ޖާބިރު އަޅުއްވަން އުޅޭ ކޭބަލް ކާރު ޕްރޮޖެކްޓަކީ "ހުވަފެނެއް"؟!

ގާފަރާއި ކާށިދޫއާ ދެމެދު ކޭބަލް ކާރު އަޅަން ދިރާސާކުރަން އައި ދެ މާހިރުން--- ފޮޓޯ: ޑީއަރުޕީ

ނިމިގެން ދިޔަ މަޖިލިސް އިންތިހާބްގެ ދުވަސްވަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެރަށު ރައްޔިތުންގެ ދެއްކި އެންމެ ބޮޑު އެއް ހުވަފެނަކީ ކާށިދޫއާއި އެރަށާ ކައިރީގައި އޮންނަ ކ. ގާފަރާ ދެމެދު ކޭބަލް ކާރަކުން ގުޅާލުމެވެެ.

ޖާބިރު އޭރު ތަކުރާރުކޮށް ވިދާޅުވަމުންދިޔަ އެއް ވާހަކައަކީ ސަރުކާރުން ކާށިދޫ ރައްޔިތުން ތަރައްގީއިން މަހުރޫމްކޮށްފައި އޮތުމެވެ.

މާލެކަރިއީގައި ހުންނަ ބޮޑެތި ބިންތައް ބޭނުންނުކޮށް ބޮޑެތިފަޅުތައް ހިއްކައި ހަދާތީ ޖާބިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. އަދި އޭގެން ދޭހަވަނީ ކާށިދޫ ފަދަ ރައްތަކަށް ސަރުކާރުން މާބޮޑަށް އަހައްމިއްޔަތުކަން ނުދޭކަން ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހަށް ޖާބިރު އިންތިހާބުވިތާ ދުވަސްގަނޑަކަށްފަހު މިހާރު އަނެއްކާވެސް ކޭބަލް ކާރުގެ ވާހަކަ ވަނީ ފަލަ ސުރުހީތަކަށް އަރަން ފަށައިފަ އެވެ.

ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރުން ކުންފުނި ކަމުގައިވާ ސިންޓެކްނިއާ އިންޖިނިއަރިންގެ ރައީސް ލޫކާ އާއި އެސޯސިއޭޓް އަދި މާކަސް ކާށިދޫއަށާއި ގާފަރަށް މިހާރު ވަޑައިގެން ދިރާސާތައް ފައްޓަވާފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ. އެކަމަށް ބާރު ލިބޭގޮތަށް ޖާބިރު ވަނީ ޔޫރަޕްގެ ދެމީހުން ކަމަށް ބެލެވޭ ދެމީހުން އެ ދެރަށުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް އާންމުކުރައްވައިފަ އެވެ.

ކޭބަލް ކާރުގެ ވާހަަކަޔާއެކު ސޯޝަލް މީޑިއާގައި މިހާރު އިވެމުންދަނީ އެހެން އަޑެކެވެ. ގިނަ މީހުން ކޭބަލް ކާރު ޕްރޮޖެކްޓް ސިފަކުރަނީ ހުވެފެނީ ބިލާހެއްގެގޮތުގަ އެވެ.

އެފަދަ އެކަކު ސޯޝަލް މީޑިއާގައި ބުނީ، ދުނިޔޭގައި މިހާތަނަށް އަޅާފައިވާ އެންމެ ދިގު ކޭބަލްކާރު ލައިނަކީ، ޗައިނާގެ ޓިނަމެން ޝަން ކޭބަލް ކާރު ލައިނެވެ. އެ ކޭބަލް ކާރުގެ ލައިންގެ ދިގުމިނުގައި 7.5 ކިލޯމީޓަރުހުރެ އެވެ.

ގާފަރާ ކާށިދޫއާ ދެމެދު ކޭބަލް ކާރަކުން ގުޅާލާނަމަ އެ ދެމެދުގައި އެންމެ ކުރުކޮށްވެސް 24 ކިލޯ މީޓަރުގެ ސަރަހައްދެއް ގުޅާލާން ޖެހޭނެ އެވެ. މިއީ ދުނިޔޭގެ މިހާރު އެންމެ ދިގު ކޭބަލް ކާރު ދަތުރުކުރާ ސަރަހައްދަށްވުރެ ތިން ގުނަ ދިގު ރާސްތާއެކެވެ. މާ ސިންގާ، ކާށިދޫ ކަނޑު ހުރަސްކޮށް ކޭބަލް ކާރު ސިސްޓަމްއަށް ސަޕޯޓް ހިފަހައްޓައިދީ އެ ހުރިހާ ހުރަސްތަކެއް ގިރާކޮށް އެކަން ހަގީގަތަކަށް ހެދޭނެތޯ ސުވާލު އުފައްދަނީ އެހެންވެ އެވެ.

ކޭބަލް ކާރު އަޅާ ސަރަހައްދު، ކާށިދޫ އާއި ގާފަރާ ދެމެދު ދިގުމިން ހުންނަވަރު

އެކަމަށް ގައިމުވެސް މިލިއަނުން ފައިސާ ހޭދަވާނެ ނޫންހެއްޔެވެ؟

މީގެ ކުރިންވެސް ކޭބަލް ކާރު އެޅުމަކީ ނުވާނެކަމެއް ކަަމަށް ބުނުމުން ޖާބިރު ވަނީ އެކަމަށް ރައްދުދެވައިފަ އެވެ. ޖާބިރު އޭރު ވިދާޅުވީ އޭނާގެ ކޭބަލް ކާރުގެ ތަސައްވަރަކީ ޖޯކެއް ނޫން ކަމަށެވެ.

https://sun.mv/117366

ޖާބިރު ވިދާޅުވީ، ތަހުޒީބުވެފައިވާ ގައުމުތަކުގައި އެއް ގައުމުން އަނެއްގައުމަށް އަދި އެއް ސިޓީން އަނެއް ސިޓީން ދަތުރުކުރުމަށް ކޭބަލް ކާރުން ގުޅުވާލައިފައިވާ ކަަމަށާއި އެހެންކަމުން ކޭބަލް ކާރުން ކާށިިދުއާއި ގާފަރު ގުޅުވާލުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

ކޭބަލް ކާރު ރައިޑްއަކީ ކާށިދޫގައި ހުންނަ އޭނާގެ ގޭގެ ފުރާޅުމަތިން ކޭބަލް ކާރު ސްޓޭޝަންއަށް ދެވޭނެ "ވަން ސްޓޮޕް" ރައިޑްއެއްގެ ގޮތުގައިވެސް ޖޯކުޖަހައި މީހަކު މަލާމަތްކޮށްފައިވެއެވެ.

ނަމަވެސް ޖާބިރު ހުންނެވީ އެ ޖޯކްތަކަށް ދޫދެއްވާ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވީ ކޭބަލް ކާރު އަޅަން ދިރާސާކުރަން އައި އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނި ކަމުގައިވާ ސިންޓެކްނިއާ އިންޖިނިއަރިންއަކީ އެކަމުގެ ގާބިލްކަން ހުރި ކުންފުންޏެއް ކަމަށެވެ.

ޖާބިރުއަކީ މަޖިލީހުން ފެންނަ އެންމެ ތަފާތު އެއް މިޒާޖުގެ ވެރިޔާ އެވެ. އޭނާ މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ފާރަވެރިވާ ބައެއް މީހުން ބުނަނީ ޖާބިރު ދައްކާ ވާހަކަ ގަބޫލުކުރަން ހެޔޮނުވާނެ ކަމަށެވެ. އެއާ އެންމެ އެއްގޮތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ތާކުންތާކު ނުޖެހޭ ވާހަކަތައް ކަމަށްވެސް މީހަކު ބުންޏެވެ.

"އަޅުގަނޑުމެން މިއުޅެނީ ކޭބަލް ކާރު ރައިޑެއް ގާއިމްކުރަން. މިއީ "ބޮޑު ރައިޑެއް. އެކަންވާނީ ވަރަށް ބޮޑުކަމަކަށް،" ޖާބިރާ ޓްރަމްޕް އެއްފަދަކޮށް ޖޯކު ޖަހައި މީހަކު ކުރި ޓުވީޓެއްގައި ބުންޏެވެ.

ޖާބިރު ގެންނެވި އެކްސްޕާޓުންގެ ޓީމުން މިއަދު ވަނީ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

comment ކޮމެންޓް