މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސް އަށް ގައުމީ ފެންވަރުގެ ވަނައެއް

ފަންނު އެކްސްޕޯގައި މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްއަށް ލިބުނު އެވޯޑްއާއެކު އެ ކޮލެޖުގެ ޑެޕިއުޓީ ވައިސް ޗެއާ އެޑްމިނިސްޓްރޭޝަން އައިޝަތު ޝަބާނާ--- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ބުރާސްފަތު ދުވަހު ފެށި "ފަންނު އެކްސްޕޯ" ގައި މަންދު ކޮލެޖުން 2014 ވަނަ އަހަރު ތައާރަފް ކުރި "ވާޗުއަލް ކެމްޕަސް" ވިދާލައި، ގައުމީ ފެންވަރުގެ ވަނަތަކެއް ލިބިއްޖެ އެެވެ.

އެ ކޮލެޖުގެ ވާޗުއަލް ކެމްޕަސްއަށް ފަންނު އެކްސްޕޯގައި އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއިންނާއި ތައުލީމް ދިނުމުގެ ދާއިރާއިންވެސް ވަނީ ވަނަލިބިފައެވެ. އެ އެވޯޑާ ހަވާލުވެެލެއްވީ މަންދު ކޮލެޖުގެ ޑެޕިއުޓީ ވައިސް ޗެއާ އެޑްމިނިސްޓްރޭޝަން އައިޝަތު ޝަބާނާއެވެ.

އެކްސްޕޯއަށް ޒިޔާރަތް ކުރާ މީހުންގެތެރެއިން ގިނަ ބަޔަކުގެ ޝައުގުވެރިކަން އެ އުފެއްދުމަށް އަމާޒުވެފައިވާކަމަަށް މަންދުކޮލެޖުން ބުންޏެވެ.

މަންދު ކޮލެޖުގެ އޮފިޝަލަކު "ސަން" އަށް ރޭ ވިދާޅުވީ ވާޗުއަލް ކެމްޕަސް ސިސްޓަމްއަކީ 2005 އިން ފެށިގެން ކުރެވުނު ރިސާޗް މަސައްކަތެއްގެ ނަތީޖާ ކަމަށެވެ. އަދި އެ ސިސްޓަމްއަކީ އެގޮތަށް ބޭނުން ކުރުމަށް ދުނިޔޭގައިވެސް ފުރަތަމައަށް އުފެއްދުނު ސިސްޓަމްކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ބައެއް ޔުނިވަރސިޓީތަކުންވެސް އެ ސިސްޓަމަަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އަންނަ ކިޔެވުން ފެށުމަށް އެ ކޮލެޖުން ކުރި އިޢުލާނުގައި، އެ ކޮލެޖްގެ ފައުންޑޭޝަން ކޯސް ފިޔަވައި އެހެން ކޯސްތަކުގައި ބައިވެރިވާ ހުރިހައި ދަރިވަރުންނަށް ކޮލެޖްގެ ފަރާތުން މުޅީން ހިލޭ ލެޕްޓޮޕެއް ދޭނޭ ކަމަށް ވަނީ ބުނެފައެވެ. އަދި ފައުންޑޭޝަން ކޯހުގައި ބައިވެރިވާ ދަރިވަރުން އަތުން ފީ ނުނަގާގޮތަށްވެސް ވަނީ ހަމަޖައްސައިފައެވެ.

މަންދު ކޮލެޖުން ހުޅުވާލައިފައިވާ ފުރުސަތުގައި، ރާއްޖޭގެ ކޮންމެ ތާކު ހުރެގެންވެސް އެކޮލެޖުން މި ފަހަރު ފަށާ 53 ކޯހުގައިވެސް ކިޔެވުމުގެ ފުރުސަތު އެބައޮތެވެ. މަންދު ކޮލެޖުން ބުނަނީ މި ފުރުސަތު މިގޮތަށް ހުޅުވައިލައިފައި މިވަނީ ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފޯރު ކޮށް ދިނުމަށްކަމަށެވެ.

މަންދު ކޮލެޖަކީ ރާއްޖޭގައި ޕްރައިވެޓް އުސޫލުން ފުރަތަމަ ގާއިމު ކުރެވުނު މަތީ ތަޢުލީމުގެ މަރުކަޒެވެ. އެކާވީސް އަހަރު ފުރިފައިވާ އެ މަރުކަޒުގައި، ވާޗުއަލް ކެމްޕަސް ތައާރަފް ކޮށްގެން، އެ ކުއްޖަކު ހުރި ރަށަކުން ކިޔެވޭނެ ފުރުސަަތު ހުޅުވައިލިތާވެސް ފަސް އަހަރު ވެއްޖެއެވެ. ވާޗުއަލް ކެމްޕަސް ގައި ކިޔަވައިގެން 2000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ގްރެޖުއޭޓް ވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހިލޭ ލެޕްޓޮޕާއި، ފައިންޑޭޝަން ހިލޭ ކިޔެވުމުގެ ފުރުޞަތު އޮތީ 15 ޑިސެމްބަރ 2019 ގެ ކުރީން އެންރޯލްމަންޓް ފުރިހަމަ ކުރާ ދަރިވަރުންނަށެވެ.

comment ކޮމެންޓް