމަށާއި މައްސަލަ ހައްލުނުކުރެވޭ ނަމަ ރާއްޖެ ވަރަށް ބޮޑަށް ނިކަމެތިވެ، ބިކަވެގެން ގޮސް، ރާއްޖެ ހާލުގައި ޖެހި ނިމިގެން ހިނގައިދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެ ފުރުސަތު އަޅުގަނޑުމެން ދޭކަށް ނޫން މިތިބީ. މިވާހަކަ ދައްކާ މީހުން، ނޫނީ މިކަމަށް ހިތްވަރުދޭ މީހުން ހިފާ ހައްޔަރު ކުރަން އެބަޖެހޭ. ޝަރީއަތަށް އެބަ ފޮނުވަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ލަނޑާ ނަގާ ދޯނީގައި ޒުވާނަކަށް ދިން ހަމަލާއާއި، 13 އަހަރުގެ ކުއްޖަކަށް ކައިވެނީގެ ނަމުގައި ޖިންސީ ގޯނާ ކުރުމާ، އަންހެނަކު ވަކި ގޮތަކަށް ހެދުން އަޅާތީ، އޭނާ ކުރިން މަސައްކަތް ކުރި ކެފޭއަށް ހަމަލާ ދިނުމަކީ ގުޅިފައިވާ ކަންކަން ކަމަށާއި، އެކަންކަމަކީ އެއް ފިކުރެއްގެ ބަޔަކު ވަރަށް ރަނގަޅަށް އިންތިޒާމްވެގެން ހިންގާ ބޮޑެތި ޖަރީމާތައް ކަމަށެވެ.

"މިއަށް އަޅުގަނޑުމެން އަނދިރި ދައުލަތޭ މި ކިޔަނީ. ސްކޫލަށް ކުދިން ނުފޮނުވުމާ، ވެކްސިން ނުދިނުމާ، އަންހެން ކުއްޖާ އަޅާ ހެދުމާ ބެހުމާ، މި ހުރިހާ ކަންކަމަކާ ހަމަ ސީރިއާ އަށް މީހުން ހަނގުރާމައަށް ފޮނުވުމާ ގުޅުމެއް ނެތް ކަމަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސީރިޔާގައި އައިސިސް ބަލިކުރުމުން މިހާރު އެމީހުން މިހާރު ދެކުނު އިރުމަތީ އޭޝިއާ އިން އެމީހުން ބޯހިތްލާލައިފި ކަމަށެވެ. އަދި ދިވެހި ގައުމު މިވަގުތު އޮތީ އެ ހަނގުރާމައިގެ ތުންފަތް މަތީގައި ކަމަށާއި، މިކަން ދިވެހިންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

އީވާ ވެސް ވިދާޅުވީ މިހާރު މިކަން ހުއްޓުވަން ގާނޫނުތައް ފާސްކޮށްދީފައިވާ ކަމަށާއި ދައުލަތުގެ އިދާރާތަކަށް މިހާރު މިކަމުގައި ބައިވެރިވާ މީހުން ހައްޔަރު ކުރެވެން ޖެހޭނެ ކަމަށާއި އަނދިރި ދައުލަތަށް، ގައުމު ދީލާލިޔަ ދީގެން ނުވާނެ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/މަޖިލިސް

"އަޅުގަނޑުމެން އެންމެން އެބަ މިކަމާ ހިފާލަން ޖެހޭ. ރައްޔިތުންގެ މަޖިލީހުން އެއޮތީ ބޭނުންހާ ގާނޫނެއް ފާސްކޮށްފައި. ސަރުކާރުން މިހާރު އެބަ މި މީހުން ހައްޔަރު ކުރެވެން ޖެހޭ. އެ 13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރަމުން ދިޔަ މީހުންނާ އަދި އެކުއްޖާ މީހެއްގެ ޖާރިޔާއެއްގެ ގޮތުގައި ދޫކޮށްލި އޭނާގެ މައިންބަފައިން ވީ ކިހިނެތްތޯއާ، އަދި އެމީހުން ދޫކޮށްލައިގެން ހިނގި ކަމެއްތޯ އާ، ދޯނީގައި ބައިއަތު ނުހިފީ މީ ކޮން ކަހަލަ ކަމެއްގައިތޯއާ، މީ ހަމަ އެއް ބަޔަކު އިންތިޒާމްވެގެން ހިންގާ ކަންކަން ކަން އަޅުގަނޑުމެން ލޯ ހުޅުވައިގެން ތިބެ ދެނެތިބެގެން ސަރުކާރުން މިހާރުން މިހާރަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ،" އީވާ ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވީ މިއީ ހަރުކަށި، ދީނީ ފިކުރެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، މިއީ ޖާހިލިއްޔަތުގެ އުސޫލު ކަމަށެވެ.

މިއީ ޒަމާނުއްސުރެ ރާއްޖޭގައި ގާއިމުވެފައި އޮތް އިސްލާމީ ހަޟާރާތް ނައްތާލާ، ރާއްޖޭގައި ޖާހިލު، ޖަންގަލި އުސޫލު ގާއިމުކުރުމަށްޓަކައި ބަޔަކު މީހުން ރާވާ އިންތިޒާމުކޮށްގެން ކުރާ ކަމެއް ކަމަށެވެ. އަދި މަޑުމަޑުން ރާއްޖެ ސޮއްސާލަމުން މިދާ މިސްރާބު ބަދަލުނުކޮށްފިނަމަ މުޅި ގައުމަށް ވެސް ބޮޑު ނުރައްކަލެއް އޮތް ކަމަށް މީކާއިލް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް -- ފޮޓޯ/ މަޖިލިސް

"ހަމަ ހިލާ އަޅުގަނޑުމެން އެކަމަކަށް ފުރުސަތެއް ނުދޭނަން. ތުއްތު ކުދިންނާ އިނދެ، ވިހާ ކުދިންނަށް ވެކްސިން ނުދީ، ޅަ އަންހެން ކުދިން ތައުލީމުން މަހްރޫމްކުރަން މި ރާއްޖެ އަނބުރާލިޔަކަ ނުދޭނަން. އެގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީކީ،" މީކާއިލް ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ވަރަށް ގޯސްވެފައިވާ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުރިހާ ބާރެއް ލިބިވަޑައިގެންފައި ވާއިރު، އަޑީދައުލަތުގެ ވެރިޔަކު ހޯދައި، އެއީ ކާކުކަން މަޖިލީހުގައި ބުނެދޭން ޖެހޭނެ ކަމަށެވެ.

ޖާބިރު ވަނީ ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި ހިންގާ ކަންކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެއްޗެއް ވިދާޅުނުވާތީ، އެބޭފުޅުން އެކަމަށް ތާއީދު ކުރައްވަނީތޯ ސުވާލު އުފައްދަވައިފައެވެ.

ޖާބިރު ވިދާޅުވީ އުޅެނީ އެންމެ ކުއްޖެއްގެ މައްސަލަ ނޫން ކަމަށާއި، ކުޑަކުދިންނާ ކައިވެނީގެ ނަމުގައި ގުޅި އެކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ނެޓްވޯކެއް ރާއްޖޭގައި އޮތް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަށް ފެންނަނީ ސަރުކާރުގައި ތިބި މިފަދަ މީހުން ރައީސް އޮފްލޯޑް ނުކުރާ ނަމަ، ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ،" ޖާބިރު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ޖާބިރު ވަނީ މިހާރު ހަރުކަށީ ފިކުރުގެ ކަންކަން ގޯސްވެފައިވާ ހިސާބުން، ރާއްޖޭގައި އެމަޖެންސީ އިއުލާނުކުރާ ވަގުތު ޖެހިފައިވާކަމަށް ވިދާޅުވެ، އެމްޖެންސީ އިއުލާނުކުރަން ރައީސަށް ގޮވާލައިފައެވެ.

ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މައްސަލައަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައްތައް މިހާރު ހިފަން ފަށާފައިވާ ކަމަށެވެ. އަދި މިކަންކަން ނުހުއްޓުވައިފިނަމަ ގައުމުގައި ލޭއޮހޮރުވުމެއް ފެށޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އެހެންވީމަ މި ހަނގުރާމަ ވަކި ހިސާބަކުން ނިންމުމުގެ އާރާއި ބާރު، އަޅުގަނޑުމެން ދޭން ޖެހޭ ގާނޫނީ ބާރު ދީފައި ވާނީ، މީ ކުޑަކަމެއް ނޫން،" ޖާބިރު ވިދާޅުވިއެވެ.

މާއުނގޫދޫ މައްސަލައިގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެކަން މި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ރަށު ރައްޔިތުން ބުނާ ކަމަށެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ބަލާކަމަށް ބުނެފައި ވަނީ މީގެ އެއް ދުވަސް ކުރިން ކަމަށެވެ.

އަފީފް ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ރާއްޖޭގެ އަމަންއަމާންކަން ގާއިމުކުރުމަށް ހަވާލުކުރެވިފައިވާ މުއައްސަސާގެ ފަރާތުން މިފަދަ މައްސަލަތައް އެއްވެސް ކަމަކަށް ނުހަދާ، އަޅާނުލަ ތިބުމަކީ، ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމާ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް -- ފޮޓޯ/ މަޖިލިސް

"ދިވެހި ފުލުހުން މިއަދު މިތިބީ ފެއިލް ވެފައި. ދިވެހި ފުލުހުންގެ އިސްވެރިޔަކަށް ހުންނެވި ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު މި މަޖިލީހަށް ހާޒިރުކޮށް، މިކަންތައްތައް ކީއްވެގެންތޯ އަޅާނުލާ ދޫކޮށްލާފައި މިއޮތީ އަޅުގަނޑުމެން އެބަޖެހޭ ސުވާލުކުރަން. އިއްޒަތްތެރި މިނިސްޓަރަށް މިކަންކަން ނުކުރެވެންޏާ އެހެން މީހަކު އަޅުގަނޑުމެން އެބަޖެހޭ އެ މަގާމަށް ހަމަޖައްސަން،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ފުލުހުންނާ ސިފައިންގެ އެންމެ އިސްވެރިންގެ ގޮތުގައި ތިބި ފަރާތްތަކަށް ގާނޫނު ނުހިންގޭ ނަމަ ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް އެ މަސައްކަތް ކުރެވޭނެ ބަޔަކު އެތަނަށް ލާން ޖެހިފައިވާ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ރާއްޖެ މިވަގުތު އޮތީ ވަރަށް ބޯ، ބަނަ އަދި އަނދިރި ވިލާގަނޑެއްގެ ދަށުގައި

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު -- ފޮޓޯ/މަޖިލިސްކަމަށެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް ކަމުގައިވާ، އައިއެސް ޖަމާއަތް ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ކަމަށާއި، އެމީހުން އަމަލީ ގޮތުން ހަރަކާތްތެރިވާ ގޮތް މަރު ކޮމިޝަންގެ ރިޕޯޓުތަކުން އެނގޭ ކަމަށެވެ.

ކަންކަން މިހިސާބަށް ދިއުމުން، ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން، މިކަން ހުއްޓުވަން ސީރިއަސް ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެނޫންގޮތަކަށް ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މިއަށްވުރެ މުހިންމު ކަމެއް މިއަދު ސަލާމަތީ ބާރުތަކަށް ނެތް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"މިކިޔަނީ ހަތަރު ލައްކަ މީހުންގެ އާބާދީއެއްގެ ވާހަކަ. މީން ރަށަކަށް ބަޔަކު އަރާ މިވަރު ކަމެއް ކޮށްފަ ފައިބައިގެން ދާއިރު ދެން އެކަން ދެނެނުގަނެވޭ ކަމަށް ވަންޏާ ކޮން ގައުމެއްތޯ؟ ކޮން ދައުލަތެއްތޯ؟ ކޮން ސަރުކާރެއްތޯ؟ އަދި މީ ކޮން މަޖިލީހެއްތޯ؟ މިކަންކަން ހުއްޓުވެން ޖެހޭ. ސަލާމަތީ ހިދުމަތްތަކުން މިކަމުގައި އަވަސް ގޮތެއްގައި ފިޔަވަޅު އަޅަން ޖެހޭ،" ހަސަން ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް