ފިކުރުތައް ފަތުރާ ކަމުގެ ތުހުމަތާ އެކު ގައުުމު ބައިބައިވުމާ ދިމާލަށް

އޮކްޓޫބަރު 25، 2019: އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓުު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވާލާ މާލޭގައި ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު މަރު ކޮމިޝަނުން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ހާމަ ކުރި ދުވަހެވެ. މަރު ކޮމިޝަނުގެ ހާމަކުރުންތަކުން ޔަގީނަކަށް ބަދަލު ކުރުވި ޝައްކަކީ ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓު ޖަމާއަތްތައް ހަރަކާތްތެރިވާ ކަމެވެ. އަދި އެ މީހުންގެ ވަކިތައް ގައުމުގެ އެކި ދިމަދިމާލުގައި ހިއްޕާލާފައިވާ ކަމެވެ.

އެ ރިޕޯޓާ ގުޅުވައިގެން ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރު ހިންގާ އެމްޑީޕީ އިން ވާހަކަ ދައްކަން ފެށުމުން އެކަމާ ދެކޮޅަށް އިދިކޮޅުން "ދީނީ ކާޑު" ކުޅެން ފެށި އެވެ. ހަރުކަށި ފިކުރުގެ ވާހަކަަ ދައްކަމުން ގެންދަނީ އެމްޑީޕީ އިން އަޑީގައި ތިބެގެން ނުބައި ފަލްސަފާއެއް ފަތުރަން ކަމަށް އިދިކޮޅުންނާއި ބައެއް ދީނީ އިލްމުވެރިން ވެސް ތުހުމަތު ކުރަން މިހާރު ވަނީ ފަށައިފަ އެވެ.

އަނދިރި ދައުލަތުގެ ފިކުރު

މަރު ކޮމިޝަނުން ރިލްވާން އަދި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ހެދި ރިޕޯޓުން ވެސް ހާމަވީ އެ މީހުންގެ މަރުތަކުގެ އަޑީގައި ތިބީ ހަރުކަށި ފިކުރުުގެ މީހުން ކަމެވެ. އެކަން ހާމަވިތާ މަދު ދުވަސްތަކެއްގެ ތެރޭގައި ހަރުކަށި ފިކުރާ ގުޅޭ އެތައް މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެ ގާ ފުރޮޅި އޭގެ އަނެއް ފުށް ފެންނަން ފަށައިފި އެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކުން ދީނާ ހިލާފު ވާހަކަތަކެއް ލިޔެ ނެރުނު ރިޕޯޓާ ގުޅިގެން ބަޔަކު ވަނީ، އެ ރިޕޯޓު ލިޔުނު މީހުން މަރަން ވެސް ގޮވައިފަ އެވެ. އަދި މި ފަހުން ފިރިހެނުނާ އެއްގޮތަށް ފޭރާންލާ ކަމަށް ބުނެ އަންހެނަކަށް ވަނީ މީސް މީޑިއާގައި ފުރައްސާރަކޮށްފަ އެވެ. އެކަމާ ގުޅިގެން އޭނާ މަސައްކަތް ކުރި ކެފޭއެއްގެ ބިއްލޫރިގަނޑެއް ތަޅާލައި އިންޒާރުގެ މެސެޖެއް ދީފައިވެ އެވެ. އޭގެ އިތުރުން، ރ. މަޑުއްވަރީގެ ލަނޑާ ނަގާ ދޯންޏެއްގައި ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ދެބަސްވުމެއްގައި އެކަކަށް މަރުގެ އިންޒާރުދީ އޭނާ މަރާލަން މަސައްކަތްކޮށްފައިވެ އެވެ. އަދި ހަމަލާ ލިބުނު މީހާ އުޅެނީ 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން "އިނދެގެން"ކަން ވަނީ އެނގިފަ އެވެ.

އެ މީހުން މަރު ހުއްދަ ކުރަނީ އެވެ. މީހުން ކާފަރު ކުރަނީއެވެ. އަމިއްލައަށް ޝަރީއަތްކޮށް ހުކުމް އިއްވަނީ އެވެ. ގާނޫނީ އިމުގެ ބޭރުން ކައިވެނި ކުރަނީ އެވެ. ތަސައްރަފު ނުފުދޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަނީ އެވެ. އެ ހުރިހާ ކަންކަން ވެސް ހުއްދަ ކުރަނީ ހަރުކަށި ގޮތްތަކަށް ދީން މާނަކޮށްގެންވެ. މި ބިމުގެ ގާނޫނުތަކަށް އިންކާރުކޮށް، ވަކިވެގެން އުޅޭ އެފަދަ މީހުންނަކީ "އަނދިރި ދައުލަތުގެ" މީހުން ކަމަށް މިހާރު ވަނީ ސިފަ ކުރަން ފަށައިފަ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ހަނގުރާމައެއް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ހަރުކަށި ފިކުރާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލަވަމުން ގެންދަވާ އެއް ބޭފުޅާ އެވެ. އިއްޔެ ނަޝީދު ވިދާޅުވީ އެ އަނދިރި ދައުލަތުގެ ހަރުކަށި ފިކުރު ދިވެހީންގެ ތެރޭގައި ފަތުރަން ފަށާފައިވާ ކަމަށެވެ. އެ މީހުން އުޅެނީ ދިވެހީންގެ ގޮތް ބަދަލު ކުރަން ކަމަށާއި، އެއީ ފިކުރީ ހަނގުރާމައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރެއަށް ފެތުރިއްޖެ ފަލްސަފާއެއް. އަޅުގަނޑުމެންގެ ތެރޭގައި އުފެދެން ފަށައިފި ފިކުރެއް ހިޔާލާތެއް. ދިވެހީންނަކީ އެހެން ބައެއްގެ ގޮތުގައި، ދިވެހިން އުޅެން ޖެހޭ ގޮތް ބަދަލު ކުރަން ބަޔަކު ނުކުމެއްޖެ. މިއީ ފިކުރީ ހަނގުރާމައެއް. މިއީ ގާނޫނެއްގައި ލިޔެގެން އަޅުގަނޑުމެންނަށް ވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުގެ ތެރެއަށް ވެސް ހަރުކަށި ފިކުރު ވަނީ ވެފަ އެވެ. އަދި ކުޑަކުދިންނާ "ކައިވެނި" ކުރުން ފަދަ މައްސަލަތައް ނުބެލި ދަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން ތިއްބަވާ ބޭފުޅުން އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން މި މައްސަލަތައް ނުބައްލަވައި ދޫކޮށްލަވައްނީ އެ ބޭފުޅުން އެ އަނެއް ފަލްސަފާއަށް ލެނބެން ފަށައިފި. އަނދިރި ދައުލަތަށް ބައިއަތު ހިފައިފި،" ނަޝީދު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ މަރު ހިންގާފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައިވެ އެވެ. އަދި އެ ހަރުކަށި މީހުންނަށް އެކަމަށް ހިތްވަރު ލިބުނު އެއް ކަމަކީ ސަލަފު ޖަމިއްޔާ އިން އަފްރާޝީމްގެ ތައުބާ ވުމަށް ގޮވާލައި ނެރުނު ބަޔާން ކަމަށް ރިޕޯޓުގައިވެ އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ސިފަކޮށްފައި ވަނީ ސަލަފަކީ ހަރުކަށި ފިކުރަށް ވާގިވެރިވާ ޖަމިއްޔާއެއް ކަމަށެވެ. އަދި އެހެންކަމުން އެ ޖަމިއްޔާ އުވާލަން ފެންނަ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމި އެވެ.

ސަލަފާ ދެކޮޅަށް ނުކުތުމުން، ނުބައި ފިކުރެއް ފަތުރަން އުޅޭ ކަމުގެ ތުހުމަތު

އަނދިރި ދައުލަތެއް ރާއްޖޭގައި އޮތް ކަމަށާއި، އެ ދައުލަތަށް ބާރުދޭ ބަޔަކު އުޅޭ ކަމުގެ މަންޒަރެއް ނަޝީދު ކުރައްސަވަމުން ގެންދަވާ އިރު، އިދިކޮޅު މީހުން އެހެން މަންޒަރެއް ކުރަހަމުން ދެއެވެ. ދީނާއި ދައުލަތް ވަކި ކުރުމުގެ ފަލްސަފާ ނުވަތަ ސެކިއުލަރިޒަމް ރާއްޖޭގައި ފަތުރަން ނަޝީދު އަދި އެމްޑީޕީ މަސައްކަތް ކުރާ ކަމުގެ ތުހުމަތު އެ މީހުން ކުރެ އެވެ.

އެކި ޕޯޑިއަމްތަކުގައި އިދިކޮޅު ސިޔާސީ މީހުން އެ ތުހުމަތުކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ޕޯޑިއަމްތަކުގައި އެހެން ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ މީހުން ބުނާ ގޮތުގައި ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަ ރައީސް ނަޝީދު ދައްކަވަމުން ގެންދަވަނީ އެމަނިކުފާނުގެ އެޖެންޑާ ފޮރުވުމަށެވެ. އަދި ސިޔާސީ ބޭނުންތަކަށް ކަމަށެވެ. އަދި ދީނާ ހިލާފު ރިޕޯޓު ލިޔުނު އެމްޑީއެންއާ ދެކޮޅަށް އެމްޑީޕީ އިން ބަހެއް ނުބުނުމުން ވެސް ދޭހަވަނީ ދީނާ ހިލާފު ފިކުރު އެ ޕާޓީއިން ފަތުރަން އުޅޭކަން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

ސަލަފު ޖަމިއްޔާ އަކީ ޓެރަރިޒަމަށް ވާގިވެރިވާ ޖަމިއްޔާއެއް ކަމަށް ކަނޑައަޅައި ފިޔަވަޅު އެޅުމުގެ އަޑީގައި ވަނީ އެމަނިކުފާނާއި އެމްޑީޕީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ސަލަފު ޖަމިއްޔާ އުވާލަން އުޅެން ފެށުމުން މިވަނީ ހުޅުގަނޑު ފަޅައިގެން ގޮސްފަ އެވެ. ހާއްސަކޮށް ދީނީ އިލްމުވެރިން އެކަމާ ދެކޮޅަށް ބަސް ބުނެ ނަޝީދަށް ފާޑު ކިޔަން މިވަނީ ފަށައިފަ އެވެ.

"ތިމަންނާ އެހެން ދީންތައް ގެނެސް ގައުމު ފަސާދަ ކުރިޔަސް ތިޔަބައިމީހުން އަނގައިން ނުބުނެ ތިބޭށޭ ބުނާ ކަހަލަ. މުހައްމަދު ނަޝީދެވެ. މާތްﷲ މަނިކުފާނުގެ މުޑުދާރު އަމަލުތައް އިތުރަށް ބޭޒާރު ނުކުރައްވަނީސް ތައުބާވެލައްވާ،" ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ޓުވިޓާގައި ވިދާޅުވި އެވެ.

ސަލަފުން އެކަމާ ގުޅިގެން ބުނީ އެ ޖަމިއްޔާ އުވާލަން މަސައްކަތް ކުރަމުން ދަނީ ސެކިއުލަރިޒަމް ގެނައުމަށް ވާގިވެރިވުމުގެ ގޮތުން ކަމަށެވެ.

"އަދި އަޅުގަނޑުމެން ދެކެނީ، މިފަދަ ނުރައްކާތެރި މައްސަލައެއްގެ ރިޕޯޓުގައި ހީލަތްތެރި ގޮތަކަށް ޖަމިއްޔަތުއްސަލަފާއި ސަލަފުގެ ބައެއް އިލްމުވެރިންގެ ނަން ހިމެނުމުގެ ބޭނުމަކީ، ރާއްޖޭގެ ބަޔަކު ކުރިއަރުވައި ހިންގަން ބޭނުންވާ ސެކިއުލާ ލާދީނީ އެމްޑީއެން ފަދަ ޖަމިއްޔާތަކާއި، އެ ޖަމިއްޔާތަކުގެ ފިކުރަށް އޮތް ހުރަހަކީ ޖަމިއްޔަތުއްސަލަފު ކަމުގައި އެއް ބަޔަކު ގަބޫލުކުރާތީ، ޖަމިއްޔަތުލް ސަލަފުގެ ހަރަކާތްތައް ހުއްޓުވައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޖަމިއްޔާއިން ފޯރުކޮށްދޭ ދީނީ ހިދުމަތުން އެއުރެން މަހުރޫމުކުރުމަށް ދުރާލާ ޖާގަ ހެދުމުގެ ގޮތުން ޖަމިއްޔަތުލް ސަލަފާއި، ޖަމިއްޔާގެ އިލްމުވެރިންގެ އަގު ވައްޓާލައި، ޖަމިއްޔާ އިން ދެމުން ގެންދާ އިޖުތިމާއީ އަދި މަދަނީ ހިދުމަތްތަކަށް ހުރަސް އެޅުމުގެ ހީލަތްތެރި ހަމަލާއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެތެރެއާއި ބޭރުގެ ލާދީނީ ހަރަކާތްތަކަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން، ވައުދު ފުއްދުމެއް ކަމުގައި ވެސް އަޅުގަނޑުމެން ސިފަ ކުރަމެވެ،" ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިފަހުން ދީނާ ގުޅޭ ކަންކަމުގައި މުޖުތަމައުގައި ހިނގައި ދިޔަ ބަހުސްތަކުގެ ތެރެއަށް ސިޔާސީ މީހުން ވަދެ އެކަންކަމުގެ ހުޅުގަނޑު ބޮޑު ކުރިތަން ފެނިގެން ގޮސްފައިވެ އެވެ. "ފިރިހެން" ފޭރާންލި އަންހެން މީހާގެ މައްސަލައިގައި ވެސް ކަންވީ އެހެންނެވެ. އެފަދަ ކަންކަމުގައި މީހުން ޖަޒުބާތުގައި ޖެއްސުމުގެ ސަބަބުން ގައުމު ބައިބައިވަމުންދާ ކަމަށް ބައެއް އާންމުން ދެކެ އެވެ.

މި މައްސަލަ އަށް ހައްލު ނުހޯދި މި ގޮތުގައި ކުރިއަށްދާ ނަމަ ރާއްޖެ އަފްޣާނިސްތާނު ފަދަ ގައުމަކަށް ބަދަލުވެ، އިގުތިސާދު އެފުށް މިފުށް ޖެހޭކަށް މާކަ ގިނަ ދުވަހެއް ނުނަގާނެ އެވެ. ސިޔާސީ މީހުން ވެސް ހިކުމަތްތެރި ކަމާ އެކު މި މައްސަލަ އަށް ހައްލުހޯދުމަށް މަސައްކަތްކުރަން ޖެހެ އެވެ. ހިތަށް އަރާހާއެއްޗެއް ގޮވައި "ހަޅޭއްލެއްވުމަކުން" މައްސަލަ ހައްލެއް ނުވާނެކަން ގަބޫލުކުރަންޖެހެ އެވެ.

comment ކޮމެންޓް