އެންއައިސީ އަށް ޖިހާދު އައްޔަނު ކުރައްވައިފި

(އެންއައިސީ) ގެ މެންބަރު ކަމަށް ކާނަލް (ރޓޑ) އަހްމަދު ޖިހާދު އައްޔަނު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް ކާނަލް (ރޓޑ) އަހްމަދު ޖިހާދު، ވ. ދިވެތި އައްޔަނު ކުރައްވައިފިއެވެ.

އެ މަގާމަށް ޖިހާދު އައްޔަނު ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ލިޔުންހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެންއައިސީގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ޖިހާދުގެ ނަން މަޖިލީހުން ފާސްކުރީ 78 މެމްބަރުންގެ ވޯޓުންނެވެ.

ކާނަލަލް ރިޓަޔާޑް ޖިހާރު ވަނީ 1982 އިން 2013 ގެ ނިަޔލަށް އެމްއެންޑީއެފްގެ އެކި ރޭންކުތަކުގައި މަސައްކަތް ކުރައްވައިފައެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ކޯސްޓްގާޑް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑެޕިއުޓީ ސާޗް ކޯޑިނޭޓަރެއްގެ މަގާމުގައެވެ.

ޖިހާދަކީ މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ ފިރިކަލުންނެވެ.

އެންއައިސީގެ ގާނޫނު ބުނާ ގޮތުން ފަސް މެމްބަރުން ހިމެނޭ އެންއައިސީގެ މެމްބަރުންގެ ދައުރަކީ، ފަސް އަހަރެވެ. މިހާރު ކޮމިޝަންގައި ހިމެނޭ ހަތަރު މެމްބަރުންނަކީ، ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް