ހެދުން އެޅި ގޮތުން އަންހެނަކަށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.
އަދި އެފަދަ މައްސަލަތަކުގައި ހިމާޔަތް ދޭން ޖެހޭ ފަރާތްކަށް ހިމާޔަތް ދޭނެ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.
އަންހެނަކު ސޫޓެއް ލައިގެން އަދި އެހެނިހެން "ފިރިހެން" ފޭރާންތައް ލައިގެން ނަގާފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިފަހުން ވަނީ ދައުރުވެފައެވެ. އަންހެނަކު "ފިރިހެން" ފޭރާން ލުމަކީ އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށް ބުނެ މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.
އެކަން އެހެން ގޮސްފައި ވަނިކޮށް، އެ އަންހެން މީހާ ކުރިން މަސައްކަތް ކުރި ކެފޭއަށް ރޭ ވަނީ ބަޔަކު ގާ އުކައި އެ ކެފޭގެ ބިއްލޫރިގަނޑު ތަޅާލައިފައެވެ. އަދި އެ ކެފޭގެ ދޮރުގައި ހަރުކުރި އިންޒާރުގެ މެސެޖެއްގައި ވަނީ އަންހެނުން ފިރިހެން ނުވާށޭ އަދި ފިރިހެނުން އަންހެން ނުވާށޭ ލިޔެފައެވެ. އެ މައްސަލަވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.