ބައެއް ސިފައިންނާއި ފުލުހުން އަނދިރި ދައުލަތުގެ ފިކުރު ގަބޫލު ކުރޭ: ނަޝީދު

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ މުއައްސަސާތަކުގައި ތިބި ބައެއް މީހުން ވެސް މިއަދު "އަނދިރި ދައުލަތު"ގެ ފިކުރު ގަބޫލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ހަރުކަށި ފިކުރުގެ މީހަކު ތޭރަ އަހަރުގެ ކުޑަކުއްޖަކާ ކޯޓުން ބޭރުން "ކައިވެނިކޮށްގެން" އުޅޭ ވާހަކަ މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ވަނީ އާންމުވެފަ އެވެ. މިއަދު ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މީގެ 50 އަހަރު ކުރިން، ކުޑަކުއްޖަކަށް ގޯނާއެއް ކޮށްފި ނަމަ އެކަން ނުބަލައި ސަލާމަތީ ބާރުތަކުން ނުތިބޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ މީގެ 50 އަހަރު ކުރީން ކުޑަކުއްޖަކަށް އަނިޔާއެއް ކުރީމާ އަވަށު ސަރުދާރެއް ވެސް ބަނޑޭރިގޭ މީހަކު ވެސް މާބަނޑޭރިއަކު ވެސް ގޭގައި ނިދަން އޮންނާނެ ކަމަކަށް ލަފައެއް ނުކުރެވޭ އަޅުގަނޑަކަށް. އެކަން ނުހޯދާ އެކަން ނުބަލައި އެކަން ނުހުއްޓުވައި،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ސަލާމަތީ ބާރުތަކުން އެކަންކަން ބެލުމުގައި ފަރުވާ ކުޑަ ވެފައި ވަނީ އެ މުއައްސަސާތަކުގައި ތިބި މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލެއްގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފުލުހުންގެ ތެރޭގައި ދިފާއީ ބާރުގެ ތެރޭގައި ފަރުވާކުޑަކަން، އަޅާ ނުލާކަން، ވަރިހަމަކަން މި އާންމުވެގެން މި ދަނީ މި ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން،" ނަޝީދު ވިދާޅުވި އެވެ.

އަހާލީމާ ތަހުގީގު ވަރަށް ރަނގަޅަށް ހިނގާ ކަމަށް ބުނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، މަޝްވަރާ ކުރަން ތިބޭ އިރު "ގެރި އޮންނާނީ ވަޅަށް ވެއްޓިފައި" ކަމަށް ވިދާޅުވި އެވެ.

ކުޑަކުދިންނާ "ކައިވެނި" ކުރުން ފަދަ ކަންތައްތައް ނުހުއްޓުވިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެކަން ނުހުއްޓުވިގެން އުޅެނީ މިހާރު ރާއްޖޭގައި ފެތުރިފައިވާ ފަލްސަފާއެއްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"ގާނޫނެއް އަޅުގަނޑުމެންގެ ތެރޭގައި ނެތިގެން ގޮތެއް އަޅުގަނޑުމެންގެ ތެރޭގައި ނެތިގެނެއް ނޫން. ހިތަށް އަޅުގަނޑުުމެންގެ ނުވަންނަނީކީއެއް ނޫން އުޅެންވީ ގޮތް. އަޅުގަނޑުމެންގެ ތެރެއަށް ފެތުރިއްޖެ ފަލްސަފާއެއް. އަޅުގަނޑުމެންގެ ތެރޭގައި އުފެދެން ފަށައިފި ފިކުރެއް ހިޔާލާތެއް. ދިވެހީންނަކީ އެހެން ބައެއްގެ ގޮތުގައި، ދިވެހިން އުޅެން ޖެހޭ ގޮތް ބަދަލު ކުރަން ބަޔަކު ނުކުމެއްޖެ. މިއީ ފިކުރީ ހަނގުރާމައެއް. މިއީ ގާނޫނެއްގައި ލިޔެގެން އަޅުގަނޑުމެންނަށް ވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުން އަނދިރި ދައުލަތުގެ ކަންތައްތައް ނުބަލައި، ތިބީ އެ މީހުން ވެސް އެ ފަލްސަފާއަށް ލެނބެން ފަށާފައި ވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން ތިއްބަވާ ބޭފުޅުން އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން މި މައްސަލަތައް ނުބައްލަވައި ދޫކޮށްލަވައްނީ އެ ބޭފުޅުން އެ އަނެއް ފަލްސަފާއަށް ލެނބެން ފަށައިފި. އަނދިރި ދައުލަތަށް ބައިއަތު ހިފައިފި،" ނަޝީދު ވިދާޅުވި އެވެ.

މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން މިފަހުން ނިންމި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި ރާއްޖޭގައި ދީނީ ހަރުކަށި ޖަމާއަތްތައް އޮޕަރޭޓު ކުރަމުން އެބަދެ އެވެ. އެއީ އަލްގައިދާ އަދި އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހުން ކަމަށްވެ އެވެ. އަދި އެ މީހުންނަކީ ރާއްޖޭގެ ގާނޫނުތަކަށް އިންކާރު ކުރާ މީހުން ކަމުގައި ވަނީ އެނގިފަ އެވެ. ރައީސް ނަޝީދު މީގެ ކުރިން ސިފަ ކުރައްވާފައިވާ ގޮތުގައި އެފަދަ މީހުންނަކީ "އަނދިރި ދައުލަތު"ގެ މީހުންނެވެ.

ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ އިއްޔެ ފެންމަތިވެފައިވަނިކޮށް، އޭނާ އަކީ އުމުރުން 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މީހެއްކަން ވަނީ ހާމަވެފަ އެވެ. އަދި އެ ކުއްޖާ މިފަހުން ބަލިވެ އިނދެ އެ މައްސަލަ ޖެންޑާއިން ބެލިކަން ވެސް ކަށަވަރުވި އެވެ. ބަލިވެ އިން އަންހެން ކުއްޖާ މިހާރު ހުރީ ކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްފައިކަން އެނގިފައިވެ އެވެ. އަދި އެ ކުއްޖާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފަ އެވެ.

comment ކޮމެންޓް