އަކޫއާއި ފޭދޫ އިއްބެ އަދި ހަމްޕުއަށް ވެސް ޒުވާން ޓީމުން ފުރުސަތު ދީފި

ސައުތު އޭޝިއަން ގޭމްސްއަށް ޒުވާން ޓީމު ތައްޔާރުވުމަށް ކުރާ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އަންނަ މަހު ނޭޕާލުގައި ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ފުޓްބޯޅަ އިވެންޓުގެ ޕްރެކްޓިހުގައި ގައުމީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ބައިވެރިވާން ފަށައިފި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނުމަށް ފުރުސަތު ލިބުނު ތިން ސީނިއާ ކުޅުންތެރިންގެ ތެރޭގައި ކޯޗު ޕީޓަރ ސެގާޓް ހިމަނާފައިވާ ތިން ކުޅުންތެރިން ވެސް މިހާރު އަންނަނީ ޖޫނިއާ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ. ސީނިއާ ސްކޮޑުގައި ތިބި ޒުވާން ގިނަ ކުޅުންތެރިންތަކެއް ވެސް ހިމަނައިގެން ގޭމްސްއަށް ތައްޔާރުވަމުން އަންނަ އިރު ކުޅުންތެރިންނަށް ވޭތުވެ ދިޔަ ދެތިން އަހަރެއްގެ ތެރޭގައި ފެންވަރު ރަނގަޅު ތަޖުރިބާތަކެއް ވެސް ވަނީ ލިބިފަ އެވެ.

ސައުތު އޭޝިއަން ގޭމްސްއަށް ޒުވާން ޓީމު ތައްޔާރުވުމަށް ކުރާ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އެގޮތުން މި އަހަރު ތެރޭގައި ވެސް 23 އަހަރުން ދަށުގެ ޓީމު ވަނީ އޭޝިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ކުޅެފަ އެވެ. އަދި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އެ އުމުރުފުރާގެ އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ވެސް ކުޅުނެވެ. އެހެން ކަމުން ރާއްޖޭގައި މިވަގުތު އޮތް ޓީމަކީ ޒުވާން ނަމަވެސް ތަޖުރިބާހުރި ޓީމަކަށްވާނެ އެވެ.

ސީނިއާ ސްކޮޑުގައި ވެސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ ތިން ކުޅުންތެރިން ކަމަށްވާ އަކޫ، ސެންޓޭ އަދި ހަމްޕު އަކީ ކޯޗުގެ ޕްލޭންގައި މުހިއްމު ތިން ކުޅުންތެރިންނެވެ. ރަން މެޑައްޔަށް ޓާގެޓު ޖަހައިގެން ރާއްޖެއިން މުބާރާތަށް ތައްޔާރުވަމުން އަންނަ އިރު އަކޫގެ ލީޑާރޝިޕާއި ސެންޓޭ އަދި ހަމްޕުގެ ހުނަރު ޓީމަށް ވަރަށް މުހިއްމެވެ.

ސެންޓޭ އަކީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި މި ގޭމްސް ބޭއްވި އިރު ވެސް 23 އަހަރުން ދަށުގެ ޓީމުގައި ހިމެނި ސީނިއާ ތިން ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. ސެންޓޭގެ އިތުރުން އެފަހަރުގެ މުބާރާތުގައި ސީނިއާ ކުޅުންތެރިންގެ ގޮތުގައި މުބާރާތް ކުޅުނީ އިސްމާއިލް އީސަ (މެސީ) އަދި އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އެ ފަހަރު ރާއްޖެ ތިން ވަނަ ހޮވި މެޗުން ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން 5-4 އިން ބަލިވެ، ދިޔައީ ހަތަރު ވަނަ އަށެވެ. އެ ފަހަރު ނޭޕާލުން ރަން މެޑަލް ހޯދި އިރު ރިހި ލިބުނީ އިންޑިއާ އަށެވެ.

ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށް ކުޅެމުން އަންނަ ޒުވާން ގައުމީ ޓީމުތަކަށް ކުރިން ކުޅުނު ރާއްޖޭގެ އިސްމާއިލް ޒާން އާމިރު ވެސް އަންނީ ޕްރެކްޓިސްތަކުގައި ބައިވެރިވަމުންނެވެ. އޭނާ ވަނީ މީގެ ކުރިން ގައުމީ 16 އަދި 19 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.

މިފަހަރުގެ މުބާރާތަށް ރާއްޖޭގެ ފިރިހެން ޓީމު ބޮޑު އުންމީދަކާ އެކު ދަތުރުކުރާ އިރު އަންހެން ފުޓުބޯޅަ ޓީމު ވެސް އަންނަނީ ޔޫއޭއީގައި ކޭމްޕް ކުރަމުންނެވެ. އެގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ޔޫއޭއީގެ ޓީމާ އެއްވަރުކޮށްފަ އެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމު ހިމެނެނީ އިންޑިއާ އާއި ސްރީ ލަންކާއާ އެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި ބަންގްލަދޭޝް އަދި ބޫޓާނެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ނޭޕާލުގެ ކަތުމަންޑޫގައި އޮންނަ ދަޝާރާތު ސްޓޭޑިއަމްގަ އެވެ.

comment ކޮމެންޓް