ހޮންކޮންގެ އިންތިހާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް ބޮޑު ކާމިޔާބީއެއް

ހޮންކޮންގެ އިންތިހާބުގައި ލީޑަރު ކެރީ ލާމް ވޯޓު ދެއްވަނީ -- ފޮޓޯ: އޭޕީ

ހޮންކޮން (ނޮވެމްބަރު 25): ހޮންކޮންގެ ޑިސްޓްރިކްޓު ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓުން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފި އެވެ.

ހޮންކޮންގައި ސިލްސިލާ މުޒާހަރާތައް ފެށި ފަހުން އެސަރަހައްދުގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 2.94 މިލިއަން މީހުން ވޯޓުލާފައިވެ އެވެ. އެއާ އަޅާ ބަލާއިރު 2015 ވަނަ އަހަރު ބޭއްވި ޑިސްޓްރިކްޓު ކައުންސިލް އިންތިހާބުގައި ބައިވެރިވީ 1.47 މިލިއަން މީހުންނެވެ.

އެ އިންތިހާބު ބާއްވަނީ ހޮންކޮންގެ 18 ޑިސްޓްރިކްޓުގެ ކައުންސިލްތަކަށް 452 ކައުންސިލަރުން ހޮވުމަށެވެ. އަދި އެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށާފައިވާ އިރު ހޮންކޮން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކަށް މިހާތަނަށް ލިބިފައި ވަނީ 58 ގޮނޑި އެވެ. ނަމަވެސް އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓުން ވަނީ 388 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ހޮންކޮންގެ ޑިސްޓްރިކްޓު ކައުންސިލަރުންނަކީ އެޑިސްޓްރިކްޓެއްގެ ޓްރެފިކާއި ދަތުރުފަތުރު ފަދަ އާއްމު ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓާ، މާ ގިނަ ސިޔާސީ ބާރުތަކެއް ލިބިފައިވާ ފަރާތްތަކެއް ނޫނެވެ. ނަމަވެސް ކޮންމެ ފަސް އަހަރަކު ހޮންކޮންގެ ޗީފް އެގްޒެކެޓިވް ހޮވާ 1،200 މެމްބަރުންގެ އިލެކްޝަން ކޮމިޓީގައި 117 ކައުންސިލަރުން ހިމެނޭނެ އެވެ.

އެހެންކަމުން ޑިމޮކްރެޓިކް ކައުންސިލަރުންގެ އަދަދު އިތުރުވާ ވަރަކަށް، ހޮންކޮންގެ ލީޑަރު ހޮވުމުގައި އިދިކޮޅު ފަރާތްތަކަށް ބައިވެރިވެވޭ މިންވަރު ވެސް އިތުރުވާނެ އެވެ.

އޭގެ ސަބަބުން ފާއިތުވި މަސްތަކުގައި މުޒާހަރާ ކުރަމުން އައި މީހުން ވަނީ އިއްޔެ އިންތިހާބު ބޭއްވި އިރު މުޒާހަރާތައް ހުއްޓާލާ، ވީހާ ވެސް ގިނަ މީހުން ވޯޓުގައި ބައިވެރިވުމަށް އެދިފަ އެވެ. އަދި އެ އިންތިހާބުގައި ވޯޓުލުމަށް 2015 ވަނަ އަހަރު ރެޖިސްޓާ ކުރީ 3.1 މިލިއަން މީހުން ކަމަށްވީ ނަމަވެސް އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލާން 4.1 މިލިއަން މީހުން ރެޖިސްޓާ ކުރި އެވެ.

މިދިޔަ ޖޫން މަހު ހޮންކޮންގެ މުޒާހަރާތައް ފެށުނީ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް، އެމީހުން އެހެން ގައުމުތަކާ ހަވާލު ކުރެވޭނެ ބިލެއް އެސިޓީގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންނެވެ. އެބިލު ފާސް ކުރި ނަމަ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ވެސް ހަވާލު ކުރެވޭނެ އެވެ.

ނަމަވެސް ޗައިނާގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށާއި އެފަދަ ގާނޫނެއްގެ ސަބަބުން ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށް ބުނެ އެތައް ހާސް މީހުން އެބިލާ ދެކޮޅަށް މުޒާހަރާ ކުރަން ފެށި އެވެ. އޭގެ ސަބަބުން ހޮންކޮން ސަރުކާރުން ބިލު އަނބުރާ ގެންދިޔަ ނަމަވެސް، އެމުޒާހަރާތައް ފުޅާވެ، ގިނަ މީހުން ދަނީ ލީޑަރު ކެރީ ލާމްގެ އިސްތިއުފާއަށާއި ހޮންކޮންއަށް އިތުރު މިނިވަންކަން ދިނުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް