އޮރިޔާންކާޑުން ބްލެކްމެއިލް ކުރި 9 މައްސަލައެއްގައި ދައުވާކުރަން ފޮނުވި، ފުލުހުން ބުނަނީ އެހީވާނެ ކަމަށް!

ނޮވެމްބަރ 24، 2019: ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޒާތީ ފޮޓޯތައް ނުވަތަ އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުުރުމުގެ ނުވަ މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ މައްސަލަތައް އެންމެ ބޮޑަށް ދިމާވަނީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ ދެމެދުގައިއާއި ރައްޓެހިވެގެން އުޅޭ ލޯބިވެރިންގެ ދެމެދުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް އަންހެނުން އަނިޔާކުރާ ފިރިންގެ ކައިރިން ވަރިވާން އުޅެފައިވެސް، ފިރިން ފޮޓޯތައް ލީކުކޮށްލާނެކަމުގެ އިންޒާރުދިނުމުން ވަރިނުކޮށް އަނިޔާތައް ތަހައްމަލުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ރައްޓެހިވެގެން އުޅޭ ދެ މީހުންގެ ދެމެދުގައިވެސް އެފަދަ އިންޒާރުދޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ލޯބިވެރިޔާއާ ރުޅިވާން ބުނެފިނަމަ ފޮޓޯ ލީކުކޮށްލާނެކަމުގެ އިންޒާރުދޭކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

"ފުރާވަރުގެ އަންހެންކުދިން ފިރިހެނުންނާ ރައްޓެހިވެގެން ޗެޓުކޮށް ހަދާ އިރު ފިރިހެންމީހާގެ ޑިމާންޑަށް އަންހެންކުއްޖާގެ ޖިންސީ ގުނަވަނުގެ ފޮޓޯ ނަންގަވާ ފޮނުވާފައިވާކަން ފާހަގަކުރެވޭ. މި ފޮޓޯތައް އެ މީހުން ފަހުން ބޭނުންކޮށްފައި ހުންނަނީ އެ އަންހެންކުއްޖާއާއި އޭނާގެ އާއިލާގެ މީހުން ބްލެކްމެއިލްކުރަންކަން ފާހަގަކުރެވިފައިވޭ،" އިޒްމިއާ ވިދާޅުވިއެވެ.

އަދި އެގޮތަށް ބްލެކްމެއިލްކުރާ މައްސަލަތަކުގައި، ފޮޓޯތައް ބޭނުންކޮށްގެން އަންހެންމީހާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޒްމިއާ އިލްތިމާސްކުރެއްވީ އެފަދަ ބްލެކްމެއިލްގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން އަންހެންކުދިން އެފަދަ ޒާތީ ފޮޓޯތައް ނުނެގުމަށެވެ.

ގިނަ ފަހަރު އެފަދަ މައްސަލަތައް ހުށަހަޅަން އަންހެނުންނަށް ނުކެރޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ފަހަރު ފުލުހުންގެ ސަމާލުކަމަށް އެފަދަ މައްސަލަތައް އަންނަނީ އެހެން ގޮތްގޮތުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަތައް ބެލުމުގެ ތެރެއިންވެސް އެފަދަ ކަންކަން ފެންމަތިވެފައިވާކަމަށް އިޒްމިއާ ވިދާޅުވިއެވެ.

"އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރައްވާ. އަޅުގަނޑުމެން ހުންނާނެ މީގެ ކުރިންވެސް ތުހުމަތުކުރެވޭ ފަރާތްތައް ފޮޓޯ ލީކުކުރުމުގެ ކުރިން ހައްޔަރުކޮށްފައި އަތުގައި ހުރި ފޮޓޯތައް އަތުލާފައި. ސިއްރުކުރުމަކީ އެއްވެސް ހައްލެއް ނޫން،"

ފާއިތުވި ފަސް އަހަރު އަންހެނުންނަށް އަނިޔާކުރުމުގެ ކުށްތަކުގެ ތަފާސްހިސާބުތައްވެސް އިޒްމިއާ މިއަދު ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޮރިޔާންކާޑު ބޭނުންކޮށްގެން އަންހެނުންނަށް ބްލެކްމެއިލް ކުރުމުގެ 34 މައްސަލައެއް މިދިޔަ ފަސް އަހަރުގެ ތެރޭގައ ހުށަހެޅި އޭގެ ތެރެއިން 7 މައްސަލައިގައި ދައުވާކުރަން ވަނީ ފޮނުވާފައެވެ. އަދި އޮރިޔާންކާޑު ބޭނުންކޮށްގެން ފިރިހެނުންނަށް ބްލެކްމެއިލްކުރުމުގެ ހަތަރު މައްސަލަ ހުށަހެޅި، އޭގެ ތެރެއިން ދެ މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

ފަސް އަހަރުގެ އެހެނިހެން ތަފާސްހިސާބުތައް

  • ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރާ އަނިޔާގެ 40 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން 14 މައްސަލައިގައި ދައުވާކުރަން ފޮނުވި.
  • ބިދޭސީ އަންހެނުންނަށް ކުރާ އަނިޔާގެ 76 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން 8 މައްސަލައެއްގައި ދައުވާ ކުރަން ފޮނުވި.
  • އަންހެންނުންނަށް ކުރާ ގެވެށި އަނިޔާގެ 412 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން 32 މައްސަލައެއްގައި ދައުވާ ކުރަން ފޮނުވި.
  • ރޭޕްގެ 16 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން ހަތަރު މައްސަލައެއްގައި ދައުވާކުރަން ފޮނުވި.
  • ޖިންސީ ފުރައްސާރަ ކުރުމުގެ 36 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން އެއް މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވޭ.
comment ކޮމެންޓް