ފުލުގައި އޮތް ލެގަނެސް އަތުން ބާސެލޯނާ ސަލާމަތްކޮށްދިނީ ކިންގް ވިޑާލް

ބާސެލޯނާއާއި ލެގަނެސް ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 1-2ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ބާސާ ---- ފޮޓޯ// އޭޕީ

ބާސެލޯނާގެ ޗިލީ ފޯވާޑް އާތުރޯ ވިޑާލް (ކިންގް) ޖަހައިދިން ގޯލާ އެކު ލެގަނެސް އަތުން ހަނިގޮތަކަށް މޮޅުވެ އެއްވަނައިގެ ޖާގަ ގެއްލުނަ ނުދީ ހިފަހައްޓައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު އެ މެޗުން ތާވަލުގެ އެންމެ ފުލުގައި އޮތް ލެގަނެސް އަތުން ބާސާ މޮޅުވީ 1-2ގެ ނަތީޖާ އަކުންނެވެ. ހަނިގޮތަކަށް ނަމަވެސް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ބާސެލޯނާ އަދިވެސް އެއްވަނާގައި އޮތީ 13 މެޗު ކުޅެ 28 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް އެއަދަށް ޕޮއިންޓް ލިބިފައިވާ އިރު ބާސާ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. މެޗުން ބަލިވި ލެގަނެސްއަށް މިހާތަނަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

ރޭގެ މެޗަށް ބާސާއިން ނުކުތީ އެ ޓީމުގެ ހަތަރު ފޯވާޑުން ވެސް ފުރަތަމަ އެގާރާގައި ހިމަނައިގެންނެވެ. އުސްމާން ޑެމްބެލޭއާއި ލުއިސް ސުއަރޭޒް އަދި އެންޓޮއިން ގްރީޒްމަންގެ އިތުރުން ލިއޮނެލް މެސީއާ އެކު މެޗު ފެށި ނަމަވެސް އިދިކޮޅު ޓީމުން ވަނީ މެޗުގެ 12 ވަނަ މިނަޓުގައި ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. ގޯލަށްފަހު ބާސެލޯނާއިން ކުޅުން ރަނގަޅު ކުރި ނަމަވެސް ލެގަނެސްގެ މުޅި ޓީމު ފަހަތަށް ޖެހިގެން ކުޅުމުން ބާސެލޯނާއަށް ގޯލު ޖަހަން ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ބާސާއިން މެޗުގެ ދެ ގޯލު ވެސް ދެވަނަ ހާފުގައި ޖެހި އިރު ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. އެއަށް ފަހު މެޗުން މޮޅު ކޮށްދިން ގޯލު ޖަހައިދިނީ ވިޑާލް އެވެ. މެޗަށް ފަހު ބާސެލޯނާގެ ކޯޗުގެ އިތުބާރު ނެތް ކަމަށް ބުނެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ކޯޗު އިސްތިއުފާއަށް ގޮވާ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. ތާވަލުގެ ފުލުގައި އޮތް ޓީމެއް އަތުން އެފަދަ ނަތީޖާއެއް ނެރުމަކީ ބަލައިގަނެވޭނެ ކަމެއ ނޫން ކަމަށް ބާސެލޯނާ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

އެ ޓީމާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ރެއާލް ސޮސިއެޑޭޑް ބަލިކުރީ 1-3 އިންނެވެ. ސޮސިއެޑޭޑްއިން މެޗުގެ ކުރީ ކޮޅު ގޯލެއް ޖަހައިފައި އޮއްވާ ރެއާލް މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒީމާ އެވެ. ދެވަނަ ހާފު ފެށިގެން ފެޑްރިކޯ ވަލްވާޑޭ އެ ޓީމަށް ލީޑު ނަގައިދިން އިރު މެޗު ނިމެން ދަނިކޮށް ލޫކާ މޮޑްރިޗް ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.

comment ކޮމެންޓް