ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ކޮމިޓީ ރިޕޯޓު އެޖެންޑާކޮށްފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- މަޖިލިސް

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާކޮށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ފާސް ކުރި ރިޕޯޓު މަޖިލީހުގެ ތަޅުމަށް އެޖެންޑާކޮށްފި އެވެ.

މަރު ކޮމިޝަނުގެ ރިޕޯޓް ދިރާސާކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން އެކުލަވާލި ރިޕޯޓް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާއަށެވެ.

މި މަހުގެ 18 ވަނަ ދުވަހު 241 ކޮމިޓީން ރިޔާސީ ކޮމިޝަންގެ ރިޕޯޓް ދިރާސާ ކުރަން ނިންމީ ހަތް ކަމެއްގެ މައްޗަށެވެ. އަދި އެކަންކަން ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލި އެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ދިރާސާކުރި ކަންތައްތައް

  • ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ސެލްތަކާއި މެމްބަރުންގެ އަދަދު ދެނެގަތުން
  • އެ މަރުގައި ފައިސާ ބަދަލުވެފައިވާ ގޮތާއި މިންވަރު ދެނެގަތުން
  • ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތައް ދެނެގަތުން
  • އެ މަރު ހިނގާކަން އެނގިތިބެ ސިއްރުކުރި ފަރާތްތައް ދެނެގަތުން
  • އެ މަރުގައި ފުލުހުންނާއި އިމިގްރޭޝަންގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބެލުން
  • ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން މިހާރު ތިބި ތަންތަން ދެނެގަތުން
  • ރިޕޯޓާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެންގުން
comment ކޮމެންޓް