14،000 ކަންބަޅިއާ އެކު ބޯޓެއް ބަންޑުންޖަހާލައިފި

ކުއީން ހިންދު ބަންޑުންޖަހާލީ 14000އަށް ވުރެ ގިނަ ކަންބަޅި އަރުވައިގެން ދަނިކޮށް -- ފޮޓޯ: އޭއެފްޕީ

ސާދަ ހާހަށް ވުރެ ގިނަ ކަންބަޅި އަރުވައިގެން އިއްޔެ ދަތުރު ކުރަމުން ދިޔަ އާގުބޯޓެއް ރޯމޭނިއާ ކައިރިން ބަންޑުން ޖަހާލައިފި އެވެ.

ޕަލާއުގެ ދިދަ ޖަހާފައިވާ "ކުއީން ހިންދު" ނަމަކަށް ކިޔާ އެބޯޓު ބަންޑުން ޖަހާލީ އިއްޔެ މެންދުރު ރޯމޭނިއާގެ މިދިއާ ބަނދަރުން ނައްޓާލިތާ މާގިނައިރުތަކެއް ނުވަނީސް އެވެ. އަދި ރޯމޭނިއާގެ ކޯސްޓް ގާޑާއި ފުލުހުންނާއި ފަޔާފައިޓަރުން ގުޅިގެން ވަނީ އެބޯޓުގައި ތިބި ހުރިހާ ފަޅުވެރިން ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ސީރިއާގެ 20 މީހަކާއި ލުބުނާނުގެ މީހަކު ހިމެނެ އެވެ.

ރޯމޭނިއާގެ މީޑިއާތަކުގައިވާ ގޮތުން ފަޅުވެރިން ސަލާމަތް ކުރުމަށް ފަހު ކަންބަޅި ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ. އަދި މިހާތަނަށް 32 ކަންބަޅި ސަލާމަތް ކުރެވުނު ނަމަވެސް ގިނަ ޖަނަވާރުތަައް ގެނބިގެން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

ބަންޑުންޖަހާލީ ބޯޓުން 32 ކަންބަޅި ވަނީ ސަލާމަތް ކުރެވިފަ -- ފޮޓޯ: އޭއެފްޕީ

ރޯމޭނިއާގެ އެނިމަލް ރައިޓްސް ކެމްޕެއިންތަކުން ވަނީ އެބޯޓު ބަންޑުން ޖަހާލި ސަބަބު ތަހުގީގު ކުރަން ގޮވާލާފަ އެވެ. އަދި ދިގު ދަތުރުތަކުގައި ޖަނަވާރުތައް ރައްކާތެރި ނުކުރެވޭ ނަމަ އެފަދަ ދަތުރުތައް މަނާ ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ދެހާސްހަތް ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަންއާ ގުޅުނު ރޯމޭނިއާ އަކީ އެ އިއްތިހާދުން އެންމެ ގިނަ އަދަދަކަށް ކަންބަޅި ބޭރުކުރާ އެއް ގައުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު