ޖިއެމްއައިޒެޑްއެލްގެ ވަޒީފާއިން ސަޓޯ ވަކިކޮށްފި

ސަޓޯ: އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައި --

ދީނީ އިލްމުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ވަޒީފާއިން ވަކިކޮށްފި އެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ގެއްލުވާލެވިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގިގު ރިޕޯޓުން އެނގޭ ގޮތުގައި އަމަލީގޮތުން ތިން މީހަކު އަފްރާޝީމް މަރާލުމުގައި ބެވެރިވެ އެވެ. އޭގެ ތެރެއިން އެކަކީ ސަޓޯ ކަމަށް ރިޕޯޓުގައި ބުނެ އެވެ. ރިޕޯޓު ނެރުނު ދުވަހު އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ރަޝީދު (މާމިގިލީ އިބޫ) މިއަދު "ސަން" އަށް ވިދާޅުވީ، ސަޓޯ ސަސްޕެންޑް ކުރުމަށްފަހު، ޖެހިގެން އައި ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ އިސް އެކްޓިވިސްޓް ސަޓޯ ޖީއެމްއައިޒެޑްއެލްގައި އަދާކުރަމުން ދިޔައީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހިމެނޭ ކ. ތިލަފުށީ ޖެޓީ ސުޕަވައިޒަރުގެ މަގާމެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގޭ ސިޑިގޮޅިތެރެއިންނެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް މަރުގެ ހުކުމް އިއްވައި، ކޯޓުގެ ހުރިހާ މަރުހަލާއަކުން ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

އެ މައްސަލައިގައި ހުމާމްއާ އެކު ޝާންގެ މައްޗަށް ވެސް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި އެވެ. އެހެން ނަމަވެސް، އެކަށީގެންވާ ހެކި ނެތިގެން ޝާން ވަނީ ސަލާމަތްވެފަ އެވެ. ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކޮށްފައެއް ވެސް ނުވެ އެވެ.

އަށާނަ އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ވެސް އަފްރާޝީލް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް އޭނާގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގޭންގު މެންބަރުންގެ ފައިގައި މޮނިކޮން ޓެގް އަޅުވަމުން ދިޔައިރު، ޝާންގެ ފައިގައި ވެސް ވަނީ ޓެގް އަޅުވައިފަ އެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، ޑރ. އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ. އެ ހަމަލާ ރޭވުމުގައި އެންމެ ބޮޑު މޭސްތިރިޔަކީ ހ. ހިލްޓަން، އަޒލީފް ރައޫފް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. ރިޕޯޓުގައިވާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު އަންނަނީ އިތުރަށް ދިރާސާ ކުރަމުންނެވެ.

comment ކޮމެންޓް